"ފަތުރުވެރިކަމަކީ ވަރަށް ނާޒުކު އެއްޗެއް. ބިކުރެއް ކަހަލަ އެއްޗެއް. ހަމަ ކަނޑައިގެންދިޔައީމަ އެދިޔައީ. ޓޫރިޒަމް ސިނާއަތަށް އަތް ބާނައި ގޯނާކޮށް އެއަށް ގޯޯސްކޮށް ހަދާނަމަ އެ ކުޅެވެނީ ދިވެހިންގެ މޭގަނޑާ،" ސިޔާމު ވިދާޅުވި އެވެ.
ފަތުރުވެރިކަމަކީ ބިކުރެއް ފަދަ ކަމެއްކަގައި ސިފަކުރައްވަމުން ޓޫރިޒަމް ދާއިރާއިން ނަގާ ޓެކުސްތައް ކުއްލިއަކަށް ބޮޑުކުރުމުން އެ ސިނާއަތަށް އަދި ޖުމްލަކޮށް މުޅި އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ބޮޑުކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސިޔާމު ވިދާޅުވެއްޖެ އެވެ.
ސިޔާމު ފާހަގަކުރެއްވި ގޮތުގައި ދުނިޔެއަކީ މިހާރު ވަރަށް ބޮޑަށް ބަވަނަވެ ލާމެހިފައި އޮތް ދުނިޔެއަކަށްވުމުން ރާއްޖެއިން ކުއްލި ގޮތަކަށް ޓޫރިޒަމްގެ ޓެކްސްތައް ބޮޑުކުރުމުން އެކަމުގެ އަސަރުތައް އިންޑަސްޓްރީއަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ. އެގޮތުން ރިސޯޓުތައް ތަރައްގީކޮށްފަައި ހުންނަނީ ބޭރުގެ ގައުމުތަކުން ބޮޑެތި ލޯނުތައް ނަގައިގެންކަން ފާހަގަކުރައްވައި ސިޔާމު ވިދާޅުވީ ކުއްލިއަކަށް ޓެކްސް ބޮޑުކުރުމުން އެ ލޯނުތައް އަދާކުރަން ދަތިތައް ކުރިމަތިވާ ކަމަށެވެ.
ސިޔާމު ވިދާޅުވީ އެ ލޯނުތައް ނަގަނީ އެތައް ދިރާސާއެއް ހަދައިގެން ވިޔަފާރީގެ ފައިދާއާއި ގެއްލުމުގެ މައުލޫމާތުތައް އެއްކޮށްގެން އެ މައުލޫމާތުތައް ބޭރުގެ ބޭންކުތަކާ ހިއްސާކޮށްގެން ކަމަށެވެ. ޓެކުސްތައް ބޮޑުކުރުމުން އެ ފައިސާ ދެއްކޭނެ ގޮތަށް ކަންކަން ހަމަޖައްސަން ވަރަށް ބޮޑަށް އުދަގޫވާ ކަމަށްވެސް ވިދާޅުވި އެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުގައި ރިސޯޓުތަކުން ހުންނަނީ ޓުއާ އޮޕަރޭޓަރުންނާއެކު އެއް އަހަރަށް ނުވަތަ ދެ އަހަރަށް އެއްބަސްވުން ހަދާފަ އެވެ. އެ އެއްބަސްވުންތަކުގައި ކޮޓަރި ވިއްކާ އަގުތައް ހިމަނާފައި ހުރުމުގެ ސަބަބުން އެ އަގުތަކަށްވުރެ އަގު ބޮޑުކުރުމަކީވެސް ރިސޯޓުތަކަށް އޮންނަ ހިޔާރެއް ނޫންކަން ޝިޔާމު ފާހަގަކުރެއްވި އެވެ.
"އެނގިލައްވާނެ އަޅުގަނޑުމެން [ރިސޯޓުތައް] މިހަދަނީ 12 އަހަރުގެ 13 އަހަރުގެ ބޮޑެތި ފީސިބިލިޓީތައް ހަދައިގެން ބޮޑެތި ލޯނުތައް ނަގައިގެން. ލޯނު ދެއްކޭނެކަމުގެ ހުރިހާ ކަމެއް ޔަގީންކަން އޮވެގެން މިނަގަނީ. އެ ފައިސާ ނަގައިފިއްޔާ ދައްކަންޖެހޭނެ. މިކަންކަން ދައްކަން ވަރަށް ދަތިވޭ އެގޮތަށް ކަންކަން ކުރީމާ،" ސިޔާމު ވިދާޅުވި އެވެ.
"އަނެއްކާ އަޅުގަނޑުމެންގެ ޕާޓްނަރު ޓުއަ އޮޕަރޭޓަރުންނާ އަޅުގަނޑުމެން މިއޮންނަނީ އެއް އަހަރު ނޫނީ ދެ އަހަރުގެ މިނިމަމް އެގްރިމެންޓުގައި ސޮއިކޮށްފައި. އެމީހުންނަށް ވިއްކާފައި މިއޮންނަނީ. އަގުތަކާ ހުރިހާ އެއްޗެއް [ހިމެނޭ] އެއަށްވުރެ އަގުތައް ބޮޑެއް ނުކުރެވޭ،"
ސިޔާމު ވިދާޅުވީ މިފަހަރު ޓެކްސް ބޮޑުކުރުމުން ގިނަ ރިސޯޓު އޯނަރުން އޮޕަރޭޓަރުން ކިބައިން އެދުނީ ބޮޑުވި ޓެކްސް އޮޕަރޭޓަރުން ތަހައްމަލުކުރުމަށެވެ. ނަމަަވެސް އޮޕަރޭޓަރުން ނިންމީ ބުކިންތައް ކެންސަލްކުރަން ކަމަށާއި، އެގޮތުން ވަރަށް ގިނަ ބުކިންތައް ކެންސަލްވުމާއެކު މިހާރު ގިނަ ރިސޯޓުތަކުން ބޮޑުވި ޓެކްސް އަމިއްލައަށް ތަހައްމަލުކޮށް އުފުލަން އެއްބަސްވެފައިވާ ކަމަށް ސިޔާމު ވިދާޅުވި އެވެ.
ސިޔާމު ވިދާޅުވީ މިހާރު ގެނައި ބަދަލުތަކާއެކު އިތުރަށް ޓެކްސްގެ ގޮތުގައި 12 ވަރަކަށް މިލިއަން ޑޮލަރު ދައްކަންޖެހޭނެ ކަމަށެވެ. އެއީ އުފުލުން އުދަގޫ ބުރައެއް ކަމުގައި އޭނާ ސިފަކުރެއްވި އެވެ.
އިގުތިސާދަކީ އަދި ފަތުރުވެރިކަމަކީ ވަރަށް ނާޒުކު ކަންކަން ކަމުގައި ސިފަކުރައްވައި ސިޔާމު ވިދާޅުވީ ފަތުރުވެރިކަމަކީ ބިކުރެއް ފަދަ ކަމެއް ކަމަށާއި، ކަނޑައިގެންދިއުމުން އެދިޔައީ ކަމަށެވެ.
"ފަތުރުވެރިކަމަކީ ވަރަށް ނާޒުކު އެއްޗެއް. ބިކުރެއް ކަހަލަ އެއްޗެއް. ހަމަ ކަނޑައިގެންދިޔައީމަ އެދިޔައީ. ޓޫރިޒަމް ސިނާއަތަށް އަތް ބާނައި ގޯނާކޮށް އެއަށް ގޯޯސްކޮށް ހަދާނަމަ އެ ކުޅެވެނީ ދިވެހިންގެ މޭގަނޑާ،" ސިޔާމު ވިދާޅުވި އެވެ.