ބަލްގޭރިއާއިން އައި މި ބޯޓަކީ ޗާޓަރުތަކެއް ފަށަން ފެށި ޓެސްޓް ފްލައިޓެއް ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ވަނީ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މި ބޯޓަކީ ޑިއެގޯގާސިއާއަށް އައި ބޯޓެކެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ބަލްގޭރިއާއިން އައި ބޯޓު ދިޔައީ އެމެރިކާގެ އަސްކަރީ ބޭސް ޑިއެގޯގާސިއާއަށްކަން އެނގިއްޖެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ބަލްގޭރިއާގެ ވެރިރަށް ސޯފިއާއިން ފްލައިޓެއް ޖައްސާފައިވާތީ އައްޑޫ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި ގަން އެއާޕޯޓް ހިންގާ ކުންފުނީގެ އިސްވެރިން ވަނީ އެ ފްލައިޓުން އައި ކްރޫއިންނަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އައި ވީއައިޕީ ހިދުމަތް ދީފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް މެންބަރު ޒަރީހު ހުސެއިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ މި ފްލައިޓަކީ ޗާޓަރެއް ފަށަން ފެށި ޓެސްޓް ފްލައިޓެއް ކަމަށެވެ. އަދި އެ ފުލައިޓު ހަފުތާއަކު އެއް ދަތުރެއް ކުރާނެ ކަމަށެވެ. ނަމަވެސް ގަން އިންޓަނޭޝަލް އެއާޕޯޓުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ގުލީވީއެއާ އޭ330 ގެ ބޯޓެއް އެއާޕޯޓުގައި މަޑުކޮށްފައިވާ ކަމަށެވެ.
"މިރާ" އަށް އެނގިފައިވާ ގޮތުގައި މި ފްލައިޓް ހޭންޑަލް ކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސައުތުޕާމް ކުންފުނިންނެވެ. މި ފްލައިޓުގެ އިތުރު މައުލޫމާތު ހޯދަން ސައުތުޕާމް ކުންފުނީގެ އޮފިޝަލަކަށް އިއްޔެ އިން ފެށިގެން ގުޅުމުން ވެސް އިތުރު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އެނގިފައިވާ ގޮތުގައި މި ފްލައިޓު އައިސްފައިވަނީ އެމެރިކާ ސިފައިން އިންޑިއާ ކަނޑުގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭސް ޑިއޭގޯ ގާސިއަށެވެ. މި ބޯޓު އެތަނަށް ދިޔަ ސަބަބެއް ނޭނގެ އެވެ. ނަމަވެސް އާއްމުކޮށް އެތަނަށް ދާނީ އަސްކަރީ ބަޔަކު ޓްރާންސްޕޯޓް ކުރަން ނުވަތަ ސާމާނެއް ޑެލިވަ ކުރާށެވެ. ފްލައިޓް ރާޑަރުންވެސް އެނގޭ ގޮތުގައި ގަމުގައި ޖެއްސި މި ބޯޓު މިއަދު ހެނދު ފުރައިގެން ވަނީ ގޮސްފަ އެވެ.
ބެލެވޭ ގޮތުގައި މި ފްލައިޓް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ޑިއޭގޯ ގާސިއާއަކީ އަސްކަރީ ބޭހަކަށްވުމުން އެތަނުގައި ބޯޓު ބޭއްވުމުގެ ހުއްދަ ނޯންނާނެތީ އެވެ.