ފަލާހު ވިދާޅުވެފައިވަނީ 19 ވަނަ މަޖިލީހުގައި ކަންކަން ކުރަމުންއައީ ރަނގަޅަށް ދިރާސާނުކޮށްކަމަށް ނަމަވެސް ވިހިވަނަ މަޖިލީހުން ހުރިހާ ކަމެއް ކުރަނީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ކަމަށެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ކަންކަަންކުރަނީ ކުރިއާ މުޅިން ތަފާތުކޮށް ވަރަށް ބޮޑަށް ދިރާސާކޮށްގެންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގައި ކޮޕީ ރައިޓްސް ބިލާމެދު ވާހަކަދައްކަވަމުންނެވެ. ފަލާހު ވިދާޅުވީ 19 ވަނަ މަޖިލީހުން ކަންކަން ކުރި ގޮތާ މިހާރުގެ މަޖިލީހުން ކަންކަންކުރާ ގޮތް މުޅިން ތަފާތު ކަމަށެވެ. އެއިރު ބިލުތައް އެއްވެސް މިންވަރަކަށް ދިރާސާނުކުރާ ކަމަށާއި، ނަމަވެސް މިހާރު މަޖިލީހުން ކޮންމެ ބިލެއްގައިވެސް ވަަރަށް ރަނގަޅަށް ދިރާސާކުރާ ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި ވިހިވަނަ މަޖިލީހުން ކޮންމެ ބިލެއްގެ މަސައްކަތްވެސް ނިންމަނީ ކަމާ ގުޅުންހުރި ފަރާތްތައް މަޖިލީހަށް ހާޒިރުކޮށް އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. އަދި ބިލުތައް ފާސްކުރުމުގެ ކުރިން އެ ބިލުތައް ދިރާސާކުރުމަށް ކުރިން ނުކުރާ މިންވަރަށް މިހާރު މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަޖިލީހަށް ހުށަހެޅޭ ބިލުތަކުގައި ކޮމިޓީ މަރުހަލާގަވެސް ވަރަށް ގިނަ ދިރާސާތައް އަޅުގަނޑުމެން އެބަކުރަން. މީގެ ކުރީގައި 19 ވަނަ މަޖިިލީހުގައި ކަންތައް ކުރި ގޮތަކަށް ނޫން މި މަޖިލީހުން ކަންކަން ކުރަނީއެއް. އެއިރުގައި އެ ބޭފުޅުން އެއްވެސް މިންވަރަކަށް ކަންކަން ދިރާސާައެއް ނުކުރޭ،" ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބިލެއް އަޔަސް ކޮމިޓީ މަރުހަލާއަށް ދިއުމަށްފަހު ކަމާ ގުޅުންހުރި ބޭފުޅުންގެ ކޮމެންޓަށް އެބަ ފޮނުވަން. އަޅުގަނޑުމެންގެ ސަރުކާރުގެ ބޭފުޅެއްވިޔަސް ކަމާ ގުޅޭ ހުރިހާ ބޭފުޅުންގެ މަޝްވަރާއާ ލަފާ އެބަހޯދާ،"
ފަލާހު އިތުރަށް ވިދާޅުވީ ވިހިވަނަ މަޖިލީހުން އަންނަނީ މަޖިލީހުގެ ދައުރުގެ ތެރޭގައި ޗުއްޓީއަށް ނުގޮސް މަސައްކަތްކުރަމުން ކަމަށެވެ. އެގޮތުން ފާއިތުވި ދައުރުގައިވެސް ޗުއްޓީއަށް ނުގޮސް މަސައްކަތްކޮށްފައިވާ ކަމަށާއި، މި ދައުރުގައިވެސް ނޮވެންބަރު 30 ގައި ޗުއްޓީއަށް ދިއުމުގެ ބަދަލުގައި 15 ދުވަހަށް ދައުރު އިތުރުކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެޖޯރިޓީ ލީޑަރު ވިދާޅުވި ގޮތުގައި މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުންނަށް ދަތިވެގެން މިއުޅެނީ މަޖިލިސް ޗުއްޓީއަށް ނުގޮސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރަމުންދާތީ ކަމަށެވެ.
މިފަދައިން ފަލާހު ވިދާޅުވިއިރު އެންމެ ދުވަހަކުން ގާނޫނުއަސާސީ ބަދަލުކުރުމާއި ތިން ދުވަހުން ޓެކްސް ގާނޫނުތައް ބަދަލުކުރުމާ ގުޅިގެން މަޖިލީހަށް އިދިކޮޅު ޕާޓީތަކާއި ބައެއް އާންމުންގެ ފާޑުކިޔުންވަނީ އަމާޒުވެފަ އެވެ.