މާލީ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނުސީދާކޮށް ދެމުން އައި ސަބްސިޑީތައް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުން ދެނެގަނެ އެމީހުންނަށް ސީދާ ދިނުމުގެ ނިޒާމަކަށް ބަދަލުކުރުމެވެ.
ސަބްސިޑީ އިސްލާހު ކުރުމުގެ މަސައްކަތާއި ޑައިރެކްޓް ސަބްސިޑީ ދިނުމުގެ އުސޫލާއި ގުޅޭގޮތުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާ ފެނަކަ ކޯޕަރޭޝަނުން މަޝްވަރާ ކޮށްފި އެވެ.
މިއަދު އޮތް ބައްދަލްވުމުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު އަދި އެންސްޕާއާ ފެނަކައިގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލްވުމާއި ގުޅޭގޮތުން ފެނަކައިން ބުނީ މި ބައްދަލްވުމުގައި ސަބްސިޑީ އިސްލާހު ކުރުމުގެ މަސައްކަތާއި ޑައިރެކްޓް ސަބްސިޑީ ދިނުމުގެ އުސޫލާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން އަންނަ އަހަރު ގެންނަަން ހުށަހަޅާފައިވާ މާލީ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނުސީދާކޮށް ދެމުން އައި ސަބްސިޑީތައް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުން ދެނެގަނެ އެމީހުންނަށް ސީދާ ދިނުމުގެ ނިޒާމަކަށް ބަދަލުކުރުމެވެ.
އެ ބަދަލުގެ މައިގަނޑު މަގުސަދަކަށް ވާނީ މާލީ އެހީތެރިކަން ބޭނުންވާ އެންމެނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ބަޖެޓުގައިވާ ގޮތުން ސަބްސިޑީ ދެމުން އަންނަ އުސޫލަކީ ބަޖެޓަށް ބުރަ ބޮޑު އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ އުސޫލެކެވެ. އެގޮތުން ކަރަންޓާއި، ކާޑާއި ތެލާއި ނަރުދަމާގެ ހިދުމަތްތައް އަގުހެޔޮކުރުމަށް ދޭ ސަބްސިޑީތައް 1.2 ބިލިއަން ރުފިޔާއިން 3.2 ބިލިއަން ރުފިޔާއަށް ފަސް އަހަރު ތެރޭ އިތުރުވެފައިވާކަން ބަޖެޓުގައި ފާހަގަކުރި އެވެ.
އިތުރަށް ބަޖެޓު ފޮތުގައި ފާހަގަކުރި ކަމަކީ މިހާރު ސަބްސިޑީ ނިޒާމު އޮންނަ ގޮތުން ސަބްސިޑީތައް ލިބެނީ އެންމެ އަދުލުވެރި ގޮތުގައި ނޫން ކަމެވެ. އެގޮތުން މުދަލާ ހިދުމަތްތަކަށް އެންމެ ބޮޑު ހޭދައެއް ކުރަނީ އެންމެ މުއްސަނދި ގޭބީސީތަކުން ކަމުގައިވާތީ ސަބްސިޑީގެ ބޮޑު ބައެއް ހަރަދުވަނީވެސް އެ ގޭބީސީތަކަށްކަން ފާހަގަކުރި އެވެ. އެގޮތުން ސަބްސިޑީތަކުގެ 43 އިންސައްތަ ބެހެނީ އެންމެ މުއްސަނދި ގޭބީސީތަކުގެ 40 އިންސައްތައަށް ކަމުގައި ބުނެފައިވެ އެވެ.