"ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް،"
މި ސަރުކާރުން އަމާޒު ހުރީ ކުރީގެ ބިރުވެރި މާޒީ އަލުން އިއާދަކުރުމަށް ކަމަށާ އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި ކުރި ޕޯސްޓަކާއި ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓަކު ފުލުހަށް ހާޒިރު ކުރަން ނިންމުމާއި ރައީސް މުއިއްޒުގެ އަބުރުފުޅަށް ހުތުރުވާ ފަދަ ވާހަކަތަކެއް ދެއްކި މައްސަލަ އެއްގައި ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލާ ނަސޭހަތްތެރިވެ އެފަދަ ކަމެއް ތަކުރާރު ނުުކުރުމަށް އެންގުމަށް އެލްޖީއޭ އިން ގދ އަތޮޅު ކައުންސިލުގައި އެދުނު މައްސަލައަށް އިޝާރާތް ކުރައްވަ އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް ސޯލިހް އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ފުލުހަށް ހާޒިރުކުރުމާއި ކައުންސިލްތަކަށް އިންޒާރުގެ ސިޓީ ފޮނުވުމަކީ ދިވެހި ރައްޔިތުންގެ ބުރަ މަސައްކަތުން ހޯދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
އަދި ވިދާޅުވި އެވެ؛
"ސަރުކާރަށް ފާޑުކިޔުން އަމާޒުކުރުމަކީ ކުށެއްގެ ގޮތުގައި ހަދައި އަދަބު ދިނުމުގެ ބިރުވެރި މާޒީ އަލުން އިއާދަކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް،"
އެކްސް ގައި ކުރި ޕޯސްޓަކާއި ގުޅިގެން ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ހއ. ތުރާކުނު ނިޔަދުރުމާގެ ހުސައިން ޝާފިއު އަށެވެ. މިއީ އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއް ގައި ހަޑިހުތުރު ބަސް ބޭނުންކޮށް ބިރުވެރިކަން އުފެދޭ ގޮތަށް ލިޔެފައިވާ މައްސަލައާ ގުޅިގެން އެންގި އެންގުމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އޭނާގެ ޕޯސްޓްގައި ވަނީ ބޮޑު އަގުގައި ސިގިރޭޓް ގަންނަން ޖެހުނު ޖެހުމަށް އިޝާރާތް ކޮށްފަ އެވެ. ބޮޑު އަގުގައި -- 270 އަށް ސިގިރެޓް ފޮއްޓެއް ގަނެފައިވާ ކަމަށެވެ. ރައީސް އިދިކޮޅު އެކްޓިވިސްޓުން ރައީސް މުއިއްޒަށް އަމާޒުކޮށް ބޭނުން ކުރާ ނަމެއް ލިޔުމަށް ފަހު ވަރަށް ހުތުރު ބަހެއް ބޭނުން ކޮށްފައިވެ އެވެ. އަދި އިންޒާރަކަށް ފުދޭ ފަދަ އިބާރާތެއް ބޭނުން ކޮށްފައިވެ އެވެ.
އެ އިބާރާތުގައި ވަނީ މިފަދައިންނެވެ.
"މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!"
އެ މައްސަލާގައި އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން މިނިސްޓަރު އިހުސާން ވަނީ ޝާފިއު ފުލުހަށް ހާޒިރުކުރާ ސަބަބު ވަރަށް ބޮޑަށް ސާފު ކޮށްދެއްވާފަ އެވެ. ވިދާޅުވީ އޭނާގެ ޕޯސްޓުގައި ލިޔެފައި އޮތް -- "މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި" މި ޖުމްލައިން ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެ ކަމަށް ދޭހަވާގޮތަށް އޮތުމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"މާދަމާ މީހަކު މިފަދަ އިބާރާތެއް މަނިކުފާނަށް ނިސްބަތްކޮށް ނުވަތަ ދޭހަވާގޮތަށް ބުނެފިނަމަ އެއީ ހިޔާލުފާޅުކުރީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ އަދި އެހެން ތިއްބާ މަނިކުފާނު މަގެއްމަތިން ފެނި ޖިސްމާނީ އަނިޔާއެއް ދީފިނަމަ އެއީ ފާޅުކުރި ހިޔާލު އިތުރަށް ސާފުކޮށް ދިނީ ކަމަށް ބަލާ އަޅާނުލާ ތިބެންވީތޯ؟ މިއީތޯ މަނިކުފާނުގެ ޒައާމަތެއްގައި މިގައުމުގައި ކަންކަން އޮންނާނެ ގޮތަކީ،" އެމްޑީޕީފެ ޗެއާޕާސަން ފައްޔާޒަށް އަމާޒު ކުރައްވާ މިނިސްޓަރު އިހްސާން ސުވާލު ކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ޔަގީނުން ވެސް މި ސަރުކާރުގައި އެއްވެސް ބޭފުޅެއް އިސްތިސްނާ ނުކޮށް އެމީހެއްގެ ހަށިގަނޑާއި ފުރާނަ ރައްކާތެރި ކުރެވޭނެ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅު ކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށެވެ.
"ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް،" މިނިސްޓަރުގެ ޕޯސްޓް ގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެ އަތޮޅު ކައުންސިލަށް އެންގީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
އެލްޖީއޭ އިން ގދ އަތޮޅު ކައުންސިލަށް އެކަން އެންގީ ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރީންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި ކަމަށް ބުނެ އާންމުންގެ މީހަކު ހުށައެޅި ޝަކުވާއަކާ ގުޅިގެންނެވެ.
ގައްދޫ ރައީސް އެކަން ކުރީ ކައުންސިލްގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖުތަކެއްގަ އެވެ. އެލްޖީއޭ އިން އަތޮޅު ކައުންސިލްގައި އެދުނީ އެ މައްސަލަ ބެލުމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ގައްދޫ ރައީސަށް އެންގުމަށެވެ.
ގދ އަތޮޅު ކައުންސިލުން ބުނީ އެލްޖީއޭގެ އެންގުމާއި އެއްގޮތަށް މައްސަލަ ބަލާނެ ކަމަށެވެ.
ގައްދޫ ރައީސަކީ ޕީޕީއެމްގެ މެންބަރެއް ނަމަވެސް ރައީސް ޔާމީން އެ ޕާޓީ ދޫކޮށްލުމުން އޭނާ ވަނީ ރައީސް މުއިއްޒާ ދެކޮޅުކަން ހާމަކޮށްފަ އެވެ. ރައީސް އެ ރަށަށް ވަޑައިގަތުމުން ކައުންސިލުން އެއްބާރުލުމެއް ވެސް ނުދިނެވެ. އެމަނިކުފާނާއި ބައްދަލު ވެސް ނުކުރެއްވި އެވެ.