މިވަގުތު ލިންކު ރޯޑު އަލުން ހެދުމަށް ވުރެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅު ނުހަދާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫ ސިޓީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހުއްދަނެތި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ ޢަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީ ކަމަށް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިނިސްޓްރީގެ އެންގުމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެން ކަން އޮތްގޮތް ސާފުކޮށް ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މޭޔަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ހަންކެޑެ ބްރިޖް އެޅުމަށް ހެދިފައިވާ ވަގުތީ ފަސްގަޑުގައި ހުރި ވެލި އަބުރާ ނެގުމަށް ފަހު ރައްޔިތުންގެ ބޭނުންތަކަށް އެވެލި ބޭނުންކުރުމަށް ކައުންސިލްއިން މަސައްކަތް ކުރަމުން ދަނިކޮށް ކުރިން އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެންޖިނިއަރުން ލައްވާ ސޮއިކުރުވައި އެވެލި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި އެންގެވުމަކީ ދައުލަތް ހިންގަން ހެދިފަހުރި ގާނޫނުތަކާއި ފުށުއަރާ ޖާހިލު ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނާއި 'ތޮޅެން' މަގުފަހި ކުރަން ހިންގާ އަމަލެއް. ލާމަރުކަޒީ ގާނޫނު ފުޑާލަން އިތުރު ކުރި ބޮޅެއް. ގާނޫނާއި ހަމައާއި އުސޫލުން ބޭރުން އަންގާ އެންގުންތަކަށް އައްޑޫ ސިޓީ ކައުންސިލްއިން އަމަލު ނުކުރާނެ ކަން މައުލޫމާތައް ޓަކައި ދަންނަވަން. ކަންކަން ނިންމުމުގައި މަޝްވަރާ އިސްކޮށް ދައުލަތް ހިންގުމުގެ ޒަމާނީ ހަމަތަކަށް ފަރިތަވުމަށް ވެސް ދަންނަވަން،" މިނިސްޓަރު މުއްތަލިބަށް ޓެގް ކުރައްވާ ކުރެއްވި ޕޯސްޓްގައި މޭޔަރު ނިޒާރު ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ މިނިސްޓްރީގެ ހުއްދަނެތި އެވެލި ބޭނުން ނުކުރުމަށް އެދުނީ އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމުގައި ގިނަ އަދަދަކަށް ވެލި ބޭނުންވެދާނެ ކަމަށް ފެންނާތީ އާއި އައްޑޫ އަކީ ފަސޭހައިން ވެލި ނެގެން އޮތް ތަނަކަށް ނުވާތީ ކަމަށެވެ.
އަދި ވިދާޅުވީ މިވަގުތު އައްޑޫ ސިޓީގެ ލިންކު ރޯޑު އަލުން ހެދުމަށް ވުރެ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެވެލި ބޭނުންކުރަން ޖެހޭ އެހެން މުހިއްމު ކަމެއްވާނަމަ ކައުންސިލުން އެދުމުން އެވެލި ދޫކުރުމަށް މިނިސްޓްރީ އިން ދެކޮޅެއް ނުހަދާނެ ކަމަށެވެ.