ސްޓޭޓް މިނިސްޓަރު ނިހާދު ވިދާޅުވީ އިތުރަށް އިންޑިޔާ މާކެޓު ގެއްލުވައިނުލައި، ކުރިއަށް އޮތް އަހަރު އެ ގައުމުން އަންނަ ފަތުރުވެރިން ދެ ގުނައަށް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
އަންނަ އަހަރު އިންޑިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދެ ގުނައަށް އިތުރުކުރެވޭނެ ކަމުގައި ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ވިދާޅުވީ އެކި ސަބަަބުތައް މެދުވެރިގެން މި އަހަރު ކުރީ ކޮޅުގައި އިންޑިޔާ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ނަމަވެސް މުޅި ސަރުކާރު އެކީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތުން މިހާރު އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވިފައިވާ ކަމަށެވެ.
ނިހާދު ވިދާޅުވި ގޮތުގައި އިންޑިޔާއާ ރާއްޖޭގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވި އިންޑިޔާގެ ބާޒާރުގައި ރާއްޖެއާމެދު އޮތް ނުތަނަވަސްކަން ކުޑަކުރެވި ދިވެހިރާއްޖޭގެ ތަސައްވުރު ރަނގަޅުކުރެވުނީ އެ ގައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގަ އެވެ.
އެގޮތުން އެ ދަތުރުފުޅުގައި އިންޑިޔާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކާއި އިންޑިޔާގެ ބޮލީވުޑުގެ ތަރިންނާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އިންޑިޔާ މާކެޓު މިހާރު އަލުން ހޯދިފައިވާކަމަށް ނިހާދު ވިދާޅުވި އެވެ. މިހާރު އިންޑިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، މައްސަލަ ހޫނުވިއިރު ރާއްޖެ ބޮއިކޮޓުކުރަން ގޮވައިލި ބައެއް މީހުން މިހާރުވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
"[ރައީސްގެ] ރަސްމީ ދަތުރުފުޅުގެ ތެރޭގައި ދެކެވުނު ވާހަކަތަކާއި އިންޑިޔާ ސަރުކާރާއެކުގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އެ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ ބޮލީވުޑުގެ ސްޓާރުންނާއި އެކްޓިވިސްޓުންނާއެކު ކުރެެވުނު މަސައްކަތްތަކުގެ ތެރެއިން މުޅި އިންޑިޔާ މާކެޓު އަނެއްކާވެސް ރާއްޖެއަށް ހޯދުމަށްޓަކައި ކުރެވުނު ބުރަ މަސައްކަތްތަކުން އިންޑިޔާ މާކެޓު އަޅުގަނޑުމެންނަށް ލިބުނީ،" ނިހާދު ވިދާޅުވި އެވެ.
"މިއަދު އިންޑިޔާ މާކެޓަށް ބަލާއިރު އަނެއްކާވެސް އަންނަނީ ބޫސްޓުވަމުން. އެ ދުވަސްވަރު ސޯޝަލް މީޑިޔާގައި ރާއްޖެ ބޮއިކޮޓުކޮށްފީމޭ ކިޔައިގެން ލިޔުނު މީހުންވެސް މިއަދު އެތިބީ ހޮލިޑޭގައި ރާއްޖޭގައި،" ނިހާދު ވިދާޅުވި އެވެ.
އިންޑިޔާ މާކެޓު އަނބުރާ އިއާދަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވަމުން ނިހާދު ވިދާޅުވީ އިންޑިޔާގެ އިންފުލުއެންސާސް ގެނެސް ރާއްޖޭގެ ރިސޯޓުތަކުގައި ބައިތިއްބައިގެން އެ ގައުމުގައި ރާއްޖެ އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ކުރި މަސައްކަތްތަކުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރަށް މެދުއިރުމަތީގައި އިންޑިޔާ މީހުން ދިރިއުޅޭ އަދި ވިޔަފާރިކުރާ އިންޑިޔާ މާކެޓު އަނބުރާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުން އެ ސަރަހައްދުން އިންޑިޔާ މީހުން ރާއްޖެއަށް އަންނަ މިންވަރު 18 އިންސައްތަ މި އަހަރު އިތުރުވެފައިވާކަމށް ނިހާދު ވިދާޅުވި އެވެ.
ނިހާދު އިތުރަށް ފާހަގަަކުރެއްވީ ކުރިއަށް އޮތް ތަނުގައި އިންޑިޔާ މާކެޓު ގެއްލުވައިނުލާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ދާއިރު އިންޑިޔާ މާކެޓުން ފަތުރުވެރިން އަންނަ މިންވަރު މި އަހަރަށްވުރެ ދެގުނައަށް އިތުރުވާނެ ކަމަށްވެސް ނިހާދު ވިދާޅުވި އެވެ.
"އިތުރަށް އެ މާކެޓެއް ގެއްލުވައިނުލާނަން. މި އަންނަ އަހަރަށް ދާއިރަށް އެ މާކެޓު އިރާދަކުރެއްވިއްޔާ ޑަބަލްކުރެވޭނެ،" ނިހާދު ވިދާޅުވި އެވެ.