ސީޕީ ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ހިދުމަތުގައި އަސާސީ ތަމްރީނު ފުރިހަމނުކުރާ ގިނަ އަދަދެއްގެ ފުލުހުން ތިބުމާއެކު ފުރަތަމަ އަހަރު އެންމެ ބޮޑަށް އިސްކަންދެއްވީ އެ ފުލުހުން ތަމްރީނުކުރުމަށެވެ.
ފުލުހުންގެ ހިދުމަތުގައި ތިބި މީހުންގެ ތެރެއިން އަސާސީ ތަމްރީނު ފުރިހަމަނުކުރާ 500 އަށްވުރެ ގިނަ ފުލުހަކަށް އަސާސީ ތަމްރީނު ފޯރުކޮށްދީފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ޕީއެސްއެމްއިން ގެނެސްދޭ ހަފުތާ 52 ޕްރޮގުރާމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަކީ ފެންވަރު ރަނގަޅު ހިދުމަތެއްގެ ގޮތުގައި ދެމެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއްދެއްވާ ކަމަކީ ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ތައުލީމު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.
ޝުޖާއު އިތުރަށް ފާހަގަކުރެއްވީ އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ހިދުމަތުގައި ތިބި ފުލުހުންގެ ތެރޭގައި އަސާސީ ތަމްރީނު ފުރިހަމަނުކުރާ ފުލުހުން ފުދޭ ވަރަކަށް ގިނައިން ތިބި ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މި އަހަރު ތެރޭގައި ކުރެއްވި މަސައްކަަތްޕުޅަކީ އެ ފުލުހުންނަށް އަސާސީ ތަމްރީނު ދެއްވުން ކަމަށްވެސް ވިދާޅުވި އެވެ.
އަދި ފުލުހުންގެ އަސާސީ ތަމްރީނު ދިނުމަށްފަހު ހިދުމަތަށް އެ ފުލުހުން ނެރުމަަށް ކުރެވުނު މަސައްކަތްތަކުން މި އަހަރު 500 އަށްވުރެ ގިނަ ފުލުހުންނަށް ތަމްރީނުދެވި ހިދުމަތަށް ނެރެވިފައިވާކަން ޝުޖާއު ފާހަގަކުރެއްވި އެވެ.
"ކޮންމެ ފުލުހަކީވެސް ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެންމެ ގާބިލު ފުލުހަކަށް ހެދުމަށް ބަލާއިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ އެ ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން،" ޝުޖާ ވިދާޅުވި އެވެ.
"އެގޮތުން ވޭތުވެދިޔަ އަހަރެއްހައި ދުވަހުގެ ފުލުހުންގެ ބޭސިކް ތަމްރީނު ނުހަދައި ފުދޭވަރަކަށް ގިނަ ފުލުހުން ސާވިސްގައި މިހާރުވެސް ތިބުމާއެކު، ވީހާވެސް އަވަހަކަށް ފުލުހުންނަށް ދެވޭ އަސާސީ ތަމްރީނުދީ ހިދުމަތަށް ނެރުމަށް ބުރަ މަސައްކަތްތަކެއްވަނީ ކުރެވިފަ. އެގޮތުން 500 އަށްވުރެ ގިނަ ފުލުހުން މި އަހަރު ތެރޭ ބޭސިކް ޓްރެއިނިން ހެދުމަށްވާނީ ފުރުސަތު ދެވިފަ،"
ކޮމިޝަނާ އޮފް ޕޮލިސް ފާހަގަކުރެއްވި މިވަގުތުވެސް އައްޑޫގައި ހުންނަ ފުލުހުންގެ ކޮލެޖާއި، ދ.ވާނީގައި ހުންނަ ފުލުހުން ތަމްރީނުކުރާ މަރުކަޒުގައި ފުލުހުންގެ ދެ ބެޗެއް އަންނަނީ ތަމްރީނުތައް ހަދަމުންނެވެ. އެ ދެ ބެޗުގައި ޖުމްލަ 340 އެއްހައި ފުލުހުން ތަމްރީނުތައް ހަދަމުންދާކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
މިހާރު ހިދުމަތުގައި ތިބި ފުލުހުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުން ތަމްރީނުތައް ހެދުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގައި ހިންގުނު 80 އަށްވުރެ ގިނަ ޕްރޮގުރާމުން 1،600 އަށްވުރެ ގިނަ ފުލުހުން ތަމްރީނު ފުރިހަމަކޮށްފައިވާ ކަމުގައި ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި ފުލުހުންގެ ތެރެއިން 200 ފުލުހަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން އެ ފުލުހުން މަސައްކަތްކުރާ ދާއިރާތަކުން ތަމްރީނުތައް ހާސިލުކުރުމަށް ފުރުސަތު ހޯދައިދެވުނެވެ.