މިއީ ކޮންމެ މޫސުމެއްގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށް ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީން ބުންޏެވެ.
"ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު" ގެ ނަމުގައި ކުރިއަށްގެންދާ މި މަހާސިންތާ އަކީ، ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފަރާތުން ކޮންމެ ހުޅަނގު މޫސުމަކާއި އިރުވައި މޫސުމެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާތަކުގެ ފުރަތަމަ މަހާސިންތާ އެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގަ އެވެ.
މިއީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ދިވެހި ގައުމިއްޔަތުގެ އިލްމު ފެތުރުމުގެ ޒިންމާގެ ދަށުން ބާއްވާ އިލްމީ މަހާސިންތާއެއް ކަމަށާ އަދި މިއީ ކޮންމެ މޫސުމެއްގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށް ދިވެހިބަހާއި ގައުމިއްޔަތު މިނިސްޓްރީން ބުންޏެވެ.
މިގޮތުން މާދަމާ ބާއްވާ މަހާސިންތާއަކީ މިއަހަރުގެ ހުޅަނގު މޫސުމުގެ ދޮށަ ނަކަތުގެ، އިލްމީ ދަރުބާރެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ދަރުބާރުގައި އެކި ދާއިރާތަކުގެ އިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި ދަރުބާރުގައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުން ތަފާތު ނުވަ އިލްމީ ކަރުދާހެއް ހުށަހެޅުއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެއަށް އިސްލާމްދީން ތައާރަފުވުމާއި ތަރައްގީ ވެގެން އައި ގޮތާ ބެހޭ ދިރާސާތަކާއި، ދިވެހިބަސް، ސަގާފަތް އަދި އިހުގެ އިސްލާމީ ފަރުމާތަކާ ބެހޭ ދިރާސީ ހުށަހެޅުންތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ދިވެހިރާއްޖެ އުފެދިފައިވާ ގޮތުގެ އިލްމީ ކަރުދާސްތައް ވެސް މި މަހާސިންތާގެ ބައިވެރިންނަށް ހިއްސާ ކުރުމަަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި އިލްމީ ދަރުބާރުގެ މަގްސަދުތަކުގެ ތެރޭގައި، ދިވެހިވަންތަކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައިވެރީންގެ މެދުގައި ވިސްނުމާއި އިލްމު ހިއްސާކުރުމުގެ މަންސައެއްގެ ގޮތުގައި ދާއިމުވެ އޮތުމާއި ދިވެހީންގެ ރަށްވެހިކަމާއި ވަޒަންވެރިކަމާއި، ކަނޑުވެރިކަމަށް މަގުފަހިވާނޭ ވިސްނުމާއި ޢިލްމުތައް ދިވެހިރާއްޖެއަށް ވެހިކުރުމަށް ހިތްވަރުދީ ކުރިއެރުވުން ހިމެނޭ ކަމަށް ބަހުގެ މިނިސްޓްރީން ބުންޏެވެ.