މިނިސްޓަރު ވިދާޅުވީ މި މައްސަލާގައި ހިމެނޭ މުވަައްޒިފުންގެ ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާ އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮޮށްފައިވާ ކަމަށެވެ.
ބިދޭސީންނަށް ނުގަވާއިދުން ކަންކަންކޮށްދީ ފައިސާ ހޯދަމުންދާ އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްސަލަ ފާހަގަކުރެވި ތަހުގީގެއް ފަށައިފި އެވެ.
އެކަން ހާމަކުރެއްވީ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރުގެއްލުވަމުންދާ މުވައްޒިފުންނާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމެއް ކަމަށެވެ.
މިގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއްކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިފަދަ ކަންކަމަކީ މި ސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން،"
މިނިސްޓަރު ވިދާޅުވީ މި މައްސަލާގައި ހިމެނޭ މުވަައްޒިފުންގެ ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާ އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮޮށްފައިވާ ކަމަށެވެ. މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައްގުޅިގެން ހާމަކުރަމުންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި އެދިވަޑަައިގެންނެވީ ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށެވެ.
މިފަދަ މަައްސަލައެއް ފެންމަތިވެ ތަހުގީގު މި ފެށީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ނުކުރެވޭ ފަދަ ކާމިޔާބު އަދި ހަރުދަނާ މަސައްކަތްތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ ވަގުތެއްގަ އެވެ.