"ކިހިނެއްވީ މަންމާ؟ ކަމެއް ވީތަ؟ ހީވަނީ ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިހެން.."
- އެޕިސޯޑް 78 –
ކޮޓަރީގައި ނިދާފައި އޮތް އަޔާޒްގެ މޫނަށް ބަލައިލަމުން، ސުހާ ވަނީ ފާޚާނާއަށެވެ. މިރޭ ވާރިޝްއާ އެކުގައި ހޭދަވި ކުޑަ ހިނދުކޮޅުގެ ތެރޭގައި ވެސް ސުހާގެ ހިތް ފުރިގެން ބަންޑުން ވެއްޖެއެވެ. އެ މަސްތީ ބީހުން ތަކުން ސުހާއަށް މުޅި ދުނިޔެ އެކީ އެކައްޗަކަށް ލިބިގެން ދިޔަ ކަހަލައެވެ. ސުހާއަށް ލިބުން އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވާރިޝް އަދިވެސް ސުހާ ދެކެ ލޯބިވާކަން ޔަޤީންވުމެވެ. ވާރިޝްގެ ހަރަކާތް ތަކުން ސުހާއަށް ޔަޤީންވީ އަދިވެސް ސުހާގެ ހަށިގަނޑަށް ވާރިޝް ވަރަށް ބޮޑަށް ލެނބިފައިވާ ކަމެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ހެނދުނު ހެނދުނާ ހޭލައިގެން ސުހާ ބަދިގެއަށް ވަދެ، ހެނދުނުގެ ނަސްތާ ތައްޔާރު ކުރަން ފެށިއެވެ. ސުހާއަށް މުޅިން ތަފާތު އުފާވެރިކަމެއް ލިބިގެން އުޅޭ ކަހަލައެވެ. މީހާގެ މޫނުމަތި ވަނީ އުޖާލާ ވެފައެވެ. ލިބިފައިވާ އުފާ ބަޔާން ކުރަން އޭނާއަށް ދައްޗެވެ.
"ދަރިފުޅާ! ހާދަ ހެނދުނަކާ؟ ދަރިފުޅު ތި މަސައްކަތް ނުކުރިޔަސް، މަންމަ ވެސް ހެނދުނު ސައި ތައްޔާރުކޮށްލާނަމޭ! ދަރިފުޅު ޖެހޭނެއްނު ބަލައިގެން އުޅެން.. މަންމަގެ ލޯބި ލޯބި މާމަ ދަރިއަށް ބަލައިގެން ދޯ އުޅެން ވާނީ؟"
ސުހާގެ ބަނޑުގައި އަތް ކާއްތާލަމުން ޒީމާ ބުނެލިއެވެ. ސުހާ ލުއިކޮށް ހިނިތުންވެލިއެވެ.
"ސާބަސް މަންމާ.. އަހަރެން އުޅެނީ ބަލައިގެންނޭ! އެހެން ނޫނަސް މީ އެވަރުގެ ކަމެއް ވެސް ނޫން ދޯ؟ ބަލިވެ އިނަސް މަސައްކަތް ކުރަން ޖެހޭނެއޭ މަންމާ.."
ސުހާ މަސައްކަތަށް އެނބުރި ރުޖޫޢަ ވަމުން ބުނެލިއެވެ. ސުހާ އާ އެކުގައި ޒީމާ ވެސް ހެނދުނުގެ ސައި ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅެން ފެށިއެވެ.
"ކޮބާ އީމާ؟"
މަސައްކަތުގެ ތެރެއިން ސުހާ ކުއްލިއަކަށް ހުރެފައި އަހާލިއެވެ.
"ނިދާފައެއްނު.."
ޒީމާގެ އަޑުގައި ތަފާތު ގޮތެއް އެކުލެވިގެން ވީކަން ސުހާއަށް އިޙްސާސް ވިއެވެ. އެ ރާގުގައި އެހާ ކަމުދާ ގޮތެއް ނެތެވެ. ކޮންމެވެސް ކަމަކާ ޒިމާ ހިތްހަމަ ނުޖެހިފައި ހުރިކަން ސުހާއަށް އެނގުނެވެ. ހީވި ހީވުން ޔަޤީން ކޮށްލުމުގެ ގޮތުން ސުހާ އިތުރަށް މައުލޫމާތު ސާފުކޮށްލަން ބޭނުން ވިއެވެ.
"ކިހިނެއްވީ މަންމާ؟ ކަމެއް ވީތަ؟ ހީވަނީ ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިހެން.."
ޒީމާއަށް ބަލައިލަމުން ސުހާ އަހައިލިއެވެ. ރޮށި ދަމަން ހުރި ޒީމާ ކުއްލިއަކަށް މަސައްކަތް ހުއްޓާލިއެވެ.
"ވަރަށް ފޫހިވޭ! ހުވާ މިބުނީ.."
އީމާގެ ކޮޓަރިއަށް ވައް ކަޅިން ބަލައިލަމުން ޒީމާ ބުނެލިއެވެ. ސުހާގެ ޝައުޤުވެރިކަން އިތުރަށް ބޮޑު ވެގެން ދިޔައެވެ.
"ތެދަށް ވާހަކައެއް ބުނަންތަ؟ އަހަރެން އެއްވެސް އުފަލެއް ނުވޭ އީމާއަށް ދަރިއެއް ލިބޭތީ.. ހަމަ ހުވާ މިބުނީ.. އަހަރެން ލޯބި ވާނީ ވެސް، ލޯބި ދޭނީ ވެސް ސުހާގެ ދަރިއަށް.. ތީ އަސްލު މަންމަ ލޯބި ވާނެ މާމަ ދަރިއަކީ.."
ޒިމާ ދެއްކި ވާހަކަތަކުން ސުހާއަށް ކޮންމެވެސް ވަރެއްގެ ހައިރާން ކަމެއް ލިބިގެން ދިޔައެވެ.
"އަބަދު އެ އޮންނަނީ ކޮޓަރީގަ.. އަހަރެންގެ ދަރި ހަލާކު ކުރީ އެ ވާރިޝް.. އެއީ ބޮޑު ފުޅައެއް ކަހަލަ ފިރިހެނެއް.. އަބަދު އެނދުގަ.. އެއީ ދިރިއުޅުމެއްތަ؟ ބޭރަކަށް ނުނިކުމޭ! ކަންފަސޭހަކަން އެ ވަރު.. ބޮޑެތި މަހުޖަނުން އީމާއަށް ލިބި ލިބި އޮއްވާ، ތަނެއްގަ ހުރި ބޮޑު ފުޅަގަނޑެއް ގެއަށް އައިސް އެލީ.."
ޒީމާގެ ވާހަކަތަކަށް ސުހާ އެއްވެސް އެއްޗެއް ނުބުނެ ހުރީ ހަނުގައެވެ. އެއީ ޒީމާގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. އަދި އެއީ ދަރިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ މަންމަ އެއްކަން ވެސް އެނގޭތީއެވެ. އެެހެންނޫނަސް، ޒީމާގެ ވާހަކަތަކުގައި ވަރަށް ގިނައިން ދޮގު ހުންނާނެ ކަން ވެސް ސުހާއަށް އެނގެއެވެ.
***
ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް އެންމެން ތިބީ ކާގޭގައެވެ. ސުހާއަށް ދޭތެރެ ދޭތެރެއިން ވާރިޝް އަށް ބަލާލެވެއެވެ. އެކަން ވާރިޝްއަށް ވެސް ފާހަގަ ކުރެވޭތީ އޭނާ އިނީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އެފަދަ ކަމެއް އަޔާޒް އާއި އީމާއަށް ވެސް ފާހަގަ ވެދާނެތީއެވެ. އޭރުން ކަންތައްތައް ގޯސް ވެދާނެ ތީއެވެ.
"މުރާލި އަންބެއް މީ.. އަހަރެންގެ އަޔާޒްއަށް ލިބިފަ.. މަންމަ ހޭލި އިރު އުޅުނީ ސައި ހަދަން.. ކިހާ ރަނގަޅު.. ދޯ؟" ތަނުގެ ހިމޭންކަން ގެއްލިގެން ދިޔައީ ޒީމާ ސުހާއަށް ކޮށްލި ތައުރީފުންނެވެ.
"އާނ.. ފަހަރީ މީ ބަރާބަރު ފަހަރީއެއް.. އެވަރުގެ ރަނގަޅު މުރާލި ފަހަރީއެއް ވެސް ދެން ނުލިބޭނެ.."
އީމާ ހިނިތުންވެލާފައި ބުނެލިއެވެ. ޒީމާ ފާޑަކަށް މޫނު ހަދާލާފައި ބަލައިލީ އީމާއަށެވެ. ލަދެއް ޙަޔާތެއް ވެސް ނެތޭ ބުނާ ފަދަ ބީދައަކުންނެވެ.
ހެނދުނުގެ ނާސްތާ ނިންމާލާފައި ސުހާ ވަނީ ކޮޓަރިއަށެވެ. އަޔާޒް ނުކުތީ މަސައްކަތު ދާށެވެ. ސުހާ ކޮޓަރިއަށް ވަތް ގޮތަށް ވާރިޝްއަށް މެސެޖު ކުރަން ފެށިއެވެ. އެ ކޮޓަރިއަށް އައިސް ދިނުމަށް އެދިއެވެ. ނަމަވެސް ވާރިޝްގެ ފަރާތުން އެއްވެސް ޖަވާބެއް ސުހާއަށް ނުލިބުމުން ސުހާ ކޮޓަރިން ނުކުމެ، އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވީ އީމާއެވެ.
"ފަހަރީ؟ ކިހިނެއްވީ؟"
އީމާ ބަލަން ހުރީ ސުހާގެ މޫނަށެވެ.
"ކޮޓަރީގަ ފާޑެއްގެ އުނދުހޭ އެއްޗެއް އުޅޭތީ.. އެ މަރާލަ ދޭން ވާރިޝް ގާތުގަ ބުނެލަން.."
ސުހާ ލުއިކޮށް ހިނިތުންވެގެން ހުރެ ބުނެލިއެވެ.
"ވާރިޝް ދޭބަލަ! ފަހަރީ ރޫމަށް ކޮންމެސް އެއްޗެއް ވަދެގެން.. ދޭބަލަ އޭތި މަރާލަން.."
އީމާ އެހެން ބުނެ އެނދުގައި ޖައްސާލިއެވެ. ވާރިޝް ހިނގައިގަތީ ސުހާގެ ކޮޓަރިއާ ދިމާލަށެވެ. ސުހާގެ ފަހަތުންނެވެ.
ކޮޓަރިއަށް ވަނުމާ އެކުގައި ސުހާ ކޮޓަރި ތަޅުލިއެވެ.
"ސުހާ... ތީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން.. އަހަރެން ވެސް ވަރަށް ބޭނުން.. އެކަމު ސުހާ.. އަހަރެމެން ޖެހޭނީ ވިސްނައިގެން އުޅެން.. ތިހެން ކަންތައް ކުރާނެ ކަމަަށް އަހަރެން ހީވެސް ނުކުރަން.. ތި ގޮތަށް އައިސް.."
ވާރިޝް ވާހަކަދައްކަމުން ދިޔައީ ސުހާގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
"ތި ވާހަކަ ނުދައްކަބަލަ! މި ލިބުން ފުރުސަތުގެ ބޭނުން ހިފާބަލަ! ޕްލީޒް.. މަންމަމެންވެސް ނެތޭ! އީމާ ވެސް އެނދުގަ ޖައްސާލީ އެ.. އޭނާ ވެސް ދެން ނިދާނީ.."
ސުހާ މަޑުމަޑުން ވާރިޝްއާ ގާތްވަމުން ދިޔައެވެ.
ކުއްލިއަކަށް އިވެން ފެށީ ގޭގެ ދޮރުގައި މީހަކު ޓަކި ދޭން ފެށި އަޑެވެ. ވާރިޝްއަށް ވަރަށް އަވަސްކޮށް ސުހާއާ ދުރަށް ޖެހެވުނެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތީ ވަރަށް އަވަސްކޮށެވެ. ވާރިޝްގެ ފަހަތުން ސުހާ ވެސް ނުކުތެވެ. ވާރިޝް އަވަސްވެ ގަތީ ގޮސް ކޮޓަރީގެ ދޮރު ހުޅުވާށެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާ އެކުގައި ވާރިޝްގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ދޮރުން ބޭރުގައި ހުރި ނަޒީރާއަށް ފަހަތަށް ފިޔަވަޅެއް ނެގުނީ އޭނާގެ އިޚްތިޔާރުން ބޭރުންނެވެ. ނަޒީރާ ނިންމައިގެން ހުރީ ބޮޑު ސަޕްރައިޒެއް މުޅި ޢާއިލާއަށް ދޭށެވެ. ނަމަވެސް އެންމެ ފަހުން ނަޒީރާއަށް ލިބިގެން ދިޔައީ ބޮޑު ހައިރާން ކަމެކެވެ.
"ކަލޭތަ؟ މި ގޭގަ؟"
ނަޒީރާއަށް ވަރަށް އުނދަގުލުން އަހައިލެވުނެވެ. އެވަގުތު ނަޒީރާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް ވެސް ފެންނަން ހުއްޓެވެ. ނަޒީރާއަށް ލިބުން ހައިރާންކަން އިތުރަށް ބޮޑު ވެގެން ދިޔައީ ވާރިޝްގެ ފަހަތުން ސުހާ ފެނިގެން ދިޔުމާ އެކުގައެވެ. (ނުނިމޭ)