މުއްތޮލިބު ވިދާޅުވި ގޮތުގައި ކޮންޓްރެކްޓްތަކަށް ގެއްލޭ ވަގުތު ހޯދުމުގައި ސަރުކާރާއެކު ކުރާ މަސައްކަތުގައި ކުރިއެރުން ދަނީ ލިބެމުންނެވެ.
ސަރުކާރު ޕްރޮޖެކްޓްތައް ހިންގާފައިވާ ކޮންޓްރެކްޓަރުންނަށް ފައިސާ ލިބޭ ކަމަށާ ނަމަވެސް ސިވިލް ސާވިސްގެ ތެރޭން މަސައްކަތް ލަސްކަމަށް ކޮންޓްރެކްޓަރުންގެ ފައިސާ ހޯދަން މަސީން އެކުލަވާލި ކޮމެޓީން ބުނެފި އެވެ.
ރާއްޖޭގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ކޮންޓްރެކްޓަރުންނަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ ކަންކަމުގައި ސަރުކާރާއެކު މަޝްވަރާ ކުރަން އެކުލަވާލި ކޮމެޓީގެ ޗެއާ ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް މުއްތޮލިބް ވިދާޅުވީ ކޮންޓްރެކްޓަރުންނަށް ފައިސާ ހޯދުމުގެ ކަންކަމުގައި ކުރިއެރުންތައް ލިބެމުންދާ ކަމަށާ ނަމަވެސް މި މަސައްކަތުގެ ބޮޑުބައި ސިވިލް ސާވިސްގެ ތެރޭންދަނީ ލަސްކޮށެވެ.
އޭނާ ވިދާޅުވީ ފައިސާ ނުލިބުމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށާ އެކަމަކު ބައެއް ކޮންޓްރެކްޓަރުން މަގުމަތީގައި އުޅޭ އުޅުމުން އެކަން ނުފެނިދާނެ ކަމަށެވެ.
"ގިނަ ކޮންޓްރެކްޓަރުން ހަމައެކަނި ކުރާ މަސައްކަތަކީ މިއީ [އިމާރާތް ކުރުން]. ވަރަށް މަދު ބޮޑު ކުންފުންޏެއް އެހެން ވިޔަފާރިއެއް ކޮށްފާނެ. އެހެންވެ ގިނަ ކޮންޓްރެކްޓަރުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އޮންނަނީ އެކަމަށް ބިނާވެފަ. އެކަމަކު ކިތަންމެ ދަތިވިޔަސް މަގުމަތީގަ އުޅޭ އުޅުމުން އެކަން ނުފެނިދާނެ. އެކަމަކު އެ ބޭފުޅުން [ގޭގެ] އަށް ވަދެލީމަ އެނގޭނީ ދަތިކަން،" މުއްތޮލިބު ވިދާޅުވި އެވެ.
ފަރެސްމާތޮޑާ ދައިރާގެ ކުރީގެ މެންބަރު އިބްރާހިމް މުއްތޮލިބު ވިދާޅުވީ ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ގޮތުން މަސީގެ ހުރިހާ ކުންފުނިތަކުގެ ބޮލުގައި އިލްޒާމް އެޅޭ ކަަމަށާ އެކަމަކު އެ ޖަމިއްޔާގެ މެންބަރުންނަކީ ހަމައެކަނި މި އިމާރާތް ކުރުމުގެ ވިޔަފާރިން ކައިގެން ބޮއިގެން އުޅޭ ބައެއް ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރާއެކު މަަޝްވަރާ ކުރަން މަސީން ކޮމެޓީއެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ޕްރޮޖެކްޓްތައް ލަސްވާ ވަގުތުތަކުގައި ކޮންޓްރެކްޓަރުންނަށް އިތުރު ވަގުތު ހޯދުމެވެ. އެކަމުގައި ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ދާއިރު އެކަމުގައި ކުރިއެރުންތައް ލިބެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު އިތުރު ވަގުތެއް މި ލިބެނީ މޫސުން ގޯސްވެގެން ލަސްވާ ލަސްވުމަށް އެކަނި. އިތުރު ވަގުތު ހޯދަން ކުރާ މަސައްކަތުގައި ކުރިއެރުން ލިބޭ. އެކަމަކީ ސަރުކާރަށް ވެސް ކުއްލިއަކަށް ނިންމޭނެ ކަމެއް ނޫން. އެކަމަށް ސަރުކާރު ދިރާސާ ވެސް ކުރަން ޖެހޭ،" މުއްލޮލިބު ވިދާޅުވި އެވެ.
ރާއްޖޭގެ އިކޮނޮމީގެ ހިންގުމުގައި ކޮންޓްރަކްޝަން ސިނާއަތް މުހިންމު ރޯލެއް ކުޅެ އެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި ޕީއެސްއައިޕީ އަށް ފައިސާ ޗާޕުކޮށްގެން މަޝްރޫއު ހިންގިނަމަވެސް ކޮންޓްރެކްޓަރުންނަށް ނުލިބި އެތައް މިލިއަން ރުފިޔާއެއް ހުއްޓެވެ. މި މައްސަލައަށް ހައްލު ހޯދަން މަސީން މިދިޔަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރި އެވެ. ނަމަވެސް ހައްލެއް ނުލިބެ އެވެ. މިހެންއޮއްވައި އެ ވެރިކަން ނިމި ވެރިކަން ބަދަލުވީ އެވެ. އަދި މި ސަރުކާރުން މި ފައިސާގެ ބައެއް ފިނޭންސުން ދޫކުރަން ފެށި ނަމަވެސް މާލީ ދަތިތަކާއެކު އެކަން ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ. މިހާރު އަންދަޒާ ކުރެވޭ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއާ ގާތް ކުރާނެ އެވެ.