ވިދާޅުވީ އެ ހިދުމަތް ރާއްޖޭގަައި ފަށާނީ އަންނަ މާޗު މަހު ކަމަށާ ހިދުމަތް ފަށާނީ ހުރިހާ ގޮތަކުން ރައްކާތެރިކަން ކަށަވަރު ކޮށް އެންމެ ފުރިހަމަ މިންގަނޑުގައި ކަމަށެވެ.
"ހެލްކޮޕްޓަރު ސާވިސް" ގެ ހިދުމަތް ފެށުމަށް އެ ހިދުމަތް ދޭ ކުންފުންޏާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށާ އަންނަ އަހަރުގެ މާޗު މަހު އެ ހިދުމަތް ރަސްމީކޮށް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިއީ ސަރުކާރުން ކުރީން އަމާޒު ކުރި މިންވަރަށް ވުރެ ފަސް ތާރީހެކެވެ. ރާއްޖޭގައި އަލުން ހެލްކޮޕްޓަރު އުދުއްސުމުގެ ހިދުމަތް ފަށަން ސަރުކާރުން ނިންމާފައި ވަނީ ޖަނަވަރީ 28 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލްވުމުގައެވެ. އެ ހިދުމަތް އަލުން ފަށަނީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކަށެވެ.
މާޗް މަހު އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރީން "ހެލްކޮޕްޓަރު ސާވިސް" ފައްޓަވާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ "ހެލްކޮޕްޓަރު ސާވިސް" ގެ ހިދުމަތް ފެށުމަށް އެ ހިދުމަތް ދޭ ކުންފުންޏާއެކު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސޮއި ކުރާނެ ކަމަށެވެ. ހިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށް 32 ކުންފުންޏަކުން ހުށައަޅާފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެ ހިދުމަތް ރާއްޖޭގަައި ފަށާނީ އަންނަ މާޗު މަހު ކަމަށާ ހިދުމަތް ފަށާނީ ހުރިހާ ގޮތަކުން ރައްކާތެރިކަން ކަށަވަރު ކޮށް އެންމެ ފުރިހަމަ މިންގަނޑުގައި ކަމަށެވެ.
ހެލްކޮޕްޓަރުގެ ހިދުމަތް ފަށާއިރު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ހިދުމަތްތަކެއްގެ ގޮތުގައި ވައިގެ މަގުން ދިވެހި ރައްޔިތުން އުފުލުމުގެ ހިދުމަތް ފަށާފައިވަނީ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ.
މޯލްޑިވިއަން އިން މި ހިދުމަތް ފެށީ ޑޯނިޔާ މަތިންދާ ބޯޓެއް ބޭނުންކޮށްގެންނެވެ. މި ބޯޓުގައި އެއްފަހަރާ ބަލި މީހުންގެ ދެ މީހުން އުފުލޭނެ އެވެ. އަދި ސީޕްލޭނެއް ވެސް ވަނީ ފްލީޓަށް އިތުރުކޮށްފައެވެ.
ރާއްޖޭގައި މީގެ ތޭވީހަކަށް އަހަރު ކުރީން ވެސް ހެލްކޮޕްޓަރުގެ ހިދުމަތް ދިނެވެ. ހަމިންބާޑް އައިލެންޑް އެއާވޭސް ކުންފުނިން ދެމުން ދިޔަ އެ ހިދުމަތް ހުއްޓާލަން ޖެހުނީ ހެލްކޮޕްޓަރު ވެއްޓުމުގެ ދެ ހާދިސާއެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެންނެވެ.
ރާއްޖޭގައި މިހާރު ވެސް އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރެއް އޮޕަރޭޝަންގައި އެބަ އޮތެވެ. އިންޑިއާ ސިފައިން ދުއްވާ އެ ހެލްކޮޕްޓަރު މިހާތަނަށް ބޭނުން ކުރަމުން އައީ އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ގެއްލޭ މީހުން ހޯދުމުގެ މަސައްކަތްތަކުގައެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ހެލްކޮޕްޓަރު ބޭނުން ކުރުން ހުއްޓާލާ މާޗް ފުރަތަމަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށަން ނިންމާފައެވެ.
ހެލްކޮޕްޓަރު އޮޕަރޭޝަން ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ އޭގެ އޮޕަރޭޝަން ގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ރާއްޖޭ ގައި ގާއިމުވެ ތިބުމެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު ރިޔާސީ ވައުދުފުޅެވެ.
ސިފައިން ފޮނުވާލުމަށް ފަހު މަދަނީ ބަޔަކު ގެނެސް އަލުން އެ ހިދުމަތް މިހާރު ވަނީ ފަށާފަ އެވެ.