ފައިސާ މާރު ކުރަން ހަދާ ގާނޫނުގެ ބިލް އާއްމުންގެ ހިޔާލަށް ހުޅުވާލާފައިވާއިރު ބޭރު ފައިސާއިން އާމްދަނީގެ ގޮތުގައި 20 މިލިއަން ޑޮލަރަށްވުރެ މަތިން ލިބޭ ޓޫރިޒަމް ނޫން ފަރާތްތަކަށް ވަނީ އާ ކެޓަގަރީއެއް ހަދާފަ އެވެ.
ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން މަރުކަޒީ ބޭންކުން އަލަށް އެކުލަވާލާ ފައިސާ މާރުކުރާ ބިލަށް އަލަށް އިތުރުކުރި ކެޓަގަރީއާއެކު ޓީއެމްއޭއިން ވެސް ޑޮލަރު މާރު ކުރަން ޖެހޭނެ އެވެ.
އެމްއެމްއޭ އިން ނެރެފައިވާ މަނީ އެކްސްޗޭންޖު ގަވާއިދަށް ގާނޫނެއްގެ ބާރު ދިނުމަށް އެ އޮތޯރިޓީން އެކުލަވައިލާފައިވާ ބިލަށް އަލަށް އިތުރު ކުރި ކެޓަރީއަކީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ.
މި ބައިގައި ހިމެނެނީ އެ ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 20 މިލިއަން ރުފިޔާ ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތަކެވެ. މި ކެޓަގަރީ ހިމެނުމާއެކު ކެޓަގަރީއެއް ފޯލް ވެގެންދާނެ އެއް ބަޔަކީ ޓީއެމްއޭ އެވެ. މީގެ އިތުރުން މާލޭގެ ވައިގެ ބަނދަރު ހިންގާ ކުންފުނި އެމްއޭސީއެލްވެސް މި ކެޓަަގަރީއަށް ވަންނާނެ އެވެ.
މި ފަރާތްތަކުން މާރު ކުރަން ޖެހެނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށް އަށްވުރެ ބޮޑު ނުވާނެ އަދަދެކެވެ. މި އަދަދަކީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދެކެވެ. އެ މި ކެޓަގަރީއަށް ފޯލްވާ ފަރާތްތަކުން އާމްދަނީ ވަންނަ މަހުން ފެށިގެން ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓަރީކޮށް ބޭންކަކަށް މާރު ކުރަން ޖެހެ އެވެ.
އަލަށް ހަދާ ފައިސާ މާރު ކުރާ ގާނޫނުގެެ ބިލުގައިވާ ގޮތުން 500 ޑޮލަރު މާރުކުރަންޖެހޭ އެސްޓަބްލިޝްމެންޓުތަކަކީ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑުތަކާއި އެނޫންވެސް އެފަދަ ތަންތަން ކަމުގައި ކަނޑައަޅައި 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއ ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީ އަށް ބަދަލުކުރުމެވެ. އެގޮތުން ބިލުގެ 13 ވަނަ މާއްދާގއި ބުނެފައިވަނީ ކެޓަގަރީ އޭ ޓުރިޒަމް އެސްޓަބްލިޝްމެންޓަކަށް މީލާދީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ މަގުން އެ މަހެއްގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަށް ޖެހޭ މިންވަރު އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީކޮށްފއިވާ ބޭންކަކަށް މާރުކުރަން ޖެހޭނެ ކަމުގަ އެވެ. މިއީ މިހާރުވެސް ގަވާއިދު އޮތް ގޮތެވެ.
ފައިސާ މާރު ކުރަން ހަދާ ގާނޫނުގައި މާރުކުރުމާ ގުޅޭ ގޮތުން ތައާރަފުކޮށްފައިވަޏީ ތިން އިސްތިސްނާ ހާލަތެއް ދީފައިވެ އެވެ.
އާއްމުންގެ ހިޔާލަށް ހުޅުވާލާފައިވާ ފައިސާ މާރު ކުރުމުގެ ބިލްގައި މާރުކުރަންޖެހޭ ރޭޓު މުރަޖައާކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފައިވެ އެވެ. އެއީ ބޭރު ފައިސާ އިން އަދާކުރަންޖެހޭ ޓެކުހެއް އޮތުމާއި މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަންޏެއް އޮތުމާއި ޝަރުއީ ކޯޓެއްގެ ހުކުމެއް ނުވަތަަ އާބިޓްރޭޝަން ފަދަ މައްސަލަ ބެލުމުގެ ނިޒާމަކުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ދައްކަންޖެހޭ އިލްތިމާޒެއް އޮތުމާއި، އެ އޮތޯރިޓީން ހުއްދަ ދޭ އެ ނޫންވެސް އިލްތިޒާމެއް އޮތުމެވެ.