އިކުރާމުއްރަހުމާން ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި ގާޒީ އަލީ ނަދީމް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު، އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ޖުލައި ފަހު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ބަންދުކޮށްފައިވާ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނު މިއަދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ހުޅުމާލެ ހިޔާ އަވަށް -- ވިނަރަސް ފްލެޓް ސަރަހައްދު ގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސް ކާރެއް ކޮންޓްރޯލް ނުވެގެނެވެ. އެނބުރެމުން އެނބުރެމުން އައި ރަތްކުލައިގެ އެ ކާރުން ޖެހުނީ އެވަގުތު މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގަ އެވެ.
އެކްސިޑެންޓްގައި އެމީހާ ވަރަށް ދުރަަށް ވިއްސައިގެންދިޔަ އެވެ. އޭނާ އިން ސައިކަލަށް ވެސް ބޮޑެތި ގެއްލުންވި އެވެ. އިހުމާލުން އަދި އެފަދަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ވެސް ކާރުގައި ތިބި މީހުން ވަނީ ކާރު ދޫކޮށް ފިލާފަ އެވެ. މި މައްސަލައިގައި ކާރުގައި ތިބި ތިން މީހުން ހޯދުމަށްފަހު އެރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގައި ބަންދުކޮށް ދައުވާކޮށްފައި ވަނީ އިކްރާމުއްރަހުމާނުގެ އިތުރުން މ. ލޭންޑްއޮފްގާޑްން، އިބްރާހިމް އިކްރާމާއި ގއ. ކަނޑުހުޅުދޫ އާޒާދު، ޖިނާހު އިސްމާއީލުގެ މައްޗަށެވެ. ތިން މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އިކްރާމުއްރަހުމާންގެ ފަރާތުން ބުނެފައި ވަނީ އޭނާ އެ ކާރަށް އެރީ މާލޭން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިއުމަށް ކަމަށެވެ. އޭނާ އަކީ އެކާރުގައި އިން ފަސިޖަރެއް ކަމަށާއި ކާރަށް އެރީ އާއިލީ ގެއަކަށް ދިއުމަށް ކަމަށެވެ. އެކަމަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްދިނުމަށް އޭނާ ވަނީ އެދިފަ އެވެ.
އިކުރާމުއްރަހުމާން ދޫކޮށްލަން ނިންމި ސަބަބުތަކުގެ ތެރޭގައި ގާޒީ އަލީ ނަދީމް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ބަލާއިރު، އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންކަމުން އޭނާ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާތައް އިއްވުމުން އިކުރާމުއްރަހުމާން އަދި ޖިނާހު ވަނީ ކުށަށް އިންކާރު ކޮށްފަ އެވެ. އިކްރާމް ވަނީ ދައުވާތަކަށް އިއުތިރާފް ވެފަ އެވެ.
މި މައްސަލައިގައި ހިމެނޭ ތިން މީހުންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ ތިން މީހުންނެވެ.