ފާއިތުވި އަހަަރުތަކުގައި ބަޖެޓު ހަދާފައި ހުރީ ފަށާ މަޝްރޫއުތައް ކުރިއަށްގެންގޮސް ނިންމައިލެވޭ ގޮތަށް ނޫންކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ އަންނަ އަހަަރުގެ ބަޖެޓު އޮތީ މަޝްރޫއުތައް ހިންގާނެ ޖާގަ ލިބޭ ގޮތަށް ކަމަށެެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު އޮތީ މަޝްރޫއުތައް ކުރިއަށްގެންދެވޭ ގޮތަށް ކަމަށާއި، ބަޖެޓުގެ ތެރެއިން ޖާގަ ލިބޭ މިންވަރަކުން ހުރިހާ މަޝްރޫއެއްވެސް ކުރިއަށްގެންދާނެ ކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ޑރ.މުއްތަލިބު މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އޭނާވަނީ ފާއިތުވި އަހަރު ބަޖެޓުގައި މަޝްރޫއުތައް ހިމަނާފައިވާ ގޮތާއި ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްރޫއުތައް ހިންގުމަށް ހަދާފައި ހުރި އެއްބަސްވުންތަކުގެ ބައެއް ތަފުސީލުތައް މެންބަރުންނާ ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން މުއްތަލިބު ފާހަގަކުރެއްވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކޮންސްޓްރަކްޝަން މިނިސްޓްރީން 39 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ހުރި އެވެ. އޭނާ ވިދާޅުވީ އެ އަދަދަކީ ދިވެހި ދައުލަތަށް އަހަރެއްގެ ތެރޭގައި ލިބޭ އާމްދަނީއަށްވުރެވެސް ބޮޑު އަދަދަކަށްވުމުން އެ އަދަދުގެ މަޝްރޫއުތައް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ހަމައެކަނި ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެބަހުއްޓޭ 39 ބިލިއަން ރުފިޔާގެ މަޝްރޫއު ސޮއިކޮށްފައި. މިއީ ދައުލަތުގެ އެއްވެސް ބަޖެއްޓެގެ ތެރެއިން ކުރެވޭނެވަރުގެ އަދަދެއްގެ މަސައްކަތްތަކެއް ނޫން. 39 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައި ނުލިބޭ އަހަރެއްގެ ތެރޭގައި. އެހެންވީމާ ކިހިނެއްތޯ އަޅުގަނޑުމެން 39 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާނީ؟،" މުއްތަލިބު ވިދާޅުވި އެވެ.
2023 ވަނަ އަހަރު ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގުމަށް އެއްބަސްވުންތައް ހަދާފައިހުރިކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ލޯނުގެ ގޮތުގައި ލިބޭ ފައިސާއިން މަޝްރޫއުތައް ހިންގޭނީ ކިހާ މިންވަރަކަށް ކަމާމެދު ވިސްނަންޖެހޭ ކަމަށެވެ.
އަދި 2023 ވަނަ އަހަރުގެ ބަޖެޓު އެކުލަވައިލާފައި އޮތީ ކޮންމެ ރަށަކަށް އެތިކޮޅެއް އެތިކޮޅެއް ދޭ ގޮތަށް ކަމުގައިަކން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބައެއް ރަށްތަކުގައި މަޝްރޫއުތައް ހިންގުމަށް ދެލައްކަ ތިން ލައްކަ ރުފިޔާ ހިމަނާފައިވާ ކަމަށެވެ. އެއީ އެ މަޝްރޫއުތަކުގެ އެޑްވާންސް ފައިސާވެސް ދެއްކޭނެ އަދަދުތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"2023 ވަނަ އަހަރުގެ ބަޖެޓު ހައްދަވާފައި އޮތީ ކޮންމެ ރަށަކަށް އެތިކޮޅެއް އެތިކޮޅެއް ދޭ ގޮތަށް. އެހެން ހެދީމާ މަޝްރޫއުތަކެއް ކުރިއަށްނުދާނެ ދެއްތޯ؟ އެއް ރަށަކަށް ދެ ލައްކަ ރުފިޔާ އަނެއް ރަށަކަށް ތިން ލައްކަ ރުފިޔާ ދޭ ގޮތަށް ބަހާލާފައި ހުރީ،"
މުއްތަލިބު އިތުރަށް 2025 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ އެންވޮލޮޕެއްގެ ތެރެއިން މަޝްރޫއުތައް ހިންގޭނެ ގޮތަށް ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އެކި ދާއިރާތަކުން މަޝްރޫއު ހިންގުމަށް ކަނޑައަޅާފައި ހުރި ފައިސާގެ ތެރެއިން މަޝްރޫއުތައް ހިންގެން ހުރި މިންވަރަކަށް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން މުއްތަލިބު ދެއްވި އެވެ.