ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ނިމިދިޔަ ސަރުކާރުންނެވެ. އެ ތަން އޭރު އާންމުންނަށް ވެސް ހުޅުވާލި އެވެ.
ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީ ކުރީ މިސަރުކާރުން ކަމަށް ބުނެ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖުން ޕޯސްޓެއް ކުރުމުން އެކަން ކުރީގެ ހެރިޖޭޓް މިނިސްޓަރު ޔުމްނާ މައުމޫން ދޮގު ކުރައްވައިފި އެވެ.
ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖުން ކުރި ޕޯސްޓެއްގައި ބުނީ ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީކޮށް ދިރުން ގެނައުމަށް މަސައްކަތްތައް ފެށިފައި ވަނީ ނިމިދިޔަ ކާމިޔާބު 52 ހަފްތާގެ ތެރޭގައި ކަމަށެވެ.
އެ ޕޯސްޓް ރިޕޯސްޓް ކުރައްވާ ޔުމްނާ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ވިދާޅުވީ ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރީ ނިމިދިޔަ ސަރުކާރުން ކަމަށެވެ. އެ މަސައްކަތް ކޮށްފައި ވަނީ ގައުމީ ބެންކު -- ބެންކު އޮފް މޯލްޑިވްސްގެ ގްރާންޓް އެހީންނާއި ދާއިރާއަށް ލިބުނު ބަޖެޓުން ކަމަށް ވިދާޅުވި އެވެ.
ޒަމާނީ ފެންވަރަށް ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް ފަހު ޔުމްނާގެ މިނިސްޓަރު ކަމުގައި އެ ތަން އާންމުންނަށް ވެސް ހުޅުވާލި އެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. ދާރުލްއާސާރު ތަރައްގީކޮށް ޒަމާނީ ވަސީލަތްތައްތަކާއި ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތަކީ ބޭންކް އޮފް މޯލްޑިވްސްގެ ގްރާންޓް އެހީއާއި ދައުލަތާއި ހެރިޓޭޖް ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ކުރި މަސައްކަތެކެވެ.
ދާރުލްއާސާރު އޭރު ތަރައްގީކޮށް އާ ޝޯކޭސްތަކާއި ޑިޖިޓަލް ސްކްރީންތަކާއި މައުލޫމާތު ކިއޮސްކްތައް ބެހެއްޓި އެވެ. މީގެ އިތުރުން ދާރުލްއާސާރުގެ ޖާގައަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް އިމާރާތުގެ އާބާތުރަ ފިލުވާ ދާރުލްއާސާރުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ޒަމާނީ އަދި ފެންވަރު ރަނގަޅު ނިޒާމަކަށް ބަދަލުކޮށްފައިވެ އެވެ. އަދި އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސެކިއުރިޓީ ކެމެރާ ނެޓްވޯކެއް ވެސް ވަނީ ގާއިމް ކޮށްފަ އެވެ.
މި މަސައްކަތް ކުރުމަށް ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ދެ މިލިއަން ރުފިޔާގެ އެހީއެއް ދިނެވެ. ދިވެހި ދައުލަތުގެ ބަޖެޓުން ޖުމްލަ 4.7 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި އެހެނިހެން ބައެއް ކަންކަން ކުރުމަށް ހެރިޓޭޖް ޓްރަސްޓް ފަންޑުން 185 ހާސް ރުފިޔާ ހަރަދުކޮށްފައިވެ އެވެ.