ހަނިމާދޫ މަޝްރޫއު ނިންމަން އޮތީ މި އަހަރު އޮގަސްޓުގަ އެވެ. މިތަން ތަރައްގީ ކުރަނީ ނެރޯ ބޮޑީ ބޯޓު ފަހަރަށްވުރެ ކުދި ބޯޓުތަކަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އަންނަ އަހަރު ހުޅުވުމުން ވީއައިއޭގެ ބައެއް ފްލައިޓްތައް އެތަނަށް ޖައްސަން ފަށާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވީ އިންޑިއަން އެގްޒިމް ލޯނެއްގެ ދަށުން ތަރައްގީ ކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތުގައި ވެސް އެ ކުންފުނިން ބައިވެރިވަމުންދާ ކަމަށާ މިއީ އެ ކުންފުނިންޏަށް އާމްދަނީ ލިބޭނެ އެއާޕޯޓަށްވާނެ އެވެ. މި އެއާޕޯޓް ހުޅުވުމާއެކު ވީއައިއޭ އަށް ޖައްސާ ނެރޯބޮޑީ ފްލައިޓްތައް އެތަނަށް ބަދަލު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަނިމާދޫ އެއާޕޯޓް ހުޅުވަން މިހާރު ޕްލޭން ކުރެވިފައި އޮތީ އަންނަ އަހަރުގެ ފުރަަތަމަ ކުއާޓަރުގައި. އެތަނަށް ކޮންޓްރެކްޓް ސައިޑުން ގަންނަން ޖެހޭ ހުރިހާ އެއްޗެއް ގަނެވެސް ވަނީ ނިންމިފަ. މި އެއާޕޯޓަކީ ވައިޑް ބޮޑީ މަތިންދާ ބޯޓް ޖެއްސޭ ތަނެއް ނޫން. ނަމަވެސް ނެރޯ ބޮޑީ އެއާކްރާފްޓް ޖެއްސޭ. އެހެންވެ މިހާރު ޕްލޭން އެބަހުރި ވީއައިއޭއަށް އަންނަ ނެރޯ ބޮޑީ އެއާ ކްރާފްޓްތައް އެތަނަށް ބަދަލު ކުރަން،" ކުރިން އެމްއޭސީއެލްގެ އިސް މަގާމު ތަކެއް ފުރުއްވި މުޖުތަބާ ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓުގެ ކަންކަމުގައި އެމްއޭސީއެލް އިން މިހާރު މަސައްކަތް ކުރަނީ އެމްއޭސީއެލް އާއި ހަނިމާދޫ އެއާޕޯޓް ހިންގަން ކުރިން ހަވާލުކުރި ކުންފުނި އާރުއޭސީއެލް ކުންފުނި އެއްކޮށްލަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.މި މަސައްކަތުގެ ރަސްމީ އެއްބަސްވުމުގައި އަންނަ ހަފުތާ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް މަޖުތަބާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓް ހުޅުވެންވާއިރަށް އެތަނަށް އަންނަ ޓޫރިސްޓުން ރިސޯޓްތަކަށް އުފުލޭނެ ސީޕްލޭން ޓާމިނަލެއް ހެދުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ހަނިމާދޫއަކީ ފައިދާވާ ތަނަކަށް ހަދަން. އެހެންވެ ވަރަށް އަވަހަށް ސީޕްލޭން ގާއިމް ކުރާނަން. ބޭނުންވަނީ 180 ކިލޯ މީޓަރުގެ ރޭޑިއެސްގައި ހުރި ރިސޯޓްތަކަށް މީހުން ގެންދޭ ގޮތް ހެދުން. އޭރުން ހަނިމާދޫ ފީޒިބަލްވާނެ. ހުޅުވަންވާއިރަށް ބޮޑު ސީޕްލޭން ޓާމިނަލް ނުހެދުނަސް ކުޑަ ޓާމިނަލް ހެދޭނެ،" މުޖުތަބާ ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއަކީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރޭން 136 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރި ރަންވޭ ވަނީ ބޭނުން ކުރަން ފަށާފަ އެވެ.
ހަނިމާދޫ އެއާޕޯޓް މަޝްރޫއު - ތިލަދުން އެންބޯމަޑި އެއާޕޯޓް