ދުނިޔޭގެ އެއާލައިން ޖަމިއްޔާއިން އެދޭތީ އާ ޓާމިނަލް ހުޅުވުން ލަސްކޮށްފި

އެމްއޭސީއެލް އިން ބުނީ މިވަގުތުވެސް ޓާމިނަލްގެ ބައެއް ހިދުމަތަށް ގެނެވިދާނެ އެވެ. އެކަމަކު އޭއޯސީން އެދިގެން އަންނަ އަހަރުގެ ޖޫން މަހަށް ވަނީ ފަސް ކުރަން ނިންމާފަ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. -- އެމްއޭސީއެލް

ދުނިޔޭގެ އެއާލައިންތަކުގެ ޖަމިއްޔާ އޭއޯސީ އިން އެދިގެން ރާއްޖޭގެ މައި ވައިގެ ބަނދަރުގެ އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުން އަންނަ އަހަރަށް ލަސްކޮށްފި އެވެ.


ރައްޔިތުން މަޖިލީހުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ އާ ޓާމިނަލްގެ ބައެއް ބޭނުންނަމަ މި އަހަރު ހިދުމަތަށް ގެނެވިދާނެ ކަމަށާ، ނަމަވެސް ދުނިޔޭގެ އެއާލައިންތަކުގެ ޖަމިއްޔާ އޭއޯސީ އިން އެދިފައިވަނީ ބައެއް ހުޅުވުމުގެ ބަދަލުގައި އަންނަ އަހަރު އެއާޕޯޓް ހުޅުވުން ލަސް ކުރުމަށެވެ. އެހެންވެ އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅު ލިބިފައިވާ ކަމަށާ އެހެންވެ އާ ޓާމިނަލް ހުޅުވުން އަންނަ އަހަރުގެ ޖޫން / ޖުލައި އަށް ލަސްކޮށްފައިވާ ކަމަށެވެ.

"މިހާރުވެސް ޓެކްނިކަލީ އެކަން [ޓާމިނަލްގެ ބައެއް ހުޅުވި] ދާނެ. މިހާރު ޓާމިނަލްގެ 82 ޕަަސެންޓް ވަނީ ނިމިފަ. ޝެޑިއުލަށް މަސައްކަތް ދަނީ. އެކަމަކު އޭއޯސީއިން އެދިފައިވަނީ މިގޮތަށް ހުޅުވުމުން ދިމާވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ޑިލޭވުން އިތުރުވެދާނެ ކަމަށް. އެހެންވެ މި ބަދަލު ގެންނަން ނިންމީ،" ޝަރީފު ވިދާޅުވި އެވެ.

ސަރުކާރުން ކުރިން ތައްޔާރުވީ މި އަހަރުގެ ޓޫރިޒަމް ސީޒަނަށް އާ ޓާމިނަލްގެ ބައެއް އޮޕަރޭޝަނަށް ގެންނާށެވެ. އަދި ޓާމިނަލް އަންނަ އަހަރު ރަސްމީކޮށް ހުޅުވާށެވެ. 

ވީއައިއޭ މަޝްރޫއު

ބޭރުން ގިނަ ލޯނުތަކެއް ނަގައިގެން ތަރައްގީ ކުރާ ވީއައިއޭއަކީ މިހާރު ރާއްޖޭގައި ހިނގާ އެންމެ ބިޔަ އެއް މަޝްރޫ އެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. ވީއައިއޭގެ މި މަޝްރޫއުގެ ދަށުން ހެދި ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ކޯޑް އެފް ރަންވޭ މިހާރު ވަނީ ހިދުމަތަށް ދޫކޮށްލާފަ އެވެ. އެ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން މިހާރު ވީއައިއޭގައި ރައްކާކުރެވޭ ތެލުގެ ތިން ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭ ފިއުލް ފާމެއް ވެސް ވަނީ ހަދައި ނިމުމުގެ މަގުމަތީގަ އެވެ. މި ފިއުލްފާމް ނިމުމުން މިހާރު ލޮރީ ގެންގޮސްގެން ބޯޓަށް ތެޔޮ އެޅުން ނިމިގެން ދާނެ އެވެ. މީގެ އިތުރުން މިހާރު ހުޅުވާ އާ ކާގޯ ޓާމިނަލްއާއެކު އިމްޕޯޓަށް / އެކްސްޕޯޓް އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.