މިއަދު އެބިލާމެދު މަޝްވަރާކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ މި ބިލުގެ މަސައްކަތް ސިޔާސީ މަންފާއެއް ހޯދުމަށް އަވަސްއަރުވާލައިގެން ނިންމައިލުން ރަނގަޅުނުވާނެ ކަމަށެވެ.
އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އެކަމުގައި ފަލަސްތީނުން ދެކޭ ގޮތެއް އޮޅުންފިލުވަން ފެންނަކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ. އޭނާ އެ އިސްލާހު ހުށަހަޅުއްވާފައިވަނިކޮށް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މަޝްވަރާކުރެއްވުމަށްފަހު އިސްރާއީލު ޕާސްޕޯޓު މަނާކުރަން ނިިންމެވީ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.
މީކާއީލު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ޕީއެންސީގެ މެންބަރުން ވޯޓު ދެއްވާފައިވަނިކޮށް ބަންޑާރަނައިބު އަހްމަދު އުޝާމުވަނީ އެއިރު ބިލު އޮތްގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށާއި، އެއަށް ބައެއް އިސްލާހުތައް ގެންނަންޖެހޭކަމަށް ވިދާޅުވެފަ އެވެ.
ބިލު ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވުމަށްފަހު ކޮމިޓީގައި ބިލުގެ މަސައްކަތެއް ނުހިނގައި ހަތަރު މަހެއްހައި ދުވަސްވުމަށްފަހު އެ ކޮމިޓީންވަނީ އަންނަ ފެބްރުއަރީ މަހުގައި ބިލުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފަ އެވެ.
މިއަދު އެބިލާމެދު މަޝްވަރާކުރަން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ މި ބިލުގެ މަސައްކަތް ސިޔާސީ މަންފާއެއް ހޯދުމަށް އަވަސްއަރުވާލައިގެން ނިންމައިލުން ރަނގަޅުނުވާނެ ކަމަށެވެ.
އަދި ފަލަސްތީނުގެ ވެރިން ތިއްބަވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ އެ ބިލު އޮތް ގޮތަށް ފާސްކޮށް އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުން ފަލަސްތީނު ރައްޔިތުންނަށް ލިބޭނީ ކިހައި މަންފާއެއްތޯ ނުވަތަ ހިތްހަމަޖެހުމެއްތޯ ބަލަންޖެހޭ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.. އަދި މިކަމުގައި އަރަބި ގައުމުތަކާއި ކަމާ ގުޅުންހުރި އިދާރާތަކުގެ ހިޔާލު ހޯދަންވެސް އޭނަ ހުށަހެޅުއްވި އެވެ.
"ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އައުން މަނާކުރުމުން އެ ބޭފުޅުންނަށް އެ ގައުމަށް މި ކަމުގައި ކިހާ މަންފާއެއް ފައިދާއެއް ހުރިތޯ ނުވަތަ އެ ބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމެއް އުފާވެރިކަމެއް އޮތްތޯ އަދި އަރަބި ގައުމުތަކާއި ދުނިޔޭގެ އެހެން ބޮޑެތި ގައުމުތަކުގެ ވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ވެސް ލަފައާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ފަލާހު ވިދާޅުވި އެވެ.
އިތުރަށް ފަލާހު ވިދާޅުވީ އިސްރާއީލު ޕާސްޕޯޓު މަނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށެވެ.
އެހެން ބައެއް މައްސަލަތަކުގައި ސަރުކާރުން ބޭނުންވާ ބިލުތައް ވަރަށް ބޮޑަށް އަވަސް އަރުވާލައިގެން ފާސްކުރަމުންދާއިރު އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ވަރަށް ލަސްލަހުން ގެންދާތީ އާންމުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.