މަޖިލީހަށް ހުށަހަޅާފައިވާ ލިސްޓުން ފެންނަ ގޮތުގައި ރާއްޖޭގައި ވިޔަފާރިކުރާ އެންމެ ބޮޑެތި ކުންފުނިތަކުން އެޗްޑީސީއިން ކުއްޔަށް ނަގާފައިވާ ބިންތަކަށް ކުލި ނުދައްކައި 1.2 ބިލިއަނެއްހައި ރުފިޔާ އެބަހުއްޓެވެ.
އެޗްޑީސީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންތަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދައްކައި ހުރިކަން ހާމަވެއްޖެ އެވެ.
އެޗްޑީސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށްވަނީ އެ ކުންފުންޏަށް ނުލިބިހުރި ފައިސާގެ ތަފުސީލުތައް ހިމެނޭ ލިސްޓެއް ފޮނުވާފަ އެވެ. މިއަދު ކޮމިޓީގެ ބައްދަލުވުމުގައި އެ ލިސްޓާމެދު މެންބަރުންވަނީ ވާހަކަދައްކަވާފަ އެވެ.
ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވީ އެކި ފަރާތްތަކުން އެޗްޑީސީއަށް ދައްކަންޖެހިފައިވާ 1.2 ބިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަަށެވެ. އެ ފައިސާ ހޯދުމަށް އެޗްޑީސީން ކުރި މަސައްކަތެއް ނޭނގޭކަމަށާއި، މި ފައިސާ ނުލިބުމަކީ ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާ ކަމެއް ކަމަށެވެ.
އެ މައްސަލައާމެދު ވާހަކަދައްކަވަމުން ބާރަށު ދާއިރާގެ އިބްރާހީމް ޝުޖާ ވިދާޅުވީ ބާތިލުނުކޮށް ހުރި އެއްބަސްވުންތަކަށް ދައްކަންޖެހޭ 1.2 ބިލިއަން ރުފިޔާ ހުރިއިރު، ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކަށް ދައްކަންޖެހޭ 169 މިލިއަން ރުފިޔާ ހުރިކަން އެޗްޑީސީގެ ހިސާބުތަކުން ދައްކާ ކަމަށެވެ.
އެޗްޑީސީއަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދައްކާ ހުރި ކުންފުނިތަކުގެ ތެރޭގައި ބޮޑެތި ކުންފުނިތައް ހިމެނޭކަން ފާހަގަކުރައްވައި ޝުޖާވަނީ އެ ފައިސާ ހޯދުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތައް ދެނެގަތުމަށް ހުށަހަޅުއްވާފަ އެވެ. އަދި ބޮޑެތި ކުންފުނިތަކުން މިގޮތަށް ފައިސާ ނުދައްކާ ހުރުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެކްޓިވްކޮށް ހިނގާ ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތައް އެބަހުރި މިލިއަނުން ކުލި ނުދައްކާ. އަޅުގަނޑުމެން މިދައްކަނީ ސަރުކާރު ކުންފުނިތައް ބަނގުރޫޓުވާ ވާހަކަ. ބަނގުރޫޓުވާނެ ނޫންތޯ ބޮޑެތި ބިންތައް ކުއްޔަށް ނަގާފަ ކުލި ނުދެއްކީމާ،" ޝުޖާ ވިދާޅުވި އެވެ.
ޝުޖާ ފާހަގަކުރެއްވީ ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކުގެ ލިސްޓު ހޯމް މިނިސްޓްރީން އާންމުކުރަން ފެށުމުން ކުރިން ނުދައްކައިހުރި ބިލިއަނެއްހައި ރުފިޔާ ދައުލަތަށް ލިބިގެންދިޔަ ކަމެވެ. އެކަން ފާހަގަކުރައްވައި ޝުޖާ ހުށަހެޅުއްވީ މިހާރު އަޅަމުންދާ ފިޔަވަޅުތަކާ ކުރިއަށް އޮތް ތަނުގައި ފައިސާ ހޯދަން އަޅާނެ ފިޔަވަޅުތައް އެޗްޑީސީން އޮޅުންފިލުވުމަށެވެ.
އަދި ކުލި ދެއްކުމުގައި އެކްސްޓެންޝަންތަކެއް ބައެއް ކުންފުނިތަކަށް ދީފައިހުރިއިރު އެ ލުއިދިނުމުން ލުޔާ އެއްގޮތަށް އަމަލުކޮށްފައި އޮތްކަން ނުވަތަ ނޫންކަންވެސް ކޮމިޓީން އޮޅުންފިލުވަން އޭނާ ހުށަހެޅުއްވި އެވެ.
ޝުޖާ އިތުރަށް ފާހަގަކުރެއްވީ އެޗްޑީސީއަށް ދިމާވެފައި އޮތް ކޭޝް ފްލޯގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްބަސްވުންތައް ބާތިލުކޮށް މިހާރު ހުސްކޮށް ހުރި ބިންތައް ކުލި ދެއްކޭނެ ފަރާތްތަކަކަށް ކުއްޔަށް ދޫކޮށްގެން އެ ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތަކަށް އަމަލުކުރަންޖެހޭ ކަމަށެވެ.
އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންވަނީ ޝުޖާގެ ހުށަހެޅުއްވުންތަކަށް ތާއީދުކުރައްވާފަ އެވެ. އެއާއެކު އަޒާން ފާހަގަކުރެއްވީ ކުލި ދެއްކުމުގައި އެކްސްޓެންޝަން ދީފައިވާ ކުންފުނިތަކަކީ އެތައް ބިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ކުންފުނިތައް ކަމަށެވެ. އަދި ލިސްޓުގެ 12 ވަނަ ނަންބަރުގައި އޮތް ކުންފުނި މިސާލެއްގެ ގޮތުގައި ފާހަގަކުރައްވައި އަޒާން ވިދާޅުވީ އެ ކުންފުނިން ދައްކަންޖެހޭ 11 މިލިއަން ރުފިޔާއާ ހަމައަށް އައި ދެތިން ބިމަކަށް ފައިސާ ނުދައްކާތާ އެތައް އަހަރެއްވެގެން ކަމަށެވެ.
އެހެންކަމުން އެހައި ގިނަ ދުވަހު ފައިސާ ނުދައްކާ ހުރި ކުންފުނިތަކަށް ފައިސާ ދެއްކުމުގައި އެކްސްޓެންޝަން ދިނުމަށް ނިންމި ގޮތެއް ބައްލަވަން ބޭނުންފުޅުވާކަމަށާއި، ގިނަ ފަހަރަށް ކުލި ނުދެއްކިގެން އެކްސްޓެންޝަނެއް ނުދީ އެއްބަސްވުންތައް ބާތިލުކޮށް ފިޔަވަޅުއަޅަނީ ކުދި ވިޔަފާރިތަކާމެދު ކަމަށްވެސް އަޒާން ވިދާޅުވި އެވެ.
"މިލިސްޓުގައި ފެނޭ ޕޭމެންޓު އެކްސްޓެންޝަންތަކެއް ދީފައި ހުރިކަން. އެކްސެޓެންޝަން ދީފައި މިހުރި ބައެއް ކުންފުނިތަކަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެތައް ބިލިއަން ރުފިޔާގެ ވިޔަފާރި ކުރާ ކުންފުނިތައް. މިސާލަކަށް މި ލިސްޓުގެ 12 ވަނަ ނަންބަރުގައި އޮތް ކުންފުނިން 11 މިލިއަން އެޗްޑީސީއަށް ދޭން އެބަޖެހޭ. އަޅުގަނޑު ބަލައިލިއިރު މި އެމައުންޓް ރީޗުވި ގޮތަކީ އެ ކުންފުނިން ނަގާފައިހުރި ދެތިންތަނަކަށް އެތައް އަހަރެއް ފައިސާ ނުދައްކައި ހުރެގެން،" އަޒާން ވިދާޅުވި އެވެ.
ކޮމިޓީގެ މުގައްރިރު އަދި ވިޔަފާރިވެރިޔާ ރެޑްވޭވް ސަލީމު ފާހަގަކުރެއްވީ އޭނާއަކީވެސް ހުޅުމާލެއިން ބިން ކުއްޔަށް ނަގައިގެން މަހަކު މިލިއަނަކާ ގާތްކުރާ އަދަދެއް ކުއްޔަށް ދައްކަވަމުންދާ ބޭފުޅެއް ކަމަށެވެ. ފައިސާ ނުދައްކާ ކުންފުނިތަކުގެ ލިސްޓުގައި އެންމެ ފުރަތަމަ ބިން ނެގި ދުވަހުން ފެށިގެން ފައިސާ ދައްކަމުންނުދާ ބޮޑެތި ކުންފުނިތައް ހިމެނޭކަން ސަލީމު ފާހަގަކުރެއްވި އެވެ.
ސަލީމު ވިދާޅުވީ ކުންފުނުތަކުން ދައްކަންޖެހޭ ފައިސާ ނުހޯދުމަކީ އެޗްޑީސީ ފަދަ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުންގެ އިހުމާލެއް ކަމަށެވެ.
މިއަދު މަޖިލީހުގެ ކޮމިޓީންވަނީ ކުލި ނުދައްކާ ހުރި ކުންފުނިތަކުން ކުލި ހޯދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކާއި، އެއްބަސްވުންތައް ބާތިލުކުރުމުން ހުސްވާ ބިންތަކާމެދު އަމަލުކުރާނެ ގޮތް އޮޅުންފިލުވަން މެންބަރު ޝުޖާ ހުށަހެޅުއްވި ހުށަހެޅުއްވުންވަނީ ފާސްކޮށްފަ އެވެ.