ޓޫރިސްޓުން މޫދު ކުޅިވަރުގައި އުޅެނިކޮށް ހިނގާ ހާދިސާތަކުގައި ފުރާނަ ގެއްލުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ.
ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް މޫދުގައި ދިމާވާ ހާދިސާތައް މަދު ކުރަން ފިޔަވަޅު ތަކެއް އަޅަން ނިންމައި ޓޫރިސްޓުންނަށް ހިދުމަތްދޭ ފަރާތްތަކަށް އެކަން އަންގައިފި އެވެ.
އެކްސްކާޝަން ނުވަތަ މޫދު ކުޅިވަރުތަކުގައި އުޅެނިކޮށް ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ޓޫރިސްޓުންގެ ފުރާނަ އަށް ގެއްލުންވާ ހާދިސާތައް އިތުރުވަމުންދާތީ ފިޔަވަޅުތަކެއް އަޅަން ނިންމައި ރާއްޖޭގެ ޓޫރިސްޓުންނަށް ހިދުމަތްދޭ ފަރާތްތަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ސާކިއުލާއެއް މެދުވެރިކޮށް އެކަން އަންގާފަ އެވެ.
ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ވާ ގޮތުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންނަކީ މޫދުގެ ހަރަކާތްތަކުގައި ގިނަ އަދަދަކަށް ބައިވެރިވާ ބަޔަކަށްވާތީ މޫދު ކުޅިވަރުތަކުގައި އުޅެނިކޮށް ހިނގާ ހާދިސާތައް ހުއްޓުވަން އެކްސްކާޝަން ހިދުމަތްދޭ ފަރާތްތަކުގެ ޒިންމާތައް ބަޔާންކޮށް ގަވައިދެއް ހެދުމުގެ މަސައްކަތް އެ މިނިސްޓްރީން ވަނީ ފަށާފަ އެވެ.
އެ މިނިސްޓްރީން ވަނީ މި ގަވައިދު ހެދުމުގެ ކުރިންވެސް މޫދު ކުޅިވަރުގެ ހިދުމަތް ދޭ ފަރާތްތަކުން ޓޫރިސްޓުން ގޮވައިގެންދާއިރު ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކުރިއަށް އޮތީ ޓޫރިޒަމްގެ މައި ސީޒަން ކަމަށްވާތީ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނާނެ ދުވަސްވަރަކަށްވުމާއެކު ހާއްސަކޮށް އިތުރަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ އެކްސްކާޝަން ހިދުމަތް ދިނުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތަކެއް އެކުލަވާލައި ނެރެ އެވެ. އަދި މި މިންގަނޑުތަކަށް މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ވަނީ އަންގާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން މޫދު ކުޅިވަރުގައި ހިދުމަތްދޭ ފަރާތްތަކަށް ސާކިއުލާއެއް ފޮނުވިއިރު މޫދު ކުޅިވަރުގައި އުޅެނިކޮށް ޓޫރިސްޓުންގެ ފުރާނަ ދިއުމުގެ ތިން ހާދިސާއެއް ދާދިފަހުން ވަނީ ހިންގާފަ އެވެ. މިގޮތުން ދާދިފަހުން ވަނީ ސިންގަޕޫރުން ރާއްޖެއަށް ސްޓަޑީ ޓުއާއެއްގައި އައި ދަރިވަރެއްގެ ގައިގައި ދޯންޏެއްގެ ބުރަފަތިން ޖެހި މަރުވެފަ އެވެ.