ކޮމިޝަނުގެ ތިން މެންބަރުންނަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ކޮރަޕްޝަނުގެ ތުހުމަތުގެ އިތުރަށް މުވައްޒަފުންނާމެދު ތަފާތުކުރުމާއި، މުވައްޒަފުން ކޮންޓުރޯލުކުރުމާއި، ބާއްވައިގެންނުވާނެ ގުޅުން މުވައްޒަފުންނާ ބޭއްވުން ފަދަ ތުހުމަތުތައް ހިމެނޭ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރަން ކޮމިޓީން ނިންމާފައިވާ އެ ކޮމިޝަނުގެ ނައިބުރައީސް އަދި ކޮމިޝަނުގެ އިތުރު ދެ މެންބަރުންނަށް ކޮރަޕްޝަނާއި މަގާމުގެ ހައިސިއްޔަތާ އެކަށީގެންނުވާ އަމަލުތަކެއް ހިންގެވިކަމުގެ ބޮޑެތި ތުހުމަތުތަކެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކޮށްފި އެވެ.
އެ ކޮމިޓީން އެ މެންބަރުން މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ދިރާސާކުރުމަށްފަހު އެކުލަވައިލި ރިޕޯޓު ކޮމިޓިގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ މިއަދުވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފަ އެވެ. އެ މެންބަރުން ވަކިކުރަން ކޮމިޓީން ނިންމީ ސިއްރު ބައްދަލުވުމެއްގަައިކަމުން އެ ބޭފުޅުންނަށް ކުރެވޭ ތުހުމަތުތަކުގެ ތަފުސީލުތައް މީގެ ކުރިން މީޑިޔާއަށް ތިލަވެފައިނުވެ އެވެ.
ރިޒާ ހުށަހެޅުއްވި ރިޕޯޓުގައި ކޮމިޝަނުގެ ރައީސް އަލީ ނަޝާތާއި ކޮމިޝަނުގެ މެންބަރު މުހައްމަދު އާސިފު އަދި މެންބަރު ޑރ.މުހައްމަދު ޒާހިރު ވިޔަފާރި ކުރާ ފަރާތަކާ ގުޅިގެން ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ކޮމިޝަނަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހޯއްދެވިކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެ ތަކެތި ހޯދި ކުންފުންޏަކީ އެ މެންބަރުންނާ ގުޅުން އޮތް ކުންފުންޏެއްކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގެ އިތުރަށް ނަޝާތަށް ބޮޑެތި އިތުރު ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން ކޮމިޝަނުގެ މުވައްޒަފަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުމާއި، ކޮމިޝަނުގެ މުވައްޒަފުންނަށް އިހުތިރާމު ކުޑަކޮށް ބޭއަދަބީ ބަހުން މުހާތަބުކޮށް މުއާމަލާތްކުރިކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި ނަޝާތު އެ ކޮމިޝަނުގެ ބައެއް އިސް މުވައްޒަފުން ކޮންޓުރޯލުކުރައްވައިގެން އުޅުއްވާކަމަށް ތުހުމަތުކޮށްފައިވެ އެވެ.
އޭގެ އިތުރަށް ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސޮއިކުރި މެންބަރުންގެ ލިސްޓެއް އެއިރު ރައީސް އޮފީހުގެ އިސްވެރިޔަކަށް ފޮނުއްވައި، ޕާޓީ އުފެއްދުމުގެ މަރުހަލާއަށް ހުރަސްއެޅުއްވުމަށް މަސައްކަތްކުރެއްވިކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތުން ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުރަސްއެޅުމަށް ވަގުފޯމު ހެދުމުގައި އަމަލީ ގޮތުން ތިން ބޭފުޅުން ބައިވެރިވެވަޑައިގަތްކަމަށްވެސް ރިޕޯޓުގައި ބަޔާންކުރެ އެވެ.
އަދި އެ ތިން މެންބަރުންވެސް ކޮރަޕްޝަނަކީ މައްސަލައެއް ނޫންކަމަށް ވާހަކަދައްކަވައި ފައިސާއަށް ވޯޓު ވިއްކަވާނެ ކަމުގައި ވިދާޅުވެ އެއީ މައްސަލައެއް ނޫންކަމަށް މުވައްޒަފުން ކައިރީ ވާހަކަދައްކަވާ ކަމަށްވެސް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވެ އެވެ.
އިތުރަށް ތުހުމަތުކުރި ގޮތުގައި މި ތިން ބޭފުޅުންވަނީ ވަކި ވިޔަފާރި ކުންފުންޏަކާއެކު ސިއްރުން މުއާމަލާތްކޮށް އިލެކްޝަންސް ކޮމިޝަނަށް ބޭނުންވާ އައިޓީއާ ގުޅުންހުރި ގިނަ ސާމާނުތަކެއް އެ ކުންފުނި މެދުވެރިކޮށް ހޯދުމަށްފަހު އެ މުއާމަލާތްތަކުން ބޮޑު އަދަދުން ފައިސާ ނަންގަވާފަ އެވެ.
އޭގެ އިތުރަށް އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްއިން މައުލޫމާތު ނަންގަވައިގެން ނަޝާތު އެޕްލިކޭޝަންތަކެއް ތައްޔާރުކުރައްވަައި އެ އެޕްލިކޭޝަންތައް ވިއްކަވައި، އެ އެޕްލިކޭޝަންތަކުގެ އެކްސެސް ވަކި ސިޔާސީ ޕާޓީތަކަކަށް ދެއްވި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، އެ ތިން ބޭފުޅުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަކި ޕާޓީއަކަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރިކަމަށްވެސް ބުނެފައިވެ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ކޮމިޓީން ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބަޔާންކުރާ ކަންކަމާ އެ ތިން މެންބަރުންވެސް ހިލާފުވެވަޑައިގެންފައިވާތީ އެ މެންބަރުން ވަކިކުރުމަށް ފެންނަ ކަމަށެވެ. މިއަދު ވޯޓު ގަޑީގައި އެ ބޭފުޅުން މަގާމުން ވަކިކުރުމާމެދު ވޯޓަށް އަހާނެ އެވެ.