ތިނަދޫ އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދެވެ. އޭނާ މި މައްސަލަ ރައްދުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ގދ. ތިނަދޫގައި 10،000 މީހުންގެ އާބާދީ ހަމަނުވަނިސް "ސިޓީ" އެއްގެ ދަރަޖަ ދީފައިވާތީ، ހައިކޯޓަށް ދުއްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
ތިނަދޫ އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދެވެ. އޭނާ މި މައްސަލަ ރައްދުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ރާގިބު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބަޔާންކޮށްފައި ވަނީ، ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ އެރަށު ކައުންސިލުން ދީފައިވާ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން، ތިނަދޫ ކައުންސިލް އިދާރާއިން، އެރަށު އާބާދީގެ ރަސްމީ އަދަދުގެ ހިއްސާކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް ބަޔާންކޮށްފައިވެ އެވެ.
ކައުންސިލް އިދާރާއިން ހިއްސާކުރި ލިސްޓުގައި، އެރަށުގެ އާބާދީއަކީ 10،150 މީހުން ކަމަށް ބުނެފައިވާއިރު، އެކެއްގެ ނަމުގައި އެއް އައިޑީކާޑު ނަންބަރަށްވުރެ ގިނަ ނަންބަރު ބޭނުންކޮށްފައިވާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކެއްގެ ނަން އެއްފަހަރަށްވުރެ ގިނަ ފަހަރު އެ ލިސްޓުގައިވާ ކަމަށާއި، އެވަގުތު މަރުވެފައިވާ 115 މީހުންގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ލިސްޓުގައި އޮޅުންއަރާފަދަ އެތައް ކަމެއް ހުރި ކަމަށް ވެއެވެ.
ރާގިބު ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލް އިދާރާގެ ރަޖިސްޓްރީއާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ރަޖިސްޓްރޭޝަނުގައި ވަރަށް ބޮޑު ފަރަގެއްވެ އެވެ. ޑީއެންއާރްގެ ރަޖިސްޓްރޭޝަނުން ދައްކާގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫގެ އާބާދީ އަކީ 7924 ކަމަށް ވެސް ވެއެވެ.
އެހެންކަމުން، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ގާނޫނާ ހިލާފަށްކަން ކަޑައަޅައި، އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު ބާތިލުކޮށްދެއްވުމަށް ރާގިބު ވަނީ އެދިވަޑައިގެންފަ އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ އޮގަސްޓް 30، 2023 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެރަށަށް ސިޓީއެއްގެ ދަރަޖަ ދިން އިރުވެސް ޑީއެންއާރްގެ ރަޖިސްޓްރޭޝަނުގައި އެ ރަށުގެ އާބާދީގެ ގޮތުގައި އޮތީ 7،906 މީހުންނެވެ.