2028 ގެ ރިޔާސީ އިންތިހާބު މާ ދުރު، ފޯކަސްއަކީ ކައުންސިލް އިންތިހާބު

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިވަގުތު އަޅުގަނޑުމެން، ޕާޓީއެއްގެ ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މުޅި ފޯކަސްއަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުން،" އެމްޑީޕީން ފޯކަސް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އެއީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

ދެހާސް އަށާވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށާއި، މިވަގުތު ފޯކަސް ހުރީ 2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގެ ވާހަކަ މިވަގުތު ދެއްކުމަށްވުރެ އެޕާޓީން ފޯކަސް ކުރަން ޖެހޭ މުހިންމު އެހެން ކަންކަން އެބަހުރި ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިވަގުތު އަޅުގަނޑުމެން، ޕާޓީއެއްގެ ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ މުޅި ފޯކަސްއަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުން،" އެމްޑީޕީން ފޯކަސް ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އެއީ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިވަގުތު ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަން ހަދައިގެން، މި ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ގެއްލުންތަކުގެ ވާހަކަ ނުދެއްކި، ޕާޓީގެ މިސްރާބު ގެއްލިދާނެ ކަމަށެވެ. އޭރުން ގެއްލުން ލިބޭނީ ގައުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އެއްވެސް ހާލެއްގަ އަޅުގަނޑު ގަސްތެއް ނުކުރަން 2028 ގަ އޮންނަ ކަމެއްގަ އަޅުގަނޑު ހުންނާނީ ކޮންތަނެއްގަތޯ މިއަދު ނިންމާކަށް،" ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުގުވެރިކަމާ ގުޅޭ ގޮތުން ޝާހިދު ޖަވާބު ދެއްވި އެވެ.

ޝާހިދު ވިދާޅުވީ އިންތިހާބަހަށް ފޯކަސް ކުރާނަމަ، މިވަގުތު އަމާޒު ހިފަންވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކާމިޔާބު ހޯދުން ކަމަށެވެ. ކައުންސިލް އިންތިހާބުން ރައްޔިތުން އެދިއެދި ތިބި ޑިމޮކްރަސީ ގެނެސްދެވޭނެ ކަމުގެ އުންމީދު ރައްޔިތުންނަށް ލިބޭނެ މަގަށް ކަންތައްތައް ގެންދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިވަގުތަކީ ޕާޓީގަ އަޅުގަނޑު ހުންނާނެ ތަނަކަށްވުރެ 2026 ގެ އަޅުގަނޑުމެންގެ ރަށްރަށުގަ، އަޅުގަނޑުމެންގެ އަތޮޅުތަކުގަ، އަޅުގަނޑުމެންގެ ސިޓީތަކުގަ އެމްޑީޕީގެ ކާމިޔާބީ އޮންނާނީ ކިހާވަރެއްގަތޯ، ކޮން ގޮތަކަށް މަސައްކަތް ކޮށްގެންތޯ އެ އަމާޒަށް މަސައްކަތް ކުރަން ޖެހޭ ދަނޑިވަޅެއް މީ،" ޝާހިދު ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީ ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މާފަހުން އޮތް ކަމެއްގެ ވާހަކަ ދައްކައިގެން އަމާޒު ކައްސާލައި "ލަނޑު ލިބިދާނެ" ކަމަށެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޝާހިދުގެ ފަރާތުން ސާފު ޖަވާބެއް ނުދެއްވި ނަމަވެސް، އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެކަން އިއުލާނު ކުރައްވާފަ އެވެ. އަދި ޝާހިދު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ޝައުގުވެރިކަން ގެންގުޅުއްވާކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.