އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ތައިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް މުއިއްޒުވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
ދިވެހިރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާ ސަަފީރުގެ މަގާމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ރައީސް ފޮނުއްވި ސިޓީ ޖަލްސާގައިވަނީ އިއްވަވާފަ އެވެ. އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ތައިލޭންޑުގައި ހުންނަވާ ސަފީރުގެ މަގާމަށް ފުއާދު އައްޔަންކުރައްވަން ގަސްތުކުރައްވާތީ އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވާ ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުންވަނީ ފުއާދުގެ ނަންފުޅު ދިރާސާކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީއަށް ފޮނުއްވާފަ އެވެ. ގައުމުތަކަށް އައްޔަންކުރައްވާ ސަފީރުންގެ ނަންފުޅުތައް ދިރާސާކުރާނީ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީންނެވެ.
ފުއާދަކީ ސްޓެޓިސްޓިކްސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު އެކި ދާއިރާތަކުގައި ސަރުކާރަށާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ފުއާދުވަނީ ކުރައްވާފަ އެވެ. އަދި ވަރަށް އުދަގޫ ހާލަތްތަކުގައިވެސް ވަރަށް ސާބިތުކަމާއެކު ހިދުމަތްކުރެއްވުމުގެ ދިގު ރެކޯޑެއް ފުއާދުގެ އޮވެ އެވެ.
އެގޮތުން ފާއިތުވި ރިޔާސީ އިންތިހާބާއި އޭގެ ކުރިން އެމްޑީޕީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އެ ޕާޓީ ދެފަޅިވެގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަރުހަލާގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އިންތިހާބުގެ ހުރިހާ ކަމެއް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމުގައި ފުއާދުގެ ދައުރު ވަރަށް ބޮޑެވެ.
އޭގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއި އެ ދުވަސްވަރު ކުރިމަތިލައްވަންޖެހުނު ޕްރެޝަރުތަކާއި އެއިރުގެ ސުޕްރީމް ކޯޓުން އޭނާއާމެދު ފިޔަވަޅުއެޅުން ފަދަ ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ފުއާދު ތަޖުރިބާކުރެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގައި ފުއާދުގެ ދައުރު ހަމަވީ އިއްޔެ އެވެ. އެއާއެކު މިއަދު ރައީސް ފުއާދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވި ނަމަވެސް އެ މަގާމަށް ފުއާދު އައްޔަންކުރެއްވުމަށް ރައީސް ވިސްނަވާކަމުގެ އަޑުތައް މީގެ ކުރިންވެސް އޮތީ އާންމުވެފަ އެވެ.