ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަނީ މި އެވޯޑްތައް ލިބުމުގައި ރިސޯޓް މުވައްޒަފުންނާއި އިންޑަސްޓްރީން ކުރި މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.
ތިމާވެށީގެ އެންމެ ޝަރަފުވެރި އެވޯޑާއެކު ވޯލްޑް ޓްރެވަލް އެވޯޑުގައި ރާއްޖެއަށް މިފަހަރު ލިބުނު ވަނަތަކާއެކު ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑަސްޓްރީ އާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.
ޕޯޗުގަލްގައި ބޭއްވި އެވޯޑް ދިނުމުގެ ގާލާ އިވެންޓުގައި ފަސް ވަނަ އަހަރަށް ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ވަނީ ދިފާއުކޮށްފަ އެވެ. މީގެ ކުރިން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގެ މި ސަރަހައްދުގެ ގައުމުތަކުގެ އެވޯޑުގައި އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަންގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަން އިންޑިއަން އޯޝަންގެ ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންގެ ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑްވެސް ލިބިފައިވެ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑުގައި މި ފަހަރު ރާއްޖެ އަށް ލިބުނު އަނެއް ޝަރަފަކީ މި އެވޯޑުގައިދޭ ތިމާވެށީގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެ އަށް ލިބުމެވެ. މި އެވޯޑްތަކާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އެމްޑީ އިބްރާހިމް ޝިއުރީ އެވެ.
ރާއްޖެ އަށް ލިބުނު އެވޯޑާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މި ކާމިޔާބު ލިބިގެން ގޮސްފައިވަނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންގެ ފުރިހަމަ އެހީތެރިކަމާއެކު ކަމަށެވެ. މި އެވޯޑު ލިބިގެން ދިއުމުގައި ރިސޯޓް ހިންގާ ފަރާތްތަކާއި ޑައިވް އޮޕަރޭޓަރުންނާ ހަމައިން ފެށިގެން އެއާލައިންތަކާއި ޓްރެވަލް އެޖެންސީތަކުގެ އިތުރުން ރިސޯޓް މުވައްޒަފުންނާއި ޓުއާ ގައިޑުން އަދި އާއްމު ދިވެހި ރައްޔިތުން ކުރި މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި އެ ހުރިހާ ފަރާތްތަކެއްގެ މަސައްކަތްތަކަށް މިނިސްޓަރުވަނީ ޝުކުރު އަދާކުރައްވާފަ އެވެ.