ތުރުކީއަށް ނިސްބަތްވާ ރުމޭސާ ގެލްގީގެ އިސްކޮޅުގައި ހަތް ފޫޓޫ 0.7 އިންޗި ހުރެ އެވެ. އިންޑިޔާއަށް ނިސްބަތްވާ ޖިޔޯތީ އަމްގޭގެ އިސްކޮޅަކީ އެންމެ ދެ ފޫޓު 0.7 އިންޗި އެވެ.
ދުނިޔޭގެ އެންމެ ދިގު އަންހެނާ އަދި ދުނިޔޭގެ އެންމެ ކުރު އަންހެނާ ލަންޑަނުގައި ބައްދަލުވެ އެކީ ސައިބޮއެ ދެމީހުންގެ ތަޖުރިބާތައް ހިއްސާކޮށް އެކީ ވަގުތުކޮޅެއް ހޭދަކޮށްފި އެވެ.
ތުރުކީއަށް ނިސްބަތްވާ ރުމޭސާ ގެލްގީގެ އިސްކޮޅުގައި ހަތް ފޫޓޫ 0.7 އިންޗި ހުރެ އެވެ. އިންޑިޔާއަށް ނިސްބަތްވާ ޖިޔޯތީ އަމްގޭގެ އިސްކޮޅަކީ އެންމެ ދެ ފޫޓު 0.7 އިންޗި އެވެ. މި ދެމީހުން ބައްލުވެލީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގަ އެވެ.
ލަންޑަނުގެ ސަވޯއީ ހޮޓަލުގައި އޮތް މި ބައްދަލުވުމަކީ ގިނެސް ވޯލްޑް ރެކޯޑު ޑޭ ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. ގެނިސް ވޯލްޑް ރެކޯޑު ފޮތުގައި މި ދެމީހުންނަށް ވޯލްޑް ރެކޯޑު އައިކަންސްގެ މަގާމު ދީފައިވެ އެވެ.
އެންމެ ފުރަތަމަ ބައްދަލުވެލުމާއެކު ގެލްގީ ޖިޔޯތީއަށް ކުރީ ތާރީފެވެ. ޖިޔޯތީ ވަރަށް ރީތިކަމަށް 27 އަހަރުގެ ގެލްގީ ބުނުމުން ޖިޔޯތީވަނީ އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.
އެ ބައްދަލުވުމަށްފަހު ގެލްގީ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިޔޯތީއާ ބައްދަލުވެލުމަކީ ދުވަސްވީ އެދުމެއް ކަމަށެވެ. އަދި އޭނާއާ ބައްދަލުވުމަކީ ލިބުނު އުފަލެއްކަން ފާހަގަކުރުމާއެކު ގެލްގީ ބުނީ ޖިޔޯތީއަކީ ހުރިހާ ގޮތަކުންވެސް ވަރަށް ނަލަ ޝަހުސިއްޔަތެއް ކަމަށެވެ.
ގެލްގީ ބުނި ގޮތުގައި އެ ބައްދަލުވުމުގައި މޭކްއަޕާއި، ގަހަނާއާއި ނިޔަފަތި ޒީނަތްތެރިކުރުން ފަދަ ދެމީހުންވެސް ޝައުގުވެރިވާ ތަފާތު ކަންކަމާމެދު ވާހަކަދައްކައި، އެކަންކަމުގެ ތެރެއިން ދެމީހުންގެ ގުޅުން ބަދަހިކުރި ކަމަށެވެ.
ޖިޔޯތީ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ އެންމެ ދިގު އަންހެނާއަށް އިސްއުފުލައި ބަލައިލުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ގެގީއަކީ ވަރަށް މިޒާޖު ރަނގަޅު މީހެއްކަން ފާހަގަކުރުމާއެކު ޖިޔޯތީ ބުނީ އެ ދެމީހުންގެ އިސްކޮޅުގެ ފަރަގުގެ ސަބަބުން ހަތަރުކަޅި ހަމަކޮށް ވާހަކަދައްކަން ބައެއްފަހަރު ދަތިވި ކަމަަށެެވެ.
ގެލްގީގެ އިސްކޮޅު އެހައި ދިގުވުމަށް މެދުވެރިވީ ވަރަށް މަދުންނޫނީ ނުފެންނަ ޖެނެޓިކް ބައްޔެއްކަމަށްވާ ވީވާ ސިންޑްރޯމްގެ ސަބަބުންނެވެ. އެ ބަލި ޖެހުމުން ވަރަށް އަވަހަށް އާދަޔާ ހިލާފަށް މީހުން ބޮޑުވެ އެވެ. މި ބަލީގެ މައިގަނޑު އަލާމަތަކީ އާންމު މިންގަނޑުތަކަށްވުރެ އަވަހަށް ކަށި އުފެދުމާއި މީހާ ބޮޑުވަމުން ދިއުމެވެ. މި ބަލީގެ ސަބަބުން މަސްތައް ހަރުވެ އުޅަބޮއްޓާއި ކަކޫ ދިއްކޮށް ހެދުމަށް ދަތިވެ އެވެ.
ގެލްގީއަކީ ދުނިޔޭގައި މި ބަލިޖެހުނުކަމަށް ރެކޯޑުކުރެވުނު 27 ވަނަ މީހާ އެވެ. އަދި ތުރުކީގައި މިބަލިޖެހުނުކަމަށް ރެކޯޑުކުރެވުނު ފުރަތަމަ މީހާވެސްމެ އެވެ. ގެލްގީއަކީ ވެބް ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ.