އާ މަޝްރޫއުތަކަށް ތިން ބިލިއަން؛ ދެބައިކުޅަ އެއްބައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް

އައު މަޝްރޫއުތައް ހިންގުމަށް ހާއްސަކުރި ތިން ބިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބައިކަމަށްވާ 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ތަގުރީރު ކުރައްވަނީ ، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގަން ރާވާފައިވާ އައު މަޝްރޫއުތައް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހާއްސަކޮށްފައިވެ އެވެ. 

އަންނަ އަހަރަށް ސަރުކާރުން އެކުލަވައިލި ފިސްކަލް ސްޓްރެޓެޖީގައި ސަރުކާރުގެ އައު މަޝްރޫއުތައް ފެށުމަށް ބަޖެޓުކޮށްފައި އޮތީ 750 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓަކީ މި ސަރުކާރުން އެކުލަވައިލާ ފުރަތަމަ ބަޖެޓަށްވުމާއެކު، ސަރުކާރުގެ ވައުދުތައް ތަންފީޒުކުރަން ފެށުމަށްޓަކައި، އައު މަޝްރޫއުތަކަށް ބަޖެޓުގައި ހާއްސަކޮށްފައިވާ މިންވަރު އިތުރުކުރަން ނިންމާފައިވެ އެވެ. 

އެގޮތުން މި ބަޖެޓުގައި އައު މަޝްރޫއުތައް ފެށުމަށް ޖުމްލަ 3،045.6 މިލިއަން (3.04 ބިލިއަން) ރުފިޔާ ހާއްސަކޮށްފައިވެ އެވެ. އެހެންކަމުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީ ބަޖެޓުގެ ގާތްގަނޑަކަށް %25 އަކީ ސަރުކާރުގެ އައު މަޝްރޫއުތައް ފެށުމަށް ހާއްސަކޮށްފައިވާ ފައިސާ އެވެ. 

އަންނަ އަހަރު ސަރުކާރުން ފަށަން ނިންމާފައިވާ އައު މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއްކުރާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށެވެ. ބޯހިޔާވަހިކަމުގެ އައު މަޝްރޫއުތައް ފެށުމަށް ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހާއްސަކުރެ އެވެ. އެއީ އައު މަޝްރޫއުތަކަށް  ބަޖެޓުކުރި ފައިސާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. 

ދެން އެންމެ ބޮޑު ހަރަދެއްކުރަން ހިމަނާފައިވަނީ ވައިގެ ބަނދަރު އެޅުމުގެ މަޝްރޫއުތަކަށެވެ. އެ މަޝްރޫއުތަކަށް 600 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. އޭގެ އިތުރަށް ސިއްހީ ދާއިރާގެ އައު މަޝްރޫއުތައް ހިންގުމަށް 221.7 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ. 

އައު މަޝްރޫއުތަކަށް ހަރަދުކުރާ ތިން ބިލިއަން ބެހިގެންދާ ގޮތް

  •  ބޯހިޔާވަހިކަން: 1.5 ބިލިއަން
  •  ވައގެ ބަނދަރު: 600 މިލިއަން
  •  ސިއްހީ ދާއިރާ: 221.7 މިލިއަން
  •  މަގުހެދުން: 149 މިލިއަން
  •  ފެނާއި ނަރުދަމާ: 147 މިލިއަން
  •  ބިން ހިއްކުން: 80 މިލިއަން
  •  ތިމާވެށި: 64 މިލިއަން
  •  ބަނދަރު ހެދުން: 62 މިލިއަން
  •  ތައުލީމީ ދާއިރާ؛ 51.1 މިލިއަން
  •  އެހެނިހެން: 169.8 މިލިއަން

އަންނަ އަހަރު ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ 40 އިންސައްތަ މަޝްރޫއަކީ ދަރަންޏަށް ފައިސާ ހޯދައިގެން ހިންގާ މަޝްރޫއުތަކެވެ. ބާކީ 60 އިންސައްތަ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަރަދުކުރަން ހަމަޖެހިފައިވާ މަޝްރޫއުތަކެވެ. 

އަންނަ އަހަރުގެ ބަޖެޓަކީ މިހާތަނަށް ޕީއެސްއައިޕީ ބަޖެޓު އެންމެ ބޮޑު ބަޖެޓެވެ. އަދި މި ބަޖެޓަކީ ޕްރޮގުރާމު ބަޖެޓުތައް އެކުލަވައިލުމުގެ އުސޫލުތަކާ އެއްގޮތަށް ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލުތައް ނުހިމަނައި މަޝްރޫއުތައް ހިންގާނެ ދާއިރާތައް ބަޔާންކޮށްފައިވާ ބަޖެޓެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.