ނިމުނު ތިން އަހަރު ހަރަދުތައް އެވެރެޖުކޮށް އަހަރުން އަހަރަށް %15 އިތުރުވި ނަމަވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ހަރަދުތައް އިތުރުވީ 1.4 އިންސައްތައިންނެވެ. އަދި ޖުމްލަ ޑެފިސިޓު އިތުރުވީ %2.5 އިންނެވެ.
މި އަހަރު ފުރަތަމަ ފަހަރަށް ބަޖެޓު ޑެފިސިޓު ނިމުނު އަހަރަށްވުރެ ދައުލަތުގެ ހަރަދު ބޮޑުވެ އާމްދަނީއާއި ހަރަދުގެ ފަރަގުވެސް ކުރީ އަހަރަށްވުރެ މަތިވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް 9.8 ބިލިއަން ރުފިޔާގަ އެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %3.6 ދަށް މިންވަރެކެވެ.
ނަމަވެސް މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ހަރަދުތަކާއި އާމްދަނީގެ ތަފުސީލު ފިނޭންސް މިނިސްޓްރީން ހާމަކުރިއިރު ބަޖެޓު ޑެފިސިޓު ނުވަތަ އާމްދަނީއާއި ހަރަދުގެ ފަރަގުވަނީ ކުރީ އަހަރަށްވުރެ ކުޑަކޮށް އިތުރުވެފަ އެވެ.
ނިމުނު އަހަރުގެ ނޮވެންބަރު 14ގެ ނިޔަލަށް ޖުމްލަ ޑެފިސީޓަކީ 10.5 ބިލިއަން ރުފިޔާ އެވެ. މި އަހަަރު އެ އަދަދުވަނީ 10.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އޭގެ އިތުރަށް ހަރަދުގެ ތެރެއިން ދަރަނި އަދާކުރުމުގެ ހަރަދު އުނިކުރުމަށްފަހު، އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ނިމުނު އަހަރުގެ އެ މުއްދަތުގައި އޮތީ 6.7 ބިލިއަނެވެ. މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު އިތުރުވީ 6.8 ބިލިއަން ރުފިޔާ އަށެވެ.
މި ހިސާބުތަކަށް ބަލާއިރު ޖުމްލަ ޑެފިސިޓު އިތުރުވެފައިވަނީ %2.5 އިންނެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓު ނިމުނު އަހަރާ އަޅާބަލާއިރު އިތުރުވެފައިވަނީ %1.6 އިންނެވެ. މިއީ ފާއިތުވި ހަތަރު ވަރަކަށް އަހަރު، އަހަރުން އަހަރަށް ޑެފިސިޓު އިތުރުވި މިންވަރާ އަޅާބަލާއިރު ކުޑަ ނިސްބަތެއްކަން ފާހަގަކުރެވެ އެވެ.
ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައްވެސްވަަނީ އިތުރުވެފަ އެވެ. ނަމަވެސް ހަރަދުތައް އިތުރުވެފައިވަނީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ މިންވަރަކަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އަހަރުން އަހަރަށް އެވެރެޖުކޮށް %15 އިން ހަރަދުތައް ދިޔައީ ބޮޑުވަމުންނެވެ.
ފާއިތުވި އަހަރުގެ ނޮވެންބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުވެފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެ މުއްދަތުގައި 40.3 ބިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު ހަރަދު އިތުރުވީ 1.4 އިންސައްތައިންނެވެ.
ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ރިކަރަންޓު ހަރަދެވެ. ރިކަރަންޓު ހަރަދުތައް ކުރީ އަހަރަށްވުރެ ބޮޑުވީ ކުރީ އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު ފަހުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލުތައް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ތަންފީޒުކޮށްފައި އޮތުމުން އެ ދެ ކުއާޓާގެ ފަރަގު ބޮޑުވުމުގެ ސަބަބުންނެވެ.
ރިކަރަންޓު ހަރަދުތައް ބޮޑުވި ނަމަވެސް ނިމުނު އަހަރާ އަޅާބަލާއިރު ޖުމްލަ ރިކަރަންޓު ހަރަދު ބޮޑުތަނުން އިތުރުނުވާކަން ހިސާބުތަކުން ދައްކަ އެވެ. އެގޮތުން ނިމުނު އަހަރު 27 ބިލިއަން ހަރަދުވިއިރު މި އަހަރު ހަރަދުވެފައިވަނީ 28.2 ބިލިއަނެވެ. އެއީ 4.4 އިންސައްތައިގެ އިތުރުވުމެކެވެ.