އަދި ނަބަވީ އިރުޝާދުގައި އެ ދުވަސް ސިފަކޮށްދެއްވާފަައިވާ ގޮތް ބަޔާންކޮށްދެމުން ހުތުބާގައި ބުނެފައިވަނީ އެ ދުވަހު މީހުން މަހުޝަރު ބިމުގައި ޖަމާވެފައި ތިބޭއިރު އެ މީހުންނާ އިރާ ދެމެދު ހުންނާނީ މޭލެއްހައި ދުރުމިން ކަމަށެވެ.
ގިޔާމަތް ދުވަހުގައި މާތްﷲ ސުބުހާނަހޫ ވަތައާ އެއްވެސް މީހަކަށް އެއްވެސް ކަމެއްގައި ބޭއިންސާފު ނުކުރައްވާނެ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ގިޔާމަތް ދުވަހާ ގުޅޭ ހުތުބާގައި ފާހަގަކުރި ގޮތުގައި އެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް ކަމުގަ އެވެ. އެ ދުވަހުގެ ބިރުވެރިކަން ސިފަކޮށްދީ ހުތުބާގައި ބުނެފައިވަނީ އެ ދުވަހު އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި އަނބިދަރިންނާއި އެއްބަނޑު އެއްބަފާ މީހުން ގޮތް ހުސްވެފައި ތިއްބައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބެހެއްޓޭނެ ކަމަށެވެ.
އަދި ނަބަވީ އިރުޝާދުގައި އެ ދުވަސް ސިފަކޮށްދެއްވާފަައިވާ ގޮތް ބަޔާންކޮށްދެމުން ހުތުބާގައި ބުނެފައިވަނީ އެ ދުވަހު މީހުން މަހުޝަރު ބިމުގައި ޖަމާވެފައި ތިބޭއިރު އެ މީހުންނާ އިރާ ދެމެދު ހުންނާނީ މޭލެއްހައި ދުރުމިން ކަމަށެވެ.
ދުނިޔެއާއި އިރުގެ މެދުގައި ނުވަދިހަ ތިން މިލިއަން މޭލުގެ ދުރުމިން ހުންނައިރު ހޫނުގަދަ ދުވަސްތަކުގައި އެހާމެ ހޫނުގަދަވެ، ކޮންމެ އަހަރަކުވެސް އެތައް ބަޔަަކު ހޫނުގެ ސަބަބުން މަރުވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ ދުނިޔޭގެ ހޫނުގައި މީހުންގެ ހާލަކީ މިއީކަމަށްވާއިރު އާހިރަތުގެ ހޫނުގައި މީސްތަކުގެ ހާލު ހުންނާނެ ގޮތް ވިސްނުމަށް ގެނެވޭނެ ކަމަށެވެ.
އެގޮތުން މަހުޝަރުގައި ޖަމާވެފައި ތިބޭ މީހުންގެ އަމަލުތައް ހުރި ގޮތެއްގެ މައްޗަށް ބިނާކޮށް އެމީހުންގެ ގައިން އޮހޮރޭ ދާގެ ތެރޭގައި ތަނބިކަށްޓާއި ހަމައަށާއި، ކަކުލާ ހަމައަށާއި އުނަގަނޑާ ހައަށް އަދި އަނގައާ ހަމައަށް ގެނބިފައި ތިބޭނެ ކަމުގައި ހުތުބާގައި ފާހަގަކުރި އެވެ.
ހެޔޮ އަމަލުތައް ވިޔަސް ނުވަތަ ހަވާނަފުސު އެދި ގޮވާ ކަމެއް ކުރުން ކަމުގައިވީނަމަވެސް އެކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޒުވާން އުމުރުގައިކަން ފާހަގަކޮށް ހުތުބާގައި ޒުވާނުންނަށް އިލްތިމާސްކުރީ ހެޔޮކަންކަން ކުރުމަށް އަވަސްވެގަނެ ނުބައި ފާހިޝް ކަންކަމާ ދުރުހެލިވެ ހަވާނަފުސުގެ މަގު ދޫކޮށް މާތްﷲގެ މަގަށް އަވަސްވެގަތުމަށެވެ.
ގިޔާމަތް ދުވަސް ދިގުލައިގެން ދިއުމުގެ ސަބަބުން މީސްތަކުންގެ ހާލު ބޮޑުވެ ކަރުހިއްކުން އިންތިހާއަށް އިތުރުވެފައި ވަނިކޮށް އެ ދުވަހު ކަރުހިއްކުން ފިލައިގެންދާނީ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަ ހައުޟުކޮޅު ދެއްވުމުން ކަމަށެވެ.
އިތުރަށް ހުތުބާގައި ބުނެފައިވަނީ ގިޔާމަތްދުވަހަކީ ހިސާބު ބެއްލެވޭނެ ދުވަހެއް ކަމަށާއި، އެ ދުވަހުގައި އަމަލުތައް ވަޒަންކުރެވޭނެ ކަމށާއި އެގޮތުން ރެވިއޮށްޓަރެއްގެ މިންވަރުގެ ހެޔޮކަމެއް ވިޔަސް އަދި ނުބައިކަމެއް ވިޔަސް ގެނެވޭނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެއްވެސް ކަމަކުން މާތްﷲ ބޭއިންސާފެއް ނުކުރައްވާނެ ކަމަށެވެ.