މަރުކަޒީ ބޭންކުން ސިފަކުރި ގޮތުގައި މި އެއްބަސްވުމަކީ ދެ ގައުމުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރުވެ، އިގުތިސާދީ ގުޅުންތައް ވަރުގަދަވާނެ އެއްބަސްވުމެކެވެ.
ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ކުރެވޭ މާލީ މުއާމަލާތްތަކުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމާ ގުޅޭ އެއްބަސްވުމުގައި އިންޑިޔާގެ ރިޒާވް ބޭންކާއި ރާއްޖޭގެ މަރުކަޒީ ބޭންކުގެ މެދުގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ ފަރާތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓިގެ ގަވަރުނަރު އަހްމަދު މުނައްވަރު އަދި އިންޑިޔާގެ ފަރާތުން އެ ގައުމުގެ ރިޒާވް ބޭންކުގެ ގެވަރުނަރު ޝަރީ ޝަކްތިކަންދާ ދާސް މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިއްޔެ އެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން އެމްއެމްއޭއިން ބުނީ މި އެއްބަސްވުމުގެ ދަށުން ކަރަންޓް އެކައުންޓު މުއާމަލާތްތަކާއި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓު މުއާމަލާތްތަކާއި އެހެނިހެންވެސް އިގުތިސާދީ އަދި މާލީ މުއާމަލާތްތައް ދެ ގައުމުގެ މެދުގައި ހިންގުމުގައި ދެ ގައުމުގެ ފައިސާ ބޭނުންކުރުމަށް ފުރުސަތު ފަހިވާނެ ކަމަށެވެ.
އެ އިދާރާއިން ބުނި ގޮތުގައި ދެ ގައުމުގެ މެދުގައި ހިނގާ އިމްޕޯޓު އެކްސްޕޯޓު ވިޔަފާރިތަކުގައި އެ ގައުމެއްގެ ފައިސާއިން ބިލުކޮށް އަދި އެ ބިލުތައް އެ ގައުމެއްގެ ފައިސާއިން ދެއްކުމަށް މަގުފަހިވާނެ އެވެ. އަދި ދެ ގައުމުގެ ބޭރު ފައިސާގެ ބާޒާރުގައި ދެ ގައުމުގެ ފައިސާ ބަދަލުކުރެވޭނެ މަގުފަހިވާނެ އެވެ.
އަދި މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ މެދުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކުގެ ހަރަދުކުޑަވެ ސެޓްލްމެންޓުތަކަށް ހިނގާ ވަގުތު ކުޑަވާނެ ކަމުގައިވެސް އެމްއެމްއޭއިން ބުނެ އެވެ.
މަރުކަޒީ ބޭންކުން ސިފަކުރި ގޮތުގައި މި އެއްބަސްވުމަކީ ދެ ގައުމުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރި އިތުރުވެ، އިގުތިސާދީ ގުޅުންތައް ވަރުގަދަވާނެ އެއްބަސްވުމެކެވެ.
ދެ ގައުމުގެ މެދުގައި ރުފިޔާ އަދި ރުޕީސް ބޭނުންކޮށްގެން މުއާމަލާތްކުރުމަށް މަގުފަހިކުރުމަށް 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު އެއްބަސްވުމެއްގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އޮކްޓޯބަރު މަހު އިންޑިޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
އެމްއެމްއޭއިން ކުރިން ބުނި ގޮތުގައި ކަރަންސީ ސެޓްލްމެންޓު އެއްބަސްވުމެއް ޗައިނާއާއެކު ހެދުމަށް އެ ގައުމުގެ މަރުކަޒީ ބޭންކާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ. ޗައިނާއާއި އިންޑިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން މުދާ ބޭރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ގައުމަށްވާއިރު މި އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމުން ޑޮލަރަށް އޮތް ޑިމާންޑު ކުޑަކުރެވޭނެ އެވެ.