ފާއިތުވި ބުދަދުވަހު މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކުރި 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަޖެޓު ރިޕޯޓުގައި 12 ކަމެއް ކޮމިޓިގެ ރެކޮމެންޑޭޝަންތަކުގެ ގޮތުގައި ހިމަނާފައިވެ އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރުމާއެކު، އެ ބަޖެޓުގައި ހިންގަން ހިމަނާފައިވާ މަޝްރޫއުތަކުގެ ތަފުސީލު ހިމެނޭ ލިސްޓަކާއި، ދައުލަތުގެ ކުންފުނިތަކަށް ގެންނަ އިސްލާހުގެ ތަފުސީލީ ތާވަލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.
ފާއިތުވި ބުދަދުވަހު މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކުރި 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަޖެޓު ރިޕޯޓުގައި 12 ކަމެއް ކޮމިޓިގެ ރެކޮމެންޑޭޝަންތަކުގެ ގޮތުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިއްމު ފިޔަވަޅުތަކާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރުން ކުރަންޖެހޭނެކަމަށް ކޮމިޓީއަށް ފެންނަ މުހިއްމު ކަންކަން ހިމެނެ އެވެ.
ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅިގެން ތިން ކަމެއް މަޖިލީހުގެ ކޮމިޓީންވަނީ ހުށަހަޅާފަ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަ އަހަރު އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ނިންމާފަައިވާ ރަށްތައް ބެހިފައިވާ ގޮތް އެނގޭނެ ލިސްޓެއް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް މަޖިލީހަށް ހުށަހެޅުމެވެ.
އަދި މިހާރު ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިިން ސޮއިކުރެވިފައިވާ ޕްރޮގުރާމުތަކުގެ ތެރެއިން ކުރިއަށްދާނެ މަޝްރޫއުތަކާއި، ކުރިއަށްނުގެންދެވޭނެ މަޝްރޫއުތައް އަދި އެ މަޝްރޫއުތައް ކުރިއަށްގެންދަން ނިންމާފައިވާ ރަށްތަލުގެ ތަފުސީލު އެނގޭނެ ލިސްޓެއް މާޗު މަހުގެ ނިޔަލަށް މަޖިލީހަށް ހުށަހެޅުމަށް އަންގަން ކޮމިޓީން ނިންމާފައިވެ އެވެ.
އޭގެ އިތުރަށް އަހަރުގެ ކޮންމެ ކުއާޓާއެއްގައި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްދާ މިންވަރުގެ ތަފުސީލު އެނގޭނެ ރިޕޯޓެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރަށް އަންގަން ކޮމިޓީންވަނީ ފާސްކޮށްފަ އެވެ. މި ހުށަހެޅުންތަކާއެކު ބަޖެޓު ފާސްވެއްޖެނަމަ މިއީ މިފަދަ ތަފުސީލުތަކެއް މަޖިލީހަށް ހުށަހަޅަން ސަރުކާރަށް އަންގާ ފުރަތަމަ ފަހަރެވެ.
އެ އިސްލާހުތަކުގެ އިތުރަށް ސަބްސިޑީ ނިޒާމު އިސްލާހުކުރާއިރު ހިދުމަތުގެ އަގު އުފުލިޔަނުދިނުމަށްޓަކައި ކުންފުނިތަކުގެ އެފިޝިއަންސީ ރަނގަޅުކޮށް ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އެ ނިޒާމު ތަންފީޒުކުރެވޭނެ ގޮތުގެ ތާވަލެއް އަހަރުގެ ފުރަތަމަ ކުއާޓާގއި އެކުލަވާލައި މަޖިލީހާ ހިއްސާކުރުމަށްވެސް ކޮމިޓީން ފާސްކުރި އެވެ.
ސަބްސިޑީ ނިޒާމަށް ގެންނަން ހުށަހަޅާފައި އިސްލާހުތައް ގެނައުމަށް ބޭނުންވާ މުހިއްމު މައުލޫމާތު އެއްކުރެވޭ ސާވޭއެއްކަމަށްވާ ގޭބީސީގެ އާމްދަނީއާއި ހަރަދުގެ ސާވޭ އެންމެ ފަހުން ހަދާފައިވަނީ 2019 ވަނަ އަހަރުގައިކަން ފާހަގަކޮށް ކޮމިޓީން ފާސްކުރީ، އެ ސިޔާސަތުތައް ތަންފީޒުކުރަން ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭނެ ނިޒާމެއް ގާއިމުކުރުން އަވަސްކުރުމަށާއި، އެކަމުގައި މެލޭޝިޔާގައި ބޭނުންކުރާ ސިސްޓަމް ނަމޫނާއަކަށް ބެލުމަށެވެ.
އޭގެ އިތުރަށް ބަޖެޓުން ހަރަދުކުރާ މިންވަރާއި ހަރަދުކުރާ ވަގުތު އެކަށައަޅާ ހަމަތަައް ބަޔާންކުރާ "އެޕްރޮޕްރިއޭޝަންް"" ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް އަވަސްކުރުމަށްވެސް ކޮމިޓީންވަނީ ސަރުކާރަށް ލަފާދިނުމަށް ފާސްކޮށްފަ އެވެ.
އާންމުކޮށް ޕްރޮގުރާމް ބަޖެޓުތަކުގައި އަހަރު ތެރޭ ހިންގާ ހުރިހާ މަޝްރޫއެއްގެ ތަފުސީލުތަކެއް ނުހިމެނެ އެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް ބަޖެޓުގައި ހިމަނަނީ އެކި ދާއިރާތަކުން ހަރަދުކުރަން ކަނޑައަޅާ އަދަދުތަކެވެ. ވަކިވަކި މަޝްރޫއުތަކުގެ ތަފުސީލެއް ނުހުރެ އެވެ.
ނަމަވެސް ރާއްޖޭގައި ދައުލަތުގެ ބަޖެޓުގައި ކުރިން އެ ތަފުސީލުތައް ހިމެނިފައި މި އަހަރު ނުހިމެނޭތީ މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމުންގެ ނުރުހުން ސަަރުކާރަށް އަމާޒުވެފައިވެ އެވެ.