ބަލަމުން ދަނީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާއާ ގުޅޭ މައުލޫމާތުތަކެއް އާންމު ކުރި މައްސަލަ ކަމަށް އެނގިފައިވެ އެވެ.
މަރުކަޒީ ބޭންކު -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް ބޭފުޅެއްގެ ޒާތީ މައުލޫމާތުތަކެއް އެކްސްގައި ލީކުކޮށްލި މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.
އެކަން އެމްއެމްއޭއާ ދިވެހި ފުލުހުންގެ އިދާރާ އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެމްއެމްއޭ އިން ބުނީ އެ އިދާރާގެ އިންޓާނަލް އޮޑިޓުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެކަމުގައި ފުލުހުންގެ އެހީތެރިކަން ވެސް ހޯދަމުން އަންނަ ކަމަށެވެ.
އެ އިދާރާގެ މުވައްޒިފުންގެ ޒާތީ މައުލޫމާތު އެފަދަ އާންމުވުން ބަލައިނުގަނެވޭ ކަމަށާ މުވައްޒިފުންގެ ރައްކާތެރި ކަމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ މީޑިއާ އިން ބުނީ އެމްއެމްއޭގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތު ތަކެއް ލީކްވި މައްސަލައެއް އެއް އެ އިދާރާ އިން ހުށައަޅާފައިވާ ކަމަށާ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ބަލަމުން ދަނީ އެމްއެމްއޭގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާއާ ގުޅޭ މައުލޫމާތުތަކެއް އާންމު ކުރި މައްސަލަ ކަމަށް އެނގިފައިވެ އެވެ. އެމްއެމްއޭގެ ބައެއް ލިޔުންތަކާ އެކު އޭނާގެ މައުލޫމާތު އާންމު ކުރީ "ހަސަން ކުރުސީ" އެކައުންޓުންނެވެ.
އެ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ރަޝްފާއަށް މަގާމު ލިބުނީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ސަބަބުން ކަމަށެވެ. މެޑަމް ސާޖިދާއާ ރަޝްފާއާ ގާތްގުޅެެއް އޮންނަ ކަމަށް ވެސް ބުންޏެވެ.
ރަޝްފާއަކީ އެމްއެމްއޭގައި ކުރީން މަސައްކަތް ކުރި މީހެކެވެ. އޭރު ބައެއް މައްސަލަތަކާ ގުޅިގެން ނަސޭހަތާއި އިންޒާރު ދިން ލިޔުންތަކެއް ވެސް ވަނީ އާންމުކޮށްފަ އެވެ.
އެއީ އެމްއެމްއޭ ތެރެއިން ކުރުސީއަށް ފޮނުވި ލިޔުންތަކެއް ކަމަށް ބެލެވި މައްސަލަ ތަހުގީގު ކުރަނީ އެވެ.