ޑރ.އަހްމަދު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގައި ކަށަވަރުކޮށްދޭ ރައްޔިތުންގެ ސިޔާދަތީ ބާރު ކެނޑިގެންދާ ކަމަށެވެ.
ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހަކީ "ޑިސްފަންކްޝަނަލް" ބާރަކަށްވެދާނެ ކަމުގައި ކުރީގެ އުއްތަމަފަނޑިޔާރު އަދި ދުސްތޫރީ ގާނޫނުގެ އިލްމުވެރިޔާ ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ތެރެއިން ޑރ.އަހްމަދުގެ ފާޑުވިދާޅުވުން އަމާޒުވެފައިވަނީ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށެވެ.
އެ އިސްލާހުގައި ބުނެފައިވަނީ އިންތިހާބުވެފައި ހުރި މެންބަރަކު ދައުރުގެ ތެރޭގައި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ މިނިވަން މެންބަރަކު ޕާޓީއާ ގުޅިއްޖެނަމަަ ނުވަތަ ޕާޓީއަކުން މެންބަރަކު ވަކިކޮށްފިނަމަ އޭނާގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ޑރ.އަހްމަދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ތެރެއިން އެންޓި ޑިފެކްޝަނާ ގުޅޭ ނައްސުތަކަކީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ބާރު ނުވަތަ ރައްޔިތުންގެ ސިޔާދަތު ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ ނައްސުތަކެއް ކަމަށެވެ.
"ރައްޔިތުންގެ ސިޔާދަތުގެ މަބްދައަކީ ހަގީގަތުގައި އެ މަބްދައާ ހިލާފަށް ގާނޫނުއަސާސީއަށް ވެސް ބަދަލު ނުގެނެވޭނޭ "ސޫޕްރާ ކޮންސްޓިޓިއުޝަނަލް" (supra constitutional) ޕްރިންސިޕަލް އެއްކަމުން، އެ މަބްދައާ ތަޢާރުޟުވާގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގައި ކަނޑައެޅޭ ކޮންމެ ނައްސަކކީ އެއަށް "ކޮންސްޓިޓިއުޝަނަލް ލެޖިޓިމެސީ" ލިބިގެންވާ ނައްޞެއްކަމުގައި ނުބެލެވޭނެ،" ޑރ.އަހްމަދު ވިދާޅުވި އެވެ.
މި މާއްދާތަކާ ގުޅިގެން ޑރ.އަހްމަދު މައިގަނޑު ގޮތެއްގައި ދެ ނުކުތާއެއް ފާހަގަކުރެއްވި އެވެ. ފުރަތަމަ ނުކުތާއެއްގެ ގޮތުގައި އަހްމަދު ފާހަގަކުރެއްވީ އެންޓި-ޑިފެކްޝަން ގާނޫނުތަކަކީ ކުރިއަރާފައިވާ ގިނަ ޑިމޮކްރަސީތަކުގައި ބަލައްގަންނަ އެއްޗެއް ނޫންކަމާއި، އެފަދަ ގާނޫނުތައް ހުންނަނީ ބަރުލަމާނީ ނުވަތަ ސެމި ބަރުލަމާނީ ނިޒާމުތަކުގައި ކަމެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ބަރުލަމާނީ ނިޒާމުތަކުގައި އެފަދަ ގާނޫނުތައް އޮންނަނީ ސަރުކާރުތައް އުފެދެނީ މަޖިލީހުގެ ތެރެއިންކަމަށްވެފައި، ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ސަރުކާރުވެސް ގެއްލޭތީ އެވެ. ނަމަވެސް ރިޔާސީ ނިޒާމުތަކުގައި ސަރުކާރު ދެމިއޮތުމާއި މަޖިލީހުގެ އަޣުލަބިއްޔަތުގެ މެދުގައި ދުސްތޫރީ ގުޅުމެއް ނޯންނަކަން ޑރ.އަހްމަދު ފާހަގަަކުރެއްވި އެވެ.
"ދިވެހިރާއްޖޭގައި "އެންޓި ޑިފެކްޝަން" ގެ އުޞޫލުތަކެއް -މިގެނެވުނު ދުސްތޫރީ އިޞްލާޙުގައި ބަޔާންކުރެވިފައިވާ ގޮތަށް- ކަނޑައެޅިގެން ދިއުމުން، ރައްޔިތުންގެ މަޖިލީހަކީ އެމަޖިލީހާ ޤާނޫނުއަސާސީން މަތިކޮށްފައިވާ އިޚްތިޞާޞްތައް ފުރިހަމަޔަށް އަދާކުރާ ބާރެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް އައިސް، އެ މަޖިލިސް"ޑިސްފަންކްޝަނަލް" ބާރަކަށް ބަދަލުވެގެން ދިއުމުގެ އިޙުތިމާލު ވަރަށްވެސް ބޮޑު،" ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ އިތުރަށް އަހްމަދު ވިދާޅުވީ އާންމު އުސޫލުތަކާ ހިލާފަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ތަހުޒީބު މުޖުތަމައެއްގައި ކަންކަން ހިނގައިވާނެ ގޮތެއް ނޫންްކަމަށެވެ. އަދި އިއްޔެ އެ އިސްލާހުތައް ބެސްޓް ޕްރެކްޓިސްއާ ހިލާފަށް އަވަސް އަރުވާލައިގެން އެއް ދުވަސް ތެރޭ ބަހުސް ނިންމައި އިސްލާހު ގެނައުމަކީ "ނޭދެވޭ ނުފޫޒުފައި ޖެހުން ފިޔަަވައި އެހެން އެއްވެސް ޒަރޫރުތެއް އޮވެގެން ކަމަށް" ގަބޫލުނުކުރެއްވޭ ކަމަށެވެ.
ޑރ.އަހްމަދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަން އިތުރުކޮށް ޑައިރެކްޓް ޑިމޮކްރަސީގެ އުސޫލުތައް އިތުރުކުރުމަށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރިފަރަންޑަމް" ދާއިރާތަކުގެ ރައްޔިތުންނަށް ލިބިދޭނެ އިސްލާހެއް ގާނޫނު އަސާސީއަށް ގެނައުން މުހިއްމު ކަމަށެވެ.
" ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގައި "ޑައިރެކްޓް ޑިމޮކްރަސީ" އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ބާރު ކަށަވަރުކުރުމުގެ ގޮތުން "ރިކޯލް ރެފްރެންޑަމް" ތަޢާރަފްކޮށް އިންތިޚާބީ މެންބަރުން ވަކިކުރުމުގެ ބާރު އިންތިޚާބީ ދާއިރާގެ ރައްޔިތުންނަށް ލިބިދިނުމާއެކު، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ މުހިއްމުކަން މިހާރުވަނީ އިތުރުވެފައި،"