"ހަ ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި އިސްލާހު ފާސްކުރުން - ދުނިޔޭގެ ރިކޯޑެއްތޯ،"
ގާނޫނު އަސާސީއަށް އިސްލާހު ހުށައަޅާ އެ ބިލް ބަލައިގަނެ ބަހުސްކޮށް ކޮމެޓީ މަރުހަލާ ނިންމާ އެންމެ ހަ ގަޑިއިރުތެރޭ ބޮޑެތި އިސްލާހުތަކެއް ފާސްކުރުމާއި ގުޅިގެން އެއީ ދުނިޔޭގެ ރެކޯޑެއްތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިިފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ -- ޕީއެންސީއަށް އޮތް ސުޕަމެޖޯރިޓީ ބޭނުން ކޮށްގެން ގާނޫނު އަސާސީއަށް އިއްޔެ އިން އިއްޔެއަށް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. މަޖިލީހަށް ބިލް ތައާރަފު ކުރުމާއި ބިލް ފާާސްކުރުމާ މެދު ހޭދަވީ ހައެއްކަ ގަޑިއިރެވެ.
އިސްލާހުތައް ފާސްކުރަން އިއްޔެ ހަވީރު ވަކި ޖަލްސާއެއް ވެސް ބޭއްވީ އެވެ. ބިލް ފާސްކުރުމާއެކު ވަގުތުން ރައީސް ވަނީ ބިލް ތަސްދީގު ކުރައްވާފަ އެވެ. އަދި ރޭ ވަނީ ގެޒެޓް ކޮށްފަ އެވެ. އެ ފަހުން ރޭ ދަންވަރު ވީޑިއޯ މެސެޖެއްގައި ރައީސް ވަނީ މަޖިލީހުގެ އެ ނިންމުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.
ގާނޫނު އަސާސީއަށް މިހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަވަސް އަރުވާލައިގެން އިސްލާހުތަކެއް ގެނައުމާއި ގުޅިގެން ރައީސް މައުމޫން މިއަދު ވަނީ އެކްސް ގައި ޕޯސްޓެެއް ކުރައްވާ އެއީ ދުނިޔޭގެ ރެކޯޑެއްތޯ ސުވާލު ކުރައްވާފަ އެވެ.
މައުމޫންގެ ޕޯސްޓް ގައި ވިދާޅުވެފައިވެ އެވެ؛
"ހަ ގަޑިއިރު ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި އިސްލާހު ފާސްކުރުން - ދުނިޔޭގެ ރިކޯޑެއްތޯ،"
އިއްޔެ ހެނދުނު އޮތް ޖަލްސާގައި މަޖިލީހަށް ތައާރަފް ކުރި މި ބިލުގެ ބަހުސް ނިންމައި، މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމަށްފަހު އިއްޔެ އިން އިއްޔެއަށް ކޮމެޓީން ވަނީ ބިލުގެ މަސައްކަތް ނިންމާލާފަ އެވެ. މުޅި މަޖިލީހުގެ ކޮމެޓީން ވެސް މި ބިލް ފާސްކުރީ އެންމެ ދޮޅު ގަޑިއިރު ތެރޭގަ އެވެ.
ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލުގައި ތިން ކަމެއް އިސްލާހު ކުރަން ހުށަހަޅުއްވާފައިވެ އެވެ. އެއްކަމަކީ މަޖިލީސް މެންބަރުން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ގޮނޑި ގެއްލުމާއި، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލުމެވެ.
އަނެއް އިސްލާހަކީ ރައީސުލްޖުމްހުރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއަށް މާއްދާއެއް އިތުރުކުރުމެވެ. އެގޮތުން ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކަށް އަންގައި، އެ ތަންތަނަށް ބޭނުންވާ އިރުޝާދު ދިނުމުގެ އިތުރުން، ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވަރުތައް އެކަށައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް އިސްލާހު ގެނެސްފައިވެ އެވެ.
ދެން އޮތް އިސްލާހަކީ ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންކަމާއި އަދި ރާއްޖޭގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެނެވޭނީ ވެސް މަޖިލީހުގެ އަގުލަބިއްޔަތުން ކަމެވެ.