ސާޅީސް އަހަރުވީ އިސްލާމީ މަރުކަޒުގެ ތާރީހުގައި މުންނާރުގެ މަސް ފެންގަނޑަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ތަނެވެ. މިއީ ރާއްޖޭގެ އެތައް ޖީލެއްގެ ހަނދާނާ ގުޅިފައިވާ ތަނެކެވެ.
އިސްލާމީ މަރުކަޒު މުންނާރުގައި ތިރީބައިގައި އޮންނަ މަސް ފެންގަނޑަކީ ޒަމާންވީ އެތައް ޖީލެއްގެ ހަނދާނެވެ. ސާޅީސް އަހަރުވީ އިސްލާމީ މަރުކަޒުގެ މުހިންމު ބިނާގެ މުހިންމު "އައިކަން" އެކެވެ. ނަމަވެސް މަސް ފެންގަނޑުނެތި އެ ސަރަަހައްދުގެ ރީތިކަން ގެއްލިފައި އޮންނަތާ ޒަމާން ތަކެއް ވަނީ ވެފަ އެވެ. ނަމަވެސް ސްޓެލްކޯގެ މުވައްޒަފުން ވަނީ މިތަން އަލުން ޒީނަތްތެރިކޮށް އެ ރީތިކަން އަލުން އިއާދަ ކޮށްދީފަ އެވެ.
މަސް ފެންގަނޑު މަރާމާތު ކުރުމާ ސްޓެލްކޯއިން ހަވާލުވީ އިސްލާމިކް މިނިސްޓްރީން މަސް ފެންގަނޑު މަރާމާތު ކުރަން އުޅެނިކޮށެވެ.
އިސްލާމީ މަރުކަޒުގެ މުންނާރު ތިރީގައި ހަދާފައިވާ މަސްފެންގަނޑު ސްޓެލްކޯ އިން މަރާމާތު ކުރުމަށްފަހު މިނިސްޓްރީއާ މިއަދު ވަނީ ހަވާލުކޮށްފައި އެވެ. މި މަސައްކަތުގެ ނިމުން ފާހަގަ ކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒު ގޯތި ތެރޭ ބޭއްވި ހަފްލާގައި މަސައްކަތް ނިމުނުކަމުގެ ލިޔުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.
މި ހަފްލާގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ސްޓެލްކޯގެ އެމްޑީ ހުސެން ފަހުމީގެ އިސްނެންގުވުމަށް ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްވުރެ ރީތިކޮށް ސްޓެލްކޯއިން އެތަން ހަދާފައިވާ ކަމަށާއި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުޑަ ކުދިންނާއި މީހުން ޖަމާވާ ސަރަހައްދެއް ކަމުން އެތަނުގެ ރީތިކަން ދެކި އެ ހިތްހަމަޖެހުން ގިނަ ބަޔަކަށް ލިބިގަންނާނެ ކަމަށެވެ.
މީގެ އިތުރުން 40 އަހަރަށްވުރެ ގިނަ ދުވަސްވީ އެ އިސްލާމީ ބިނާގެ މުންނާރުގެ މަސްފެންގަނޑު ހަލާކުވެފައިވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި ނަމަވެސް ސްޓެލްކޯއިން ހަވާލުވެ ކުރު މުއްދަތެއްގެ ތެރޭގައި އެތަން މަރާމާތުކޮށް އިސްލާމީ މަރުކަޒަށް 40 އަހަރުވުމާއި ގުޅިގެން ބާއްވަން ނިންމަވާފައިވާ ޖަލްސާގެ ކުރިން އެތަން ހުޅުވައިދެއްވި ކަމަށްޓަކައި މިިނިސްޓަރު ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.
މި ހަފްލާގައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ 100 ޕަސެންޓް ދިވެހި މުވައްޒަފުން މަސައްކަތް ކުރާ މިކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުންނުވާ ކަމަށާއި އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށެވެ. އަދި ދިވެހިންގެ ތަރީހާއި ސަގާފަތާއި ގުޅޭ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދެއްކަން ފާހަގަ ކުރައްވަމުން ފަހުމީ ވަނީ މި މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުން ކުރި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.