އެ ބިލުގެ މަސައްކަތް ނުހިނގާތީ އެމްޑީޕީން ހުށަހެޅި އެ ގަރާރު އިއްޔެ ބޭރުކޮށްލާފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ.
އިސްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިޔަށްނުދާތީ އެ ޕާޓީގެ ފަރާތުން ހުށަހެޅި ގަރާރު ބޭރުކޮށްލީ ރަގަޅު ނިޔަތުގައި ހުށަހެޅި ގަރާރަކަށް ނުވެފައި، މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި ހުށަހެޅި ގަރާރަކަށް ވާތީ ކަމަށް ސަރުކާރު ހިންގާ ޕީއެންސީ އިން ބުނެފި އެވެ.
އެޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިސްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކުރައްވައި، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާމެދު ޖަވާބުދާރީކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ދިވެހިރާއްޖޭގައި މީގެ ކުރީން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރާކަން، ރާއްޖޭގެ ރައީސްކަން ކުރީން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންވެސް ދަނީ މީޑިއާގައި ފާހަގަކުރައްވަމުންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ވެދިނީވެސް ޕީއެންސީން ސަރުކާރު ހިންގުމުގައި މި ހޭދަކުރި އެއް އަހަރުއެވެ." ޕީއެންސީގެ ބަޔާނުގައިވެ އެވެ.
ޕީއެންސީން ބުނީ އިސްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް އެކަމާ ގުޅޭ މާހިރުންގެ ލަފައާއި އިރުޝާދާއެކު ކުރިއަށް ގެންގޮސް، އެކުލަވައިލާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ނިންމާނެ ކަމަށެވެ. އަދި ރައީސް މުއިއްޒާއި އެ ޕާޓީ އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމެވެ. އެ ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހު ބިލު ކޮމެޓީއަށް ފޮނުވި ގޮތަށް އޮތީ މަޑުޖެހިފަ އެވެ. މީކާއިލް ހުށަހެޅުއްވީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށެވެ.
އެ ބިލުގެ މަސައްކަތް ނުހިނގާތީ އެމްޑީޕީން ހުށަހެޅި އެ ގަރާރު އިއްޔެ ބޭރުކޮށްލާފައި ވަނީ 63 މެންބަރުންގެ ވޯޓުންނެވެ.