މި ބަދަލުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމުމަށް ރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ބާ ކައުންސިލަށާއި ގާނޫނީ ވަކީލުން އަރިހު ފާރިސް ވަނީ އެދިވަޑަައިގެންފަ އެވެ.
މަޖިލީސް މެންބަރުން އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ގޮނޑި ގެއްލުމާއި، ޕާޓީން ވަކިކުރުން ނުވަތަ އަމިއްލަ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަން މިއަދު ނިންމި ނިންމުމަކީ ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ފަދަ ބަދަލެއްގެ ގޮތުގައި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ސިފަ ކުރައްވައިފި އެވެ.
މިއަދު މަޖިލީހަށް ތައާރަފް ކުރި މި ބިލުގެ ބަހުސް ނިންމައި، މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވުމަށްފަހު އެންމެ ދޮޅުގަޑިއިރުތެރޭ ބިލް ފާސްކޮށް މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ހަވީރު ބާއްވާ ޕީއެންސީގެ މެޖޯރިޓީ ބޭނުންކޮށްގެން އަވަސް އަރުވާލައިގެން ބިލް ވަނީ ފާސްކޮށްފަ އެވެ.
މެންބަރުންގެ ގޮނޑި ގެއްލޭނެ ވަކި ހާލަތްތަކެއް ކަނޑައަޅާ ގާނޫނު އަސާސީއަށް ގެނައި ބަދަލު ފާރިސް ސިފަ ކުރެއްވީ މަޖްލީސް މެންބަރަކު އިންތިހާބު ވުމަށް ފަހު ދާއިރާގެ ރައްޔިތުންނާއި އެ މެންބަރަކާ ދެމެދު އޮންނަން ޖެހޭ ގުޅުން އެއްކޮށް ކަނޑުވާލާ، ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ބަދަލެއްގެ ގޮތުގަ އެވެ.
މި ބަދަލަކީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ އާ ކަނޑައެޅިގެން ފުށުއަރާ ބަދަލެއް ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. އަދި މި ބަދަލުގެ ގާނޫނީ ސައްހަ ކަމާމެދު ގޮތެއް ނިންމުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ބާ ކައުންސިލަށާއި ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ގާނޫނީ ވަކީލުން އަރިހު ފާރިސް ވަނީ އެދިވަޑަައިގެންފަ އެވެ.
ގާނޫނު އަސާސީއަށް އަވަސް އަރުވާލައިގެން މި ބަދަލު ގެނައީ އެކަންކަމާމެދު ބާ ކައުންސިލުން ދެކޭ ގޮތުގެ ހިލާޔާއި މަޝްވަރާ އަރުވަން ފުރުސަތަކަށް އެދިފައި ވަނިކޮށެވެ.
މިއީ ޕީއެންސީގައި އޮތް މެޖޯރިޓީ ހިފަހައްޓަން ވަކި މަސްލަހަތެއްގައި ގެނައި ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ. މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިބިއިރު އޭގެ ތެރެއިން ބައެއް މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިހާބުވެ އެ ޕާޓީއާ ގުޅިފައިވާ މެންބަރުންނެވެ. މި ސަރުކާރު ވެރިކަމަށް އައިސް އޭރު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވެސް ޕީއެންސީއަށް ބަދަލު ކުރުވި އެވެ.