ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ އާރްޓީއައިތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން އިހުމާލުވެފައި ނެތްކަން ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ.
ފާއިތުވި އެއް އަހަރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ޕާޓީގެ ސަރުކާރު ހިންގާފައިވަނީ ޒިންމާދާރުކަމާއެކު ރައްޔިތުންގެ މާލިއްޔަތަށް އަމާނާތްތެރިވުމާއެކު، ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދީގެން ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ބުނެފި އެވެ.
ރައީސް މުއިއްޒުގެ ޒައާމަތަށް އަހަރު ފުރުމާ ދިމާކޮށް ޕީއެންސީން ނެރުނު ބަޔާނެއްގަައި ބުނެފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް 2024 ވަނަ އަހަރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަހަރުން އަހަރަށް ހަލުއިކޮށް ބޮޑުވަމުން އައި ހަރަދުތައް ކޮންޓުރޯލު ކުރެވުނު ކަމަށެވެ.
އަދި ފާއިތުވި ތިން އަހަރު އެވެރެޖުކޮށް ކޮންމެ އަހަރަކު %15 އިން ދައުލަތުގެ ހަރަދުތައް އިތުރުވަމުންދިޔަ ނަމަވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް އިތުރުވީ އެންމެ %2.5 ކަމަށެވެ.
ހަރަދުތައް ކޮންޓުރޯލުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަޖެޓުގެ ޑެފިސިޓުވެސް ވަނީ ވަރަށް ބޮޑަށް ކޮންޓުރޯލުކުރެވިފައި ކަމަށާ މި އަހަރު ޖުމްލަ ބަޖެޓު ޑެފިސިޓުވަނީ 378 މިލިއަން ރުފިޔާއިން ކުޑަކުރެވި %3.6 ދަށްވެފައި ކަމަށް ބަޔާނުގައިވެ އެވެ.
"ކުރީ ސަރުކާރުން ބޭރުގެ ފަރާތްތަކުގެ މާލީ އެހީތެރިކަމުގައި ހިންގި މަޝްރޫއުތަކުގެ ހަރަދުތައް ރެކޯޑުނުކޮށް މި އަހަރުގެ ހަރަދުތަކުގެ ތެރެއަށް އެ ހަރަދުތައް ހިމަނަންޖެހުމުން ކުރިމަތިވި މައްސަލަތައް ހައްލުކޮށް ކޮންމެ ހަފުތާއަކު އެއްފަހަރު ދައުލަތުގެ ހަރަދުބަރަދާއި އާމްދަނީގެ ތަފުސީލުތައް މިހާރު ފިނޭންސް މިނިސްޓްރީން ދަނީ އާންމުކުރަމުންނެވެ. އެންމެ ފަހުން އެ ހަރަދުތައް އާންމުކުރީ ހިނގަމުންދާ ނޮވެންބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ،"
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނީ އާރްޓީއައިތަކަށް ޖަވާބުދިނުމުގައި މި ސަރުކާރުން އިހުމާލުވެފައި ނެތްކަން ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި އާރްޓީއައިތަކުގެ ތެރެއިން ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ހުރިހާ އާރްޓީއައިއަކަށް ޖަވާބުދީފައިވާނެ ކަމަށާ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތަކުންވެސް އަންނަނީ އާރްޓީއައިތަކަށް ޖަވާބުދެމުން ކަމަށް ވެސް ބުންޏެވެ.
ފާއިތުވި ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން އެއްވެސް އާރްޓީއައިއަކަށް ޖަވާބުނުދޭ ކަމަށާ ދައުލަތުގެ ކުންފުނިތަކުން އާރްޓީއައިއަށް ޖަވާބުދޭންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކަނޑައެޅުމުންވެސް ޖަވާބުނުދީ ހިފަހައްޓާފައި އޮތް ކަމަށެވެ.
އެ ޕާޓީން ބުނީ އެ ސިޔާސަތު ނިމުމަކަށް ގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް ނޫސްތަކުން އެކި ވުޒާރާތަކަށް ފޮނުވި އާރްޓީއައިތަކަށް އެ ވުޒާރާތަކުން ޖަވާބުދީ އެ ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ދައުލަތުން ކުރާ ހަރަދުވަނީ ނޫސްތަކުން ރިޕޯޓުވެސް ކޮށްފައި ކަމަށް ބުންޏެވެ.
"ފާއިތުވި އަހަރު ތެރޭގައި 70 އަށްވުރެ ގިނަ ނޫސްވެރިންގެ ބައްދަލުވުން ސަރުކާރުގެ ވުޒާރާތަކުން ބޭއްވިއެވެ. އަދި 700 އަށްވުރެ ގިނަ ފަހަރު ސަރުކާރުގެ ވަޒީރުން އެކި މީޑިޔާތަކަށް މައުލޫމާތު ދެއްވާފައިވެއެވެ. އެ މުއްދަތުގައި އެއްވެސް މީޑިޔާއަކަށް ފިޔަވަޅުއަޅައި ދަތިކުރުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާނެއެވެ،"
މީގެ އިތުރަށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކެބިނެޓުން ނިންމާ ނިންމުންތައް އާންމުންނަށް ފެންނާނެހެން އާންމުކުރަން ފެށީ މި ސަރުކާރުން ކަމަށާ މާޗު 2024 އިން ފެށިގެން އެކަމަށް ހާއްސަ ވެބްސައިޓެއްގައި ކެބިނެޓުގެ ކޮންމެ ނިންމުމެއް އަދާހަމަކޮށް މިހާރު އަންނަނީ ޝާއިއުކުރަމުން ކަމަށް ޕީއެންސީގެ ބަޔާނުގައިވެ އެވެ.
"ދިވެހި ރައްޔިތުންނަށް ފެންނަންހުރި މިފަދަ ސާފު ހަގީގަތްތައް އޮޅޭނެ ގޮތަށް ދައުލަތުން ފައިސާދީގެން ހިންގާ ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ އަދި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ މަގާމު އަދާކުރަންޖެހޭ އެމްޑީޕީން މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް އެ ޕާޓީން މައުލޫމާތު ފެތުރުން ކުށްވެރިކުރަމެވެ،"