"..އެ ހިދުމަތް [އާސަންދަ] ދެވޭނެ ދުވަހަކާ އެކަމާ ބެހޭ އިތުރު ތަފުސީލުތައް އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަ ކުރާނަން،"
ތައިލޭންޑާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދައިދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އަނެއްކާ ވެސް ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އާސަންދަ ހިދުމަތް ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށާ އެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަދި ކުރީން ވެސް އިއުލާނު ކޮށްފައިވާ ގޮތަށް ތައިލެންޑާއި ޔޫއޭއީގެ ހޮސްޕިޓަލްތަކަށް އާސަންދަ ހިދުމަތް ފުޅާ ކުރާނެ ކަމަަށެވެ. އެ ގައުމުތަކުން އެ ހިދުމަތް ދޭން ފަށާނެ ތާރީހުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
"..އެ ހިދުމަތް [އާސަންދަ] ދެވޭނެ ދުވަހަކާ އެކަމާ ބެހޭ އިތުރު ތަފުސީލުތައް އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަ ކުރާނަން،"
ދިވެހީންނަށް ބޭސްފަރުވާ ކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ހޯއްދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަން ހާމަ ކުރައްވާ ވަކި ގައުމަކުން އެކަނި އާސަންދަ ސްކީމުން ބޭސްފަރުވާ ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރައްވާ ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ދެއްވި ސްޓޭޓްމަންޓް ގައެވެ.
އާސަންދަ މިހާރު ލިބެނީ އިންޑިއާއާ ސްރީލަންކާއަށެވެ. އެ ހިދުމަތް ލަންކާ މަދު ހޮސްޕިޓަލަށް ލިބުނަސް އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލްތަކަށް ލިބެ އެވެ. މިހާރު ވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ އިންޑިއާގެ ހޮސްޕިޓަލްތަކަށެވެ. އިންޑިއާގެ ވަރަށް ގިނަ ހޮސްޕިޓަލްތަކަށް އާސަންދައިގެ ހިދުމަތް ލިބެ އެވެ. އެއީ އެ ހޮސްޕިޓަލްތަކަށް އޮތް ވަރަށްބޮޑު ވިޔަފާރި އެކެވެ.