ހަންނާން ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ ބޮޑުކޮށް އޮތް މަޖިލީހުން ބިލު ބޭރުކޮށްލާނެ ކަމަށް ބުނެފައިވާތީ، ކުރިއަށް ނުދާނެ ބިލެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ނޫސްވެރިންނާއި މީޑިއާތަކުން ވަރަށް ބޮޑަށް ދެކޮޅު ހަދަމުން އަންނަ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު" އަނބުރާ ގެންދަން ހުށަހަޅައިފި އެވެ.
މި ބިލަކީ މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ އަދި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލެކެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް ހަންނާން ވަނީ ބިލު އަނބުރާ ގެންދިއުމަށް ހުށަހަޅާފަ އެވެ. ހަންނާން ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ ބޮޑުކޮށް އޮތް މަޖިލީހުން ބިލު ބޭރުކޮށްލާނެ ކަމަށް ބުނެފައިވާތީ، ކުރިއަށް ނުދާނެ ބިލެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ބިލުގައިވާ ގޮތުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު، ވަކި ދެ ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ އުވިގެންދާނެ އެވެ.
އާ ކޮމިޝަން އެކުލެވިގެން ވަނީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ، މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ވެސް ދީފައި ވަނީ ރައީސަށެވެ.
މީޑިއާތަކުން ނުރުހުން ފާޅުކުރަމުން ދަނީ މީޑިއާތަކުގެ މިނިވަންކަން ގެއްލި، ސަރުކާރުން ކޮންޓްރޯލް ނަގާފާނެތީ އެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިސް ނަގައިގެން "ހަތަރެއްގެ ހައްގުގައި" ނަމުގައި ކެމްޕެއިނެއް ވެސް ވަނީ ފަށައިފަ އެވެ.