ބަޖެޓުގެ ހިލޭ އެހީއާއި އާމްދަނީގެ އަންދާޒާއަކީ 39.7 ބިލިއަން ރުފިޔާ އެވެ، އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާ އާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ބަހުސް މިއަދު ނިންމުމަށް ކަނޑައަޅައި ބަހުސް ފަށައިފި އެވެ،
ރައްޔިތުން މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އަންނަ އަހަރުގެ ބަޖެޓުގެ ބަހުސް މިއަދު ނިންމަން ކަނޑައަޅާއިވާ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުން މަޖިލީހަށް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ދައުލަތުގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގާނެކަމަށް ބެލެވޭ ހަރަދެވެ.
އަންނަ އަހަރު ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރުތަކުގެ ބަޖެޓު ޑެފިސިޓަށް ބަލާއިރު 2022 ވަނަ އަހަރު 13.6 ބިލިއަން ރުފިޔާ އަދި 2023 ގައި 14.6 ބިލިއަން ރުފިޔާއަށް ބަޖެޓު ޑެފިސިޓު އަރާފައިވެ އެވެ. އަދި ހިނގަމުންދާ 2024 ވަނަ އަހަރުގެ ބަޖެޓަށް އިތުރުކުރި 5.1 ބިލިއަން ރުފިޔާއާއެކު މި އަހަރުގެ ބަޖެޓު ޑެފިސިޓު 18 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ. މި އަހަރުގެ ބަޖެޓު ޑެފިސިޓާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 47 އިންސައްތަ ދަށްވާނެ އެވެ. އަދި ފާއިތުވި 2023 އާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު 35.6 އިންސައްތަ ދަށްވާނެ އެވެ.