ސިޔާމް ވިދާޅުވީ މި އަހަރަށްވުރެ ފޮރިން މިނިސްޓްރީގެ ބަޖެޓު 40 ޕަސެންޓް އަންނަ އަހަރު ބޮޑު ކަމަށާ ފޮރިން މިނިސްޓްރީގެ ބަޖެޓު ކުޑަ ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ އެމްބަސީތައް މުޅި ދުނިޔޭގެ އެކި ގައުމުތަކުގައި ހުޅުވައިގެން "ވާކަމެއް ހަރާން" ކަމަށް ވިދާޅުވެ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައ މިހާރު ކުރިއަށްދާ އަންނަ އަހަރުގެ ބަޖެޓު ބަހުސްގައި ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ސިޔާމް ވިދާޅުވީ ގައުމަށް ފައިދާ ލިބެނީ ޓޫރިޒަމުން ކަމަށާ ވިސްނަން ޖެހޭ ކަމަކީ ފައިސާ ހަރަދު ކުރަން ޖެހޭނީ އިސްރާފު ނުކޮށް ކަމަށެވެ. ބަޖެޓުގައި ފޮރިން މިނިސްޓްރީއަށް މި އަހަރުގެ ބަޖެޓަށްވުރެ 40 ޕަސެންޓް ބޮޑު ކަމަށާ މި ހަރަދުން ކުރާކަމެއް ނުވިސްނޭ ކަމަށެވެ.
"ސިންގަޕޫރުގެ އެމްބަސީއަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް. މިހެން ގޮސް ބެންކޮމް އެމްބަސީއަށް އެތައް މިލިއަން ރުފިޔާއެއް. ދުބާއީގައި އެމްބަސީ. ދުނިޔޭގެ އެކި ގައުމުތަކުގައި އެމްބަސީ ހުޅުވައިގެން ވާކަމެއް ހަރާން. ކީއް ކުރަންތޯ ؟ މިދިޔަ އަހަރަށްވުރެ 40 ޕަސެންޓް އިތުރު. ކޮބައި ތޯ ބޭނުމަކީ ؟ ސިންގަޕޫރުން މި ގައުމަށް ލިބޭ އެންމެ ފައިދާއެއް ދަންނަވައި ދެއްވާ. ސިންގަޕޫރެއް ދޭ ހިދުމަތެއް. ތައިލެންޑުންދޭ ހިދުމަތެއް. އެހެންވީމަ ހުރިހާ ގައުމެއްގައި އެމްބަސީތައް ހަދައިގެން ރާއްޖޭގެ ޓެސްޕޭޔަރުން ދޭ ފައިސާ ހަރަދު ކުރަން ބިރުވެތިވާން ޖެހޭ،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްބަސީތައް ހުޅުވަނީ ފައިދާ ހޯދުމަށް ކަމަށާ މި އެމްބަސީތައް 50 ޕަސެންޓަށް ހަރަދު ކުޑަ ކުރަން ޖެހޭ ކަމަށެވެ.
ސިޔާމް ވަނީ މިއަދުގެ ބަހުސްގައި ބަޖެޓުގައި ރަަށްރަށަށް ޖަހާފައިވާ މަޝްހޫރުތަކުގެ ތަފުސީލް ނެތުމުން އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކަށް ސަބްސިޑީ ދީގެން ނުހިންގޭނެ ކަމަށާ މިކަން މިގޮތަށް ނުކުރެވޭނެ ކަމަށެވެ.
"2008 ވަނަ އަހަރު ޓެކްސް ނަގަން ހުށަހެޅިއިރު ބުނި އެސްއޯއީތަކުން ވިޔަފާރި ނުކުރާނެ ކަމަށް. އެކަމަކު ވިޔަފާރިވެސް ކުރަނީ. ވިޔަފާރި ކުރަން ނޭނގޭއިރުވެސް ކުރަނީ. ކުންފުނިތައް ހުއްޓާލާކަށްވެސް ނޫޅޭ. މި ބަޖެޓު ބަހުސް ފޮތް އިސްލާހުކޮށްދެއްވާ،" ސިޔާމް ވިދާޅުވި އެވެ.