"މީކީ ދުނިޔޭގެ އެއްވެސް ގައުމަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން. އަދި އެއްވެސް ކުންފުންޏަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ފައިސާ ހަރަދު ކުރާނެ ގޮތުގެ ތަފްސީލުތައް ނެތުމުން އެކަމުގެ ނުރުހުން ފާޅުކުރެއްވައި، މިހާރު އޮތް ބަޖެޓު އަނބުރާ ގެގޮސް، ތަފްސީލާއެކު އާ ބަޖެޓެއް ހުށަހެޅުއްވުމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ހުށަހަޅުއްވައިފި އެވެ.
ބަޖެޓަށް މިއަދު ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ސިޔާމް ވިދާޅުވީ މިއީ އޭނާގެ މަޖިލީހުގެ ހަޔާތުގައި ވެސް ތަފްސީލެއް ނެތް ގޮތަކަށް ބަޖެޓެއް ހުށަހެޅި ފުރަތަމަ ފަހަރު ކަމަށެވެ. ސިޔާމް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ ރަށްރަށަށް ގެންނަ ތަރައްގީގެ ތަފްސީލުތައް ނެތުމުންނެވެ.
"އަޅުގަނޑު މަޖިލީހުގައި 21 އަހަރު މިވަނީ. މީ އަޅުގަނޑުގެ މަޖިލީހުގެ އުމުރުން ފުރަތަމަ ފަހަރު ތަފްސީލެއް ނެތް ގޮތުގައި މި މަޖިލީހަށް ބަޖެޓެއް ހުށަހެޅި،" ސިޔާމް ވިދާޅުވި އެވެ.
މިއީ ވިޔަފާރިއާ ޑިމޮކްރެސީ އަދި ޓްރާންސްޕޭރެންސީއާ ވަރަށް ދުރު ވިސްނުމެއްގައި ހަދާފައިވާ ބަޖެޓެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. މާދަމާ ވާނެ ގޮތެއް އޭގައި ނެތްއިރު، ކޮންމެ ދުވަހަކު "ސަޕްރައިޒެއް" ލިބޭކަށް ރައްޔިތުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވާނުވާއެއް ނޭންގި މި ބަޖެޓަށް ބަހުސް ކުރެވޭނެ އެއްވެސް ގޮތެއް އަޅުގަނޑުގެ ސިކުނޑިއަކަށް ނުވިސްނޭ. މީކީ ދުނިޔޭގެ އެއްވެސް ގައުމަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން. އަދި އެއްވެސް ކުންފުންޏަކުން ބަޖެޓެއް ހުށަހަޅާނެ ގޮތެއް ނޫން،" ސިޔާމް ވިދާޅުވި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓުގައި ޖަހާފައި ވަނީ ކޮންމެ ދާއިރާއަކަށް ވެސް ކަނޑައަޅާފައިވާ މިންވަރެވެ. މިސާލަކަށް ތައުލީމީ ދާއިރާއަށް ވަކިވަރެއް ހުށަހަޅާފައިވާއިރު އެ ފައިސާ ހަރަދުކުރާނީ އެ ދާއިރާގެ ކޮންކޮން ކަންކަމަކަށްކަން ބަޔާންކޮށްފައެއް ނުވެ އެވެ. ސިޔާމް ފާހަގަކުރެއްވީ އެކަމެވެ.
ބަޖެޓުގައި ހިމަނާފައިވާ ބައެއް ނަންބަރުތަކަށް އަލިއަޅުއްވާލަމުން ވިދާޅުވީ 2024 ވަނަ އަހަރު ފޮރިން މިނިސްޓްރީއަށް ކަނޑައެޅި ބަޖެޓަށްވުރެ 40 ޕަސެންޓް މިފަހަރު މަތިކޮށްފައިވާ ކަމަށެވެ. އެމްބަސީތަކަށް އެތައް ސަތޭކަ މިލިއަނެއް ހަތަދުކުރާއިރު އެތަންތަނުން ދޭ ހިދުމަތެއް ނެތް ކަމަށެވެ.
ސިޔާމް ވިދާޅުވީ އިސްރާފުކުރަން ހުރި ފައިސާގެ ނަންބަރުތައް ވެސް ބަދަލުކުރުމަށްފަހު ތަފްސީލީ ބަޖެޓެއް އަލުން މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނޭންގޭ އެއްޗަކަށް ވޯޓު ދީގެން ގިޔާމަތް ދުވަހުން ވެސް ލިބޭނީ އަޒާބު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޯޓަލް މިއޮތީ 56 ބިލިއަން ރުފިޔާ. އޮތް އިރުގައި އަޅުގަނޑުމެންނަކަށް ނޭނގޭ [ފައިސާ] ހަރަދު ކުރަނީ ކޮން ކަމަކަށް ކަމެއް. އެހެންވީމަ އަޅުގަނޑު ހަމަ މި ގައުމުގެ ރައްޔިތުންގެ ހައްގުގައި އަޅުގަނޑު ހުށަހަޅަން މި ބަޖެޓު މުޅިން ބަދަލު ކުރައްވައި، ތަފުސީލު އެނގޭނެހެން އަޅުގަނޑުމެންނަށް މި ފޮތް އަލުން ދެއްވުމަށް،" ސިޔާމް ހުށަހެޅުއްވި އެވެ.
ސިޔާމްގެ އިތުރުން އިދިކޮޅު އެމްޑީޕީ މެންބަރުން ވެސް އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވެފައި ވަނީ މިއީ ހަގީގަތުގައި ބަޖެޓު ހުށަހަޅަން ޖެހޭ ގޮތް ކަމަށެވެ.