ޝަހީމާއި އިޔާޒަކީ ކުރީން ވަރަށް ގާތް ދެ ބޭފުޅުންނެވެ. ޝަހީމަކީ އިޔާޒު ނިސްބަތްވާ އަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ނިކުންނެވި ބޭފުޅެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ރައީސް ކަމަށް ފައިނަންގަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ޝަހީމްގެ ކުރީގެ އެކުވެރިޔާ / މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.
ޝަހީމަށް ނިސްބަތް ކުރައްވާ އިޔާޒު މިހެން ވިދާޅުވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަންނަ ރިޔާސީ އިންތިހާބު ގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސުވާލު ކުރުމުން އެ ސުވާލަށް އެމަނިކުފާނު ވަކި ޖަވާބެއް ނުދެއްވާކަން ހާމަކޮށް ނޫހެއްގައި ލިޔެފައިވާ ހަބަރަކާ އެކު ކުރެއްވި ޕޯސްޓެއްގައި އިޔާޒު ވިދާޅުވީ މީހަކު ކުރާހާ ސުވާލަކަށް ޖަވާބުދީ މަޅިފަތީގައި ބެދިގެން ނުވާނެކަން، ރައީސް ކަމަށް ފައިނަންގަވައިގެން އުޅުއްވާ ޑރ. ޝަހީމް ފަދަ ބޭފުޅުން ދަސްކުރައްވަން ޖެހޭ ކަމަށެވެ.
ޝަހީމާއި އިޔާޒަކީ ކުރީން ވަރަށް ގާތް ދެ ބޭފުޅުންނެވެ. ޝަހީމަކީ އިޔާޒު ނިސްބަތްވާ އަދާލަތު ޕާޓީން ސިޔާސީ މައިދާނަށް ނިކުންނެވި ބޭފުޅެކެވެ. ޝަހީމާއި އިޔާޒުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވީ އިޔާޒުގެ އަނބިކަނބަލުން ހައްޔަރުކުރި މައްސަލައާ ގުޅޭގޮތުން ޝަހީމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.
އިޔާޒުގެ އަނބިކަނބަލުން ޝާދިޔާގެ އުޅުން ހުންނަ ގޮތާ ގުޅިގެން ޝަހީމްއާ އިޔާޒު ވާހަކަ ދެއްކެވި ކަމަށާ އެކަމާއި ގުޅިގެން ނަސޭހަތް ދެއްވި ކަމަށް ޝަހީމް ވިދާޅުވި އެވެ. ނަމަވެސް އެކަން އިޔާޒު ދޮގު ކުރެއްވި އެވެ. އަދި އިޔާޒުގެ އަރިހު، ޝާދިޔާ ވަރިކުރައްވަން ޝަހީމް އެދިވަޑައިގެންނެވި ކަމަށް އިޔާޒު ވިދާޅުވި އެވެ.
އެ މައްސަލާ ގައި ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން މުޅީން ކެނޑި އަދާވާތްތެރީންނަށް ވަނީ ބަދަލުވެފަ އެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގައި ރައީސް ޔާމީން، ރަނިންމޭޓަކަށް ނެންގެވީ ޝަހީމެވެ. މިދިޔަ ރިޔާސީ އިންތިހާބު ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ޝަހީމް ވެވަޑައިގަތުމަށް މަސައްކަތް ކުރެއްވި ކަމުގެ އަޑުތައް ވަރަށް ގަދަވި އެވެ. އަދި ފަހުން ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ވެވަޑަައިގަތުމާމެދު ވިސްނެވި ކަމަށް ވެސް އަޑުފެތުރުނެވެ.
ރިޔާސީ އިންތިހާބުގައި، ރައީސް މުއިއްޒަށް ތާއީދު ކުރައްވާ މުއިއްޒާއެކު ހުންނެވިކަން އެންމެ ފަހުން ހާމަކުރެެއްވި އެއް ބޭފުޅަކީ ޝަހީމެވެ. މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަން ދެއްވީ ޝަހީމެވެ.