"އާސަންދައިގެ ކަންކަން މާލިއްޔަތު ކޮމެޓީން ބެލި ބެލުމުގައި، އާސަންދަ މިވަނީ ރަގަޅު ނުކުރެވޭ ވަރަށް، ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފަ. އަސްލު ކެންސަރު ޖެހިފަވަނީ އާސަންދައަށް،" ނާޒިމް ވިދާޅުވި އެވެ.
އާސަންދަ ކުންފުނި އޮތީ ރިފޯމް ކުރެވޭ ވަރަށްވުރެ ހާލަތު ގޯސްވެފައި ކަމަށާއި، އެ ކުންފުނި އުވާލައި އާ ކުންފުންޏަކާއެކު އެ މަސައްކަތް އަލުން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ގޮވާލައްވައިފި އެވެ.
އަންނަ އަހަރު ލަފާކުރާ ދައުލަތުގެ ބަޖެޓަށް މިއަދު ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އާސަންދައަށް އޮތީ "ކެންސަރު" ޖެހިފައި ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ނާޒިމް ދެއްކެވީ 24،000 ރުފިޔާއަށް ކުންފުންޏަކުން ވިއްކަމުން ދިޔަ ލޮލުގެ އިންޖެކްޝަނެވެ.
އަމިއްލަ ކުންފުންޏަކުން 24 މިލިއަން ރުފިޔާ އެ އިންޖެކްޝަނަށް އާސަންދައަށް ބިލުކޮށްފައިވާއިރު، އޭގެ ހަމަ އަގު ފަސް މިލިއަން ރުފިޔާއަށް ވެސް ނާރާ ކަމަށް އޭނާ ވިދާޅުވި އެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ އޭގެ 1000 އަށްވުރެ ގިނަ އިންޖެކްޝަން ވިކިފައިވާ ކަމަށް އާސަންދައިގެ އިސްވެރިޔަކާ ހަވާލާދެއްވައި ނާޒިމް ވިދާޅުވި އެވެ.
"އާސަންދައިގެ ކަންކަން މާލިއްޔަތު ކޮމެޓީން ބެލި ބެލުމުގައި، އާސަންދަ މިވަނީ ރަގަޅު ނުކުރެވޭ ވަރަށް، ރިފޯމް ނުކުރެވޭ ވަރަށް ގޯސްވެފަ. އަސްލު ކެންސަރު ޖެހިފަވަނީ އާސަންދައަށް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އާސަންދައިން އެއްބަސްވުން ހަދާފައި ހުރި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް ވެސް ވަރަށް ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށެވެ. އެ އަގުތަކުގެ ފަހަތުގައި މެދުވެރިޔެއް ހުންނަކަމާއި، އެމީހުންނަށް ބައެއް އަޅާ ކަމަށް ޔަގީން ކުރެވޭ ކަމަށެވެ. އެހެންކަމުން އެ އެގްރިމެންޓްތަކުގައި ސަރުކާރުން ދެމިތިބެން ނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އާ ކުންފުންޏެއް ހަދާފަ ނަމަވެސް އެ އެގްރިމެންޓްތަކާ ވަކިވެ، އަޅުގަނޑުމެން އެބަ ޖެހޭ އާސަންދަ ހަމަމަގަށް އަޅުވަން،" ނާޒިމް ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އާސަންދަ ނިޒާމަށް އިސްލާހުތަކެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ. ބޭސް ވިއްކައިގެން ނާޖައިޒް ފައިދާ ނަގާ މައްސަލަ ހައްލުކުރުމަށް އަޅާ މައިގަނޑު ފިޔަވަޅަކީ ބަލްކް ޕްރޮކިއުމެންޓު މެދުވެރިކޮށް އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި ހުންނަ ބޭސް ރާއްޖެއަށް ގެނެސް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.