ރަށްރަށުގައި ހިންގާނެ މަޝްރޫއުތައް ބަޖެޓުގައި ނެތުމަކީ މައްސަލައެއް ނޫން، ބޭނުންވަަނީ ކަންވުން: ނާޒިމް

ނާޒިމު ވިދާޅުވެފައިވަނީ ރަށްރަށުގައި ހިންގާނެ މަޝްރޫއުތައް ބަޖެޓުގައި ހިމަނައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބަދަލުގައި މުހިއްމީ އެކަންކަން ކުރުން ކަމަށެވެ.

މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް: މަސްވެރިންނަށް ދެކޮޅު ޖެހޭ ސަބްސިޑީއެއް ދިނުމަށް ވަނީ ގޮވާލައްވާފައި --

އަންނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ވަކިވަކި ރަށްތަކުގައި ހިންގާނެ މަޝްރޫއުތަކުގެ ތަފުސީލު ނެތުމަކީ މައްސަލައެއް ނޫންކަމަށާއި ބޭނުންވަނީ އެ ރަށްތަކުގައި ހިންގަންޖެހޭ މަޝްރޫއުތައް ރަނގަޅަށް ހިންގައި ތަންފީޒުކުރެވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ. 

މިއަދު މަޖިލީހުގައި ކުރިއަށްދިޔަ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ރަށްރަށުގައި ސަރުކާރުން ހިންގަން ގަސްތުކުރާ މަޝްރޫއުތަކުގެ ތަފުސީލު ބަޖެޓުތަކުގައި ހިމަނާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ނަމަވެސް ބަޖެޓުގައި އެ މަޝްރޫއުތަކުގެ ތަފުސީލުތައް ހިމަނައިގެން ހާސިލުކުރެވުނީ ކޮން ކަމެއްތޯ ނާޒިމު ސުވާލު އުފެއްދެވި އެވެ. 

އޭނާގެ އަމިއްލަ ދާއިރާއަށް އަލިއަޅުވައިލައްވައި ނާޒިމު ވިދާޅުވީ އެ ދާއިރާގެ ދިއްގަރުގައި މަލްޓި ޕާޕޯސް ހޯލެއް އެޅުމަށް ބަޖެޓުގައި ހިމަނާފައި އޮންނަތާ އަހަރުތަކެއްވީއިރު އެ މަޝްރޫއު ފެށިގެން ނިންމައިލެވިފައިނުވާ ކަމަށެވެ. އަދި މުލީގައި ސުކޫލު ބަރިއެއް އެޅުމަށް ބަޖެޓުގައި ހިމެނި ނަމަވެސް އެ މަސައްކަަތްވެސް ނުކުރެވޭ ކަމަށެވެ. ހަމައެހެންމެ މުލީ އެއާޕޯޓުގެ މަސައްކަތްވެސް މިހާތަނަށް ނިމިފައިނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

މިފަދައިން ބަޖެޓުގައި ހިމަނާ މަޝްރޫއުތައް ނުނިމެނީ އެ މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބޭނުންވާ މާލީ އަދި އިގުތިސާދީ ގާބިލުކަން ދިވެހި ގައުމުގައި ނެތުމުންކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ރައްޔިތުންގެ ލޮލުގައި އަނދުނެއް އެޅުވުމަށް ބަޖެޓުގައި މަޝްރޫއުތަކެއް ހިމެނުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ކުރަންވީ ކަމަކީ ކަންކުރުން ކަމަށާއި ނަމަކަށް ބަޖެޓުގައި ކަންކަން ހިމެނުން ނޫންކަމަށް ނާޒިމު ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ދާއިރާގައި ހިމެނޭ ދިއްގަރުގައި މަލްޓި ޕާޕޯސް ހޯލެއް އަޅަން ބަޖެޓުގައި އޮންނަތާ ދެ އަހަރު ތިން އަހަރު ވެއްޖެ. މުލީގައި ކްލާސް ރޫމް އަޅަން އޮންނަތާ އެތައް އަހަރެއްވެއްޖެ. އެތައްކަމެއް ފެށިފައި ނިމިފައިކަ ނެތް. މުލީގައި އެއާޕޯޓު އަދިވެސް އޮތީ ނުނިމި.،" ނާޒިމު ވިދާޅުވި އެވެ. 

"ނުނިމިގެން މިއުޅެނީ ނުކުރެވިގެން މިއުޅެނީ އަޅުގަނޑުމެންގެ އިގުތިސާދުގައި އެހާ ފަންވަރު ނެތުމުންނޭ، އަޅުގަނޑުމެންގެ ގައުމުގައި އެހާ މާލީ ގާބިލުކަން ނެތުމުންނޭ. އެހެންކަމުން ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވަން ހިތްހަމަޖައްސަން އަޅުގަނޑުމެން އެވާހަކަ ބަޔާންކުރާނެ ކަމެއް ނެތް،" 

އިތުރަށް ނާޒިމު ވިދާޅުވީ ވަކިވަކި ރަށްރަށުގައި ހިންގާނެ މަޝްރޫއުތަކުގެ ތަފުސީލު ބަޖެޓުގައި ނެތުމަކީ މައްސަލައެއް ނޫންކަމަށާއި، ސަރުކާރުން މަސައްކަތްކުރަންވީ ރަށްރަށުގައި ކުރަން ހުރި އެންމެ މުހިއްމު މަސައްކަަތްތައް ކުރުމަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރަންޖެހިފައި ހުރި މުހިއްމު މަޝްރޫއުތައް ސަރުކާރުންވަނީ ދެނެގަނެފަ އެވެ. ދެން އޮތީ އެ މަސައްކަތްތައް ކޮށް ނިންމުމެެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.