ސަރަހައްދީ ހޮސްޕިޓާތަކުގައި ސްޕެޝަލިސްޓު ޑޮކްޓަރުން ދެ ދަންފަޅިއަށް ހިދުމަތްދެއްވަން ތިއްބަވާނެކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
މި އަހަރު ތެރޭގައި ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ފަސް ސަރަހައްދީ ހޮސްޕިޓަލުގައި ދެ ދަންފަޅީގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިއްޖެ އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވީ ސަރުކާރަށް އަހަރު ފުރުނުއިރު ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވި ރައްޔިތުންނަށް އެކަމުގެ ލާބައާއި ފަސޭހަތައް ލިބެން ފަށާފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން މިހާރު ގެނެވުނު އެންމެ ބޮޑު ބަދަލަކީ ރާއްޖޭގެ ފަސް ސަރަހައްދީ ހޮސްޕިޓަލުގައި ދެ ދަންފަޅީގައި ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ބަދަލުގެ ސަބަބުން އެ ރަށްރަށުގައި އުޅޭ ރައްޔިތުންގެ އިތުރަށް ޑޮކްޓަރަށް ދެއްކުމަށް ކައިރި ރަށްރަށުން ދާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަތޮޅު ތެރޭގެ ފަސް ރީޖަނަލް ހޮސްޕިޓަލުގައި ދެ ދަންފަޅިއަށް ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައި. މީގެ ސަބަބުން އެ ރަށުގެ ރައްޔިތުންގެ އިތުރަށް އެ ރީޖަންތަކުން އެ ހޮސްޕިޓަލުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" ނާޒިމު ވިދާޅުވި އެވެ.
ސަރުކާރުގެ އެއް އަމާޒަކީ އައު ހިދުމަތްތައް ތައާރަފުކުރުންކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ކިޑްނީ ބަލިތައް އާންމުވަމުންދާއިރު ޑައިލިސިސް ހެދުމަށް މާލެއަށް ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ދާންޖެހުމަކީ ވަރަށް ބޮޑު ތަކުލީފަކަށްވާތީ، ކޮންމެ އަތޮޅެއްގައި ޑައިލިސިސް ހެދޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށެވެ.
އެގޮތުން މިހާރު އެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ މިހާރު ޑައިލިސިސް ހިދުމަތް ލިބެން ނެތް އަތޮޅުތަކުގައި މި އަހަރުގެ ނިޔަލަށް އެ ހިދުމަތް ލިބެންހުންނާނެކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.
އިތުރަށް ނާޒިމް ވިދާޅުވީ މި އަހަރު ތެރޭގައި ދިހަ އަތޮޅެއްގައި ޕްރައިމަރީ ހެލްތުކެއާ ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ގޮސްފައިވާއިރު އަންނަ އަހަރުވެސް އެ މަސައްކަތް ކުރައްވާނެ ކަމަށާއި، އަންނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ހެލްތު ކެއާ ހުރިހާ އަތޮޅެއްގައި ކުރިއަށްގެންދަވާނެ ކަމަށެވެ.