ގިރާވަރުފަޅު ބިން ހިއްކުން ހަވާލުކުރީ ބޭރުގެ ފަރާތަކަށް ބައިވަރު ބިންތައް ލިބޭ ގޮތަށް އެއްކޮޅަށް ބުރަވާ އެއްބަސްވުމެއް ހަދައިގެން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ އެ އެއްބަސްވުމުން ނުކުތުމަށް ކަމުގަ އެވެ.
މާލޭ މީހުންނަން ގޯތި ދޫކުރުމަށް ގިރާވަރުފަޅު ހިއްކަން އެކަށައަޅާފައި އޮތް އެއްބަސްވުން އޮތީ ވަރަށް ބޮޑަށް އެއްފަޅިއަށް ބުރަވާ ގޮތަށް ބޭރުގެ ކުންފުންޏަކަށް ގިނަ އަދަދެއްގެ ބިންތައް ލިބޭ ގޮތަށްކަން ފާހަގަކުރައްވައި އެ އެއްބަސްވުމުން ނުކުތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން އިއުލާނުކޮށްގެން ހިންގަން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ހުރި ބިންތައް ހިއްކުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު، ސަރުކާރަށް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބާއްވަމުންދާ ޖަލްސާގައި ރައީސްވަނީ އާންމުކުރައްވާފަ އެވެ.
އެގޮތުން ގުޅިފަޅު ހިއްކުމަށް ކުރީ ސަރުކާރުން ފެށި މަސައްކަތް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގޮސްފައިވާ ހިސާބުގެ މައްޗަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ އެއިރު ނިމިފައި އޮތީ އެންމެ %44 މަސައްކަތް ކަމަށެވެ. އެއިރު ސަރުކާރުން ހިއްކަން ފެށި ސަރަހައްދުގެ މަސައްކަތް ނިންމަވާފައިވާ ކަމަށާއި ބާކީ މިހާރު އޮތީ މި ސަރުކާރުން އިތުރަށް ހިއްކަން ނިންމި ސަރަހައްދުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް އަންނަ އަހަރު ނިންމަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ގުޅިފަޅު ހިއްކަން ފަށާފައި އޮތީ 44 ޕަސެންޓު މަސައްކަތް ނިންމާފައި. އަޅުގަނޑުމެން ވާނީ އެބައި އެއްކޮށް ހިއްކައި ނިންމާފައި. އަޅުގަނޑުމެން އިތުރަށް ހިއްކަން ބުނި ބައި ހިއްކަން ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނަން. އެތަން ނުލައި އެއްކޮށް ހިއްކާ ނިންމައިފި. އެތަން ލައިގެން ބަލަންޏާ ގާތްގަނޑަކަށް 70 ޕަސެންޓު އެއޮތީ ހިއްކިފަ. މިއަންނަ އަހަރު ތެރޭ މުޅި ގުޅިފަޅު ހިއްކައި ނިންމަދޭނަން،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭ ފޭސް ތިނެއްގެ މަސައްކަތްތަކަށް އަލިއަޅުވައިލާ ރައީސް ވިދާޅުވީ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއިރު އެތަނުން ހިއްކިފައި އޮތީ އެންމެ 17 އިންސައްތަ ކަމަށެވެ. މިހާރު 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މުޅި އެ ސަރަހައްދު ހިއްކައި ނިންމައިލެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގިރާވަރުފަޅުން ހިއްކާފައި އޮތީ އެންމެ 19 އިންސައްތަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިހާރު އެތަނުން 33 އިންސައްތަ ހިއްކައި ނިންމައިލެވިފައިވާ ކަމަށެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތް ގޮތުގެ ބައެއް ތަފުސީލުތަކަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއު ބޭރުގެ ފަރާތަކާ ހަވާލުކޮށްފަައިވަނީ އެއްވެސް އިންސާފެއް ނެތް ގޮތަށް ނުގަވައިދުން ބޭރުގެ ފަރާތަކަށް ވަރަށް ގިނަ ބިންތަކެއް ލިބޭ ގޮތަށް ކަމަށެވެ. އިތުރަށް އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެ މަޝްރޫއުގެ އެއްބަސްވުމަކީ ވަރަށް ބޮޑަށް އެއްފަޅިއަށް ބުރަވާ އެއްބަސްވުމެކެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުގެ އަމާޒަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ކުރީ ސަރުކާރުން ހަދާފައިވާ ގިރާވަރުފަޅު އެއްބަސްވުމުގެ ތެރެއިން ނުކުތުން ކަމަށެވެ. އަދި އެއަށްފަހު އަންނަ އަހަރު އެތަންވެސް ހިއްކައި ނިންމުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.
"ގިރާވަރުފަޅު މަޝްރޫއުގައި މިއޮތީ ނުގަވާއިދުން އެއްވެސް އިންސާފެއް ނެތް ގޮތަކަށް ބޭރުގެ ފަރާތަކަށް ވަރަށް ގިނަ ބިންތައް ލިބޭ ގޮތަކަށް އެއްބަސްވުމެއް ހަދައިގެން ވަރަށް ލޮޕްސައިޑެޑް ގޮތަކަށް އެއްބަސްވުމެއް ހަދާފައި. ވަރަށް ގަޑުބަޑު ގޮތަކަށް އެއްބަސްވުމެއް ހަދާފައި. އޭގެ ތެރެއިން ނުކުންނަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ. ނުކުމެ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އެތަން ހިއްކައި ނިންމަން އަޅުގަނޑުމެން މަސައްކަތްކުރަނީ،" ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭ ހިކިފަސްތަނުން ދޫކޮށްފަހުރި ހުރިހާ ގޯއްޗެއްގެ ރަޖިސްޓްރީ މިހާރު ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު މިހާރު މަސައްކަތްކުރައްވަމުންގެންދަވަނީ ކަނޑުފަޅުން ދޫކޮށްފައި ހުރި ގޯތިތައް ދޫކުރުމަށް ބޭނުންވާ ބިންތައް ހިއްކައި އެތަންތަނުގައި އުމްރާނީ ތަރައްގީގެ މަސައްކަަތް އަވަހަށް ފަށައި ބިންތައް މީހުންނަށް ދޫކުރުމަށް ކަމަށެވެ.